ކޮވިޑް-19 ގައި މަރުވާ ސްރީ ލަންކާ މުސްލިމުން ރާއްޖޭގައި ވަޅުލައިދިނުމަކީ ދީނީ ގޮތުން ކޮށްދޭން ޖެހޭނެ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ކޮވިޑް ޖެހިގެން ލަންކާގައި މަރުވާ މުސްލިމުންނަށް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ރާއްޖޭގައި ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދޭން ލަންކާ ސަރުކާރުން އެދުމުން އެކަމަށް އެންމެ ފުރަތަމަ ދެކޮޅު ހެއްދެވި ބޭފުޅަކީ ވެސް މައުމޫނެވެ.
އެކަމާ ގުޅިގެން ރައީސް މައުމޫން ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއްވެސް ދީނަކަށް ނުވަތަ ނަސްލަކަށް ނުބަލައި، ރާއްޖެއަށް ޒިޔާރަތްކުރާ ހުރިހާ ފަރާތްތަކަށް މަރުހަބާ ދަންނަވާ ކަމަށެވެ. ނަމަވެސް ކޮވިޑް ބަލީގައި މަރުވާ ބޭރު ފަރާތްތައް ރާއްޖެ ގެނެސް ވަޅުލުމަކީ ތާއީދު ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ. އޭގެ ސަބަބެއް ވިދާޅެއް ނުވެ އެވެ.
އެކަމުގައި ދީނީ އިލްމުވެރިންގެ މެދުގައި ވެސް ހިޔާލު ތަފާތުވެފައިވާ ދަނޑިވަޅެއްގައި ރައީސް މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޮވިޑުގެ ސަބަބުން މަރުވާ ލަންކާ މުސްލިމުންގެ ހަށިތައް ރާއްޖޭގައި ވަޅުލައިދިނުމަކީ ދީނީ ގޮތުން ކޮށްދޭން ޖެހޭ ކަމެއް ނޫން ކަމަށެވެ.
"އެކަން ކޮށްދީފިނަމަ އެކަންވާނީ އެގައުމުގެ ސަރުކާރުން މުސްލިމުންނާމެދު އަމަލުކުރަމުންދާ ގޮތަށް ކުރެވޭ ތާއީދަކަށް،" ރައީސް މައުމޫންގެ ޓުވީޓުގައި ވިދާޅުވި އެވެ.
ރައީސް މައުމޫންގެ ހިޔާލު މިހެން ހުންނެވި އިރު، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވާ ގޮތުގައި، ލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މުސްލިމުން ރާއްޖެ ގެނެސް ވަޅުލުމަކީ މިވަގުތަށް މުހިންމު ކަމެކެވެ. އަދި އެއީ ގިނަގުނަ ދަރުމައާއި ސަވާބު ލިބޭނެ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
އިސްލާމިކް މިނިސްޓަރުގެ އިތުރުން މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވެސް ވަނީ ކޮވިޑް ޖެހިގެން ލަންކާގައި މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލުމަށް ތާއީދުކުރައްވައިފައެވެ. އެގޮތުން އިޔާޒް ވިދާޅުވީ، ލަންކާގައި ކޮވިޑް ބަލީގައި މަރުވާ މުސްލިމުނާ މެދު ވަރަށް އިހާނެތިކޮށް ކަންތައް ކުރެވެމުންދާ ކަމަށާއި އެހެންކަމުން އެބައިމީހުންނަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދެއްވައި އެ އިހާނެތިކަމުން މުސްލިމުން ސަލާމަތްކުރުމަށް ނިންމުމަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު