މަސްވެރިކަން ކުރާ އުޅަނދު ފަހަރުގައި، ލޮނު ފެނުގައި މަސް ފިނިކުރާ ނިޒާމު (ރެފްރިޖަރޭޓަޑް ސީވޯޓަރ ސިސްޓަމް/އާރުއެސްޑަބްލިއު ސިސްޓަމް) ގާއިމް ކުރުމަށް ރާއްޖެ ގެންނަ އާރުއެސްޑަބްލިއު ސިސްޓަމްތަކުގެ ޑިއުޓީ މާފު ކުރުމަށް އެދޭ ފަރާތްތަކުން، އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ އިން މިއަދު ބުނީ، އެފަދަ ސިސްޓަމްތަކުގެ ޑިއުޓީ މާފު ކުރަން އެދޭ ފަރާތްތަކުން، "ޑިއުޓީ މާފުކުރަން އެދޭ ފޯމް" ފުރިހަމަ ކުރައްވައި އިންވޮއިސްގެ ކޮޕީއަކާއެކު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ހުށަހެޅުމުން އާރުއެސްޑަބްލިއު ސިސްޓަމްގެ ޑިއުޓީ މާފު ކުރެވޭނެކަމަށެވެ.

އާރުއެސްޑަބްލިއު ސިސްޓަމަކީ، ފަހަކަށް އައިސް ރާއްޖޭގެ މަސްވެރިން މަހަށް ނިކުންނަ ދަތުރު ތަކުގައި، އައިސް ހޯދުމަށް ކުރާ ހޭދަ ކުޑަ ކުރުމުގެ ގޮތުން، އުޅަނދު ފަހަރުގައި ގާއިމް ކުރަމުން އަންނަ ސިސްޓަމެއް ކަމަށް ފިޝަރީޒް މިނިސްޓް ވަނީ ބުނެފައެވެ.

އެ ނިޒާމަކީ މަސްވެރި އުޅަނދު ފަހަރުގައި ގާއިމްކޮށް، މަސްވެރިކަމުގެ ދަތުރެއްގައި މަސްކިރެންދެން މަސް ތާޒާކަންމަތީ ދޯނި ފަހަރުގައި ބެހެއްޓޭނެ ނިޒާމަކަށްވާތީ، އެ ސިސްޓަމުން ޑިއުޓީ ކަނޑާލުމަކީ، މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް، އެ ސިނާއަތް ތަރައްގީ ކުރުމަށް ލިބިގެންދާނެ ލުޔެއް ކަމަށްވެސް ފިޝަރީޒް މިނިސްތްރީން ވަނީ ބުނެފައެވެ.