ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި މިދިޔަ ޖޫން މަހުގެ ތެރޭގައި ކެންޔާގެ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލާގައި ޕްރޮސެކިއުޓާ ޖެނެރަލްގެ (ޕީޖީ) އޮފީހުން ފުރިހަމަ ކުރަން އެދުނު ކަންތައްތައް ފުރިހަމަ ކުރުމަށްފަހު އެ މައްސަލަ އަލުން ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.
މި މައްސަލަ ތަހުގީގުކޮށް ފުރިހަމަ ކުރަމުން އަންނަނީ ޕީޖީ އޮފީހާއި ފުލުހުން ގުޅިގެންނެވެ. އެގޮތުން އެ މައްސަލައިގެ މަޝްވަރާތައް ދެ މުއައްސަސާއިން ވެސް ކުރަމުން އަންނައިރު، އެއްވެސް މީހަކަށް ދައުވާކުރަން އަދި ފޮނުވާފައެއް ނުވެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، ޕީޖީ އޮފީހާއެކު މީގެ ކުރިން މަޝްވަރާކުރުމުން ފުރިހަމަ ކުރަން އެދުނު ކަންކަން ފުރިހަމަ ކުރުމަށްފަހު މައްސަލަ މިމަހުގެ ކުރީކޮޅު އަނެއްކާ ވެސް ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
މިދިޔަ ޖުލައި މަހު ޕީޖީ ހުސެއިން ޝަމީމު ވަނީ، ސަފާރީގައި ޖިންސީ ގޯނާ ކުރި މައްސަލައިގެ ކަންބޮޑުވުން އާންމުންގެ މެދުގައި ވަރަށް ބޮޑަށް އޮތުމުން، އެ މައްސަލައަކީ ހާއްސަ މައްސަލައެއްގެ ގޮތުގައި ބައްލަވާނެ ކަމަށް ވިދާޅުވެފަ އެވެ.
މި މައްސަލައިގެ ތަހުގީގު ލަސްވުމާއި މައްސަލައަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމަށް އަންނަނީ ތުހުމަތު ކުރަމުންނެވެ. އެ ތުހުމަތުތައް ބޮޑުވީ އެ މައްސަލައިގައި އެންމެ ފުރަތަމަ ހައްޔަރުކުރި ދެ މީހުން ދޫކޮށްލުމުންނެވެ.
ނަމަވެސް ފުލުހުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު އަބްދުލް މަންނާނު ޔޫސުފް ވަނީ، އެ މައްސަލައިގައި ތުހުމަތު ކުރަނީ ކުށުގެ ވެށިން ހައްޔަރުކުރި ދެ ފިރިހެނުންނަށް އެކަނި ކަމަށެވެ. އަދި އެމީހުން ދޫކޮށްލާފައިވަނީ އެމީހުން ބަންދުގައި ބައިތިއްބަން ޖެހޭ ސަބަބެއް އޮތް ކަމަށް ނުފެންނާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ދެމީހުން މަސްތުގެ ހާލުގައި ތިބިކަމަށް ތުހުމަތު ކުރެވޭއިރު، މަންނާނު ވިދާޅުވީ އެމީހުން ތިބީ މަސްތުގެ ހާލުގައި ކަމަށް އެއްވެސް ވަރަކަށް ފުލުހުންގެ ތަހުގީގަށް ފާހަގަކުރެވިފައި ނުވާ ކަމަށެވެ. އަދި އެމީހުން ދޫކޮށްލުމުގައި އެއްވެސް ނުފޫޒެއް އެއްވެސް ބަޔަކު ފުލުހުންގެ މައްޗަށް ފޯރުވާފައި ނުވާ ކަމަށްވެސް މަންނާނު ވިދާޅުވިއެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް