ށ. ފޯކައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ބާރަށް ކުރިޔަށް ދާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފި އެވެ. އެ ގޮތުން އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ޖުމުލަ މަސައްކަތުގެ 15 ޕަސެންޓް މިހާރު ނިމިއްޖެ ކަމަށެވެ. މި މަޝްރޫއުގެ ދަށުން، މިހާރު ކުރިއަށް ދަނީ ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަހައްދު ފުންކުރުމުގެ މަސައްކަތް ކަމަށް ވެސް އެ ކުންފުނީން ބުނެ އެވެ.

މި މަޝްރޫއުގެ ދަށުން 39،995 ކިއުބިކް މީޓަރުގެ ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަހައްދު ފުންކުރުމާއި، 1800 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ މިހާރު ބޭނުންކުރަމުން އަންނަ ބަނދަރު ފުންކުރުމާއި، 4000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި 507 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 100 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 464 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ބުނެ އެވެ.

މީގެ އިތުރުން 2320 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި ނެރު ބައްތި އާއި މަގު ބައްތި ޖެހުމުގެ މަސައްކަތް ވެސް ހިމެނޭ ކަމަށާއި މި މަޝްރޫއަކީ 52.7 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް ވެސް އެ ކުންފުނީން ބުނެ އެވެ. މި މަޝްރޫއު މޮބިލައިޒް ކުރެވިފައިވަނީ 17 ސެޕްޓެމްބަރ 2020 ގައެވެ.