މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް (އެމްއެމްޕީއާރްސީ)ގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްގަފޫރު ގެއަށް ބަދަލުކޮށްފައިވަނީ، މަނީ ލޯންޑަރިންގެ ކުށުގައި ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ކްރިމިނަލް ކޯޓުގައި ހެކިބަސް ދީފައިވާތީ އެކަމުގެ ހަދިޔާއެއްގެ ގޮތުން ކަމަށް ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ބުނެފިއެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ދައުލަތުން އުފުލި ހަތް ދައުވާއަށް އަދީބު އިއުތިރާފުވެ ވަޑައިގަތުމުން މިދިޔަ އޮކްޓޯބަރު މަހުގެ ފަސްވަނަ ދުވަހު ވަނީ 20 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފައެވެ.
ނަމަވެސް ޖަލުގައި ނުބަހައްޓައި އަދީބު ބަހައްޓާފައި ހުރީ ގޭގައެވެ. ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވި ގޮތުގައި، އަދީބު ގޭ ބަންދުގައި ހުރީ ސިއްހީ މައްސަލަތަކެއްގެ ސަބަބުން ނިދަން އުނދަގޫވެ، އެކަމަށް ހާއްސަ މެޝިނެއް ބޭނުން ކުރަން ޖެހޭތީއެވެ. އަދި އެއީ ޖަލުގައި ބޭނުން ނުކުރެވޭ މެޝިނެއް ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވަކީލުންގެ ފަރާތުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ދައުލަތުގެ ތަހުގީގީ އިދާރާތަކުން 200 އަށްވުރެ ގިނަ ފަރާތްތަކުގެ މައްޗަށް ތަހުގީގީ ހިންގައި ކުށުގެ ތުހުމަތުކޮށްފައިވާ އިރު، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުވުމަށްފަހު އެއިން އެއްވެސް ފަރާތެއްގެ މައްޗަށް މިއަދާ ހަމައަށްވެސް އެކަށީގެންވާ ގޮތެއްގައި ދައުވާ އުފުލައި، ނުވަތަ އިތުރު ތަހުގީގެއް ހިންގާފައި ނުވާއިރު، ހަމައެކަނި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތަކުރާރުކޮށް ދައުވާތައް އުފުލަމުންދިއުމަކީ އިއްތިފާގެއް ނޫން ކަމަށެވެ.
ވަކީލުން ބުނީ ރައީސް ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުގައި ދައުލަތުން މިހާރު އުފުލާފައިވާ ދައުވާތަކަކީ ގާނޫނީ ގޮތުން އެއްވެސް ބުރަދަނެއް އަދި އަސާސެއް ނެތް ދައުވާތަކެއް ކަމަށެވެ.
ރައީސް ޔާމީނުގެ މައްޗަށް ދައުލަތުން ވަނީ މަނީ ލޯންޑަރިންގެ ކުށުގެ އިތުރު ދައުވާއަކާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާކޮށްފައެވެ. އެ ދެ ދައުވާގެ ޝަރީއަތް މިހާރު ވަނީ ކްރިމިނަލް ކޯޓުގައި ފަށައިފައެވެ.
މީގެ އިތުރުން ރައީސް ޔާމީންގެ ވަކީލުން ބުނީ، ބޮޑު ހިިޔާނާތުގެ ތަނބު ކަމުގައިވާ ކުރީގެ ނައިބު ރައީސް އަދީބާއި އެމްއެމްޕީއާރްސީގެ އެއިރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއެކު ދައުލަތުން ސިއްރު އަދި ގާނޫނު ނުވެސް ދަންނަ، އެއްބަސްވުންތަކެއް ހަދާފައިވާ ކަމަށެވެ. އަދި 800 އަށްވުރެ ގިނަ އަހަރުގެ ހުކުމެއް އެބޭފުޅެއްގެ މައްޗަށް ކުރެވޭ ވަރުގެ ހެއްކާއި ގަރީނާ ހުރިކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެފައިވާ ކުރީގެ ނައިބު ރައީސް އަދީބު، ގޭގައި ބަހައްޓާފައިވަނީ ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސް ދިނުމުން އެކަމުގެ ހަދިޔާއެއްގެ ގޮތުން ކަމަށާއި އެއީ ޣައިރު ގާނޫނީ ލުޔެއް ކަމަށެވެ.
ވަކީލުން ބުނީ، ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް ޖަވާބުދާރީވުމުގައި ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) އާއި 53 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ދުސްތޫރީ ހައްގު ކަމަށްވާ ގާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބުމުގެ ހައްގު ނިގުޅައިގަތުމަށް މިދިޔަ ދުވަސްތަކުގައި ތަކުރާރުކޮށް ހޯމް މިނިސްޓްރީން މަސައްކަތްކޮށްފައިވާ ކަމަށެވެ. ވަކީލުން ވަނީ ރައީސް ޔާމީންގެ ޝަރީއަތަށް ހޯމް މިނިސްޓްރީން ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކޮށް ރައީސް ޔާމީނަށް އިންސާފުވެރި ޝަރީއަތެއް ހޯދައިދިނުމަށާއި ކުރެވިފައިވާ ތުހުމަތުތަކަށް ޖަވާބުދާރީވުމަށް ދުސްތޫރީގޮތުން ލިއްބައިދޭ އެންމެހާ ހައްގުތައް ފުރިހަމައަށް ލިބޭނެގޮތް ކަށަވަރުކޮށްދިނުމަށް ދައުލަތުގެ ކަމާ ބެހޭ އިދާރާތަކަށް އިލްތިމާސްކޮށްފައެވެ.
މަނީ ލޯންޑަރިންގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު