ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ތެލާއި ގޭހާއި މައުދަނުގެ އިތުރުން ދިރުންނެތް އެހެނިހެން ގުދުރަތީ ވަސީލަތްތައް ހޯދައި ނެގުމަށް ހާއްސަ ގާނޫނީ އޮނިގަނޑެއް އެކުލަވާލުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.
މި ނިންމުން ނިންމާފައިވަނީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ. މި ޖަލްސާގައި މިކަމާ ގުޅޭ ހުށަހެޅުން ހުށަހެޅުއްވީ ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަހުމަދު ޝިޔާމެވެ.
މިނިސްޓަރުގެ ހުށަހެޅުއްވުމާ ގުޅިގެން، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައިވާ ދިރުންނެތް ގުދުރަތީ ވަސީލަތްތައް ހޯދައި ނެގުމުގެ މަސައްކަތްތައް ފެށުމަށް ކަމާގުޅޭ އިދާރާތަކަށް ވަޒީރުންގެ މަޖިލީހުން ވަނީ އަންގައިފައެވެ.
މި ސިނާއަތް ހަރުދަނާކޮށް ރާވައި ހިންގުމަށްޓަކައި ހާއްސަ ބިލެއް ފަރުމާކުރުމަށްވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމައިފައެވެ. މި ބިލުގެ ދަށުން، ދިރުންނެތް ކަނޑުގެ ގުދުރަތީ ވަސީލަތްތައް ހޯދައި ނެގުމަށް ހުއްދަ ދިނުމުގެ އުސޫލުތައް ކަނޑައަޅާނެއެވެ. އަދި ކަނޑުން ނަގާ ވަސީލަތްތަކުގެ މިލްކުވެރިކަން ކަނޑައެޅުމުގެ މިންގަނޑުތައްވެސް މި ގާނޫނީ އޮނިގަނޑުގެ ތެރޭގައި ހިމެނުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން، މިފަދަ ވަސީލަތްތައް ހޯދުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށްޓަކައި ފިޝަރީޒް މިނިސްޓްރީއާއި ކަމާގުޅޭ އެހެނިހެން އިދާރާތަކުން ފުރިހަމަކުރަންޖެހޭ އެންމެހާ ކަންކަން ފެށުމަށްވެސް ވަނީ ނިންމައިފައެވެ.
ވަޒީރުންގެ މަޖިލީހުގެ މި ނިންމުމާއެކު، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައިވާ އިގުތިސާދީ މުއްސަނދިކަން ދެނެގަތުމުގެ މަސައްކަތް މިހާރު ވަނީ ރަސްމީކޮށް ފަށައިފައެވެ. އަދި މި ވަސީލަތްތަކުގެ ފައިދާ ގައުމަށް ހޯދައިދިނުމަށްޓަކައި ކުރަންޖެހޭ ގާނޫނީ އަދި އިދާރީ އަމަލީ މަސައްކަތްތައް ކަމާގުޅޭ އިދާރާތަކުން ގުޅިގެން ކުރިއަށް ގެންދާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓް
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓް
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓް
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓް
ކޮމެންޓް