ށ. ފޯކައިދޫ ޕޮލިސް ސްޓޭޝަންގެ އިންޗާޖުގެ ސައިކަލުގައި ރޯކޮށްލި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ފުލުހުން ނިންމައިފިއެވެ.
ފާއިތުވި މަހުގެ 28 ވަނަ ދުވަހު ފުލުހުން "ވަން"އަށް ބުނީ ފޯކައިދޫގައި ސައިކަލެއްގައި ރޯކޮށްލާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފާއިތުވި އެޕްރީލް 27 ވަނަ ދުވަހުގެ 22:30 އެހައިކަންހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ރޯކޮށްލާފައިވާ ސައިކަލަކީ ފޯކައިދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހެއް ދިރިއުޅޭ ގެ ކައިރީ ބަހައްޓާފައި ހުރި އޭނާގެ ސައިކަލެއް ކަމަށް ފުލުހުން ބުންޏެވެ.
"ވަން"އަށް އެނގިފައިވާގޮތުގައި އެއީ ފޯކައިދޫ ފުލުހުންގެ ސްޓޭޝަނުގައި މަސައްކަތްކުރާ ފޯކައިދޫ ޕޮލިސްގެ އިސްވެރިޔާގެ ސައިކަލެވެ.
މިކަމާ ގުޅުގެން ފުލުހުން އިއްޔެ ނެރުނު ބަޔާނުގައި ބުނީ އެ ހާދިސާގެ ތަހުގީގުން މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އެއީ ފުލުސް އޮފިސަރަށް އަމާޒުކޮށްގެން ގަސްތުގައި ހިންގާފައިވާ އަމަލެއް ކަމަށެވެ.
އެ ހާދިސާގައި ސައިކަލު ބޭނުންނުކުރެވޭ ވަރަށް އަންދާލާފައިވާ އިރު، އެ ގޭގެ ގޭޓު ހިމެނޭހެން ގޭގެ ބައެއް ސަރަހައްދުތަކަށް ގެއްލުންވެފައިވެއެވެ. އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށާއި އެ އަމަލު ހިންގި ބަޔަކު ހޯދައި ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށް ބަޔާނުގައިވެއެވެ.
ފުލުހުން އިތުރަށް ބުނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފުންނަށް އަމާޒުކޮށް ހިންގާ ބިރުދެއްކުމުގެ އެފަދަ އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އެއީ މުޅި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރި ކަމަށް އޮތް ގޮންޖެހުމެއްގެ ގޮތުގައި ދެކޭ ކަމަށެވެ.
ކުށްކުރާ ފަރާތްތަކުން ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި، ބިރު ދެއްކުމަށް ހިންގާ އެފަދަ ފިނޑި އަމަލުތަކުގެ ސަބަބުން، ގާނޫނު ތަންފީޒުކުރުމުގައި ފުލުހުން ކުރަމުންދާ މަސައްކަތަށް އެއްވެސް މަޑުޖެހުމެއް ނާންނާނެ ކަމަށް ބަޔާނުގައިވެއެވެ.
ފުލުހުންނަށް އަނިޔާކުރުމާއި ބަދަލުހިފުމުގެ ރޫހުގައި ހިންގާ ކޮންމެ އަމަލަކާ މެދު ފަސްޖެހުމެއް ނެތި ގާނޫނީ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށާއި ގާނޫނު ނަގަހައްޓައި، ފުލުހުންގެ ރައްޔާތެރިކަން ކަށަވަރުކޮށް އަމާންކަން ގާއިމުކުރުމުގައި ދިވެހި ފުލުހުންގެ ހިދުމަތުން ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފާތިމަތު ލިއުޝާ
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް