ކޮވިޑް-19 ގައި މަރުވާ ސްރީ ލަންކާ މުސްލިމުން ރާއްޖޭގައި ވަޅުލައިދިނުމަކީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.
ކޮވިޑް ޖެހިގެން ލަންކާގައި މަރުވާ މުސްލިމުންނަށް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ރާއްޖޭގައި ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދޭން ލަންކާ ސަރުކާރުން ވަނީ އެދިފަ އެވެ. އެ އިންތިޒާމު ހަމަޖެއްސުމާ ގުޅޭގޮތުން ސަރުކާރުން މަޝްވަރާ ކުރަމުން އަންނައިރު، އެކަމާ ގުޅޭގޮތުން ދީނީ އިލްމުވެރިންގެ މެދުގައި ވަނީ ހިޔާލު ތަފާތުވެފަ އެވެ.
ސަރުކާރު ހިންގާ ކޯލިޝަންގައި ވެސް ހިމެނޭ އަދާލަތު ޕާޓީން މިއަދު ކުރި ޓުވީޓެއްގައި ބުނީ، މުޅި ދުނިޔެއަށް ދިމާވެފައިވާ މި ނާޒުކު ހާލަތުގައި ލަންކާ މުސްލިމުންގެ ހާލަތަށް ރިއާޔަތްކޮށް އެގައުމުގައި މަރުވާ މުސްލިމުންގެ ޖަނާޒާގެ ކަންތައް ހަމަޖައްސައިދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.
"ލަންކާގައި މަރުވާ މުސްލިމުންގެ ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދެއްވުމަކީ ސްރީލަންކާގެ މުސްލިމުންގެ ހައްގުގައާއި އިސްލާމީ އުންމަތުގެ ހައްގުގައި ކޮންމެހެން ކުރަން ޖެހޭ ކަމެއްކަމުގައި މިޕާޓީން ދެކެމެވެ." އަދާލަތު ޕާޓީން ބުންޏެވެ.
އެޕާޓީން ބުނީ، މިފަދަ ފިޔަވަޅުތަކަކީ އިސްލާމީ އުންމަތުގެ އުހުއްވަތްތެރިކަމާއި އެއްބައިވަންތަކަމަށް ވެސް މުހިންމު އަދި ލަންކާ އާއި ރާއްޖެއާ އޮންނަ ޒަމާންވީ ގުޅުން ދެމެހެއްޓުމަށް އެޅޭނެ ހަރުދަނާ ފިޔަވަޅެއް ކަމަށެވެ.
އަދާލަތު ޕާޓީގެ އިތުރުން ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ވަނީ މިކަމަށް ތާއީދު ކުރައްވައިފަ އެވެ. ނަމަވެސް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގެންދަވަނީ މިއީ ދީނީގޮތުން ކޮށްދޭން ޖެހޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ އެކަމާ ދެކޮޅަށް ވާހަކަފުޅު ދައްކަވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު