ރާއްޖޭގައި ކާނާގެ ޔަގީންކަން ކަށަވަރުކުރުމަށާއި އެންވައިރަމަންޓް މިނިސްޓްރީން އިސްނަގައިގެން ކުރިއަށްގެންދާ ފަސް މިލިއަން ގަސް އިންދުމުގެ ބިޔަ މަޝްރޫއަށް އެއްބާރުލުން ދިނުމުގެ ގޮތުން ރާއްޖޭގެ ދިހަ ރަށެއްގައި އެގްރޮފޮރަސްޓްރީ ދަނޑުތަކެއް ގާއިމުކުރުމަށްޓަކައި މުހިންމު އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފިއެވެ.
އެ އެއްބަސްވުމުގައި ސޮއިކުރީ އެންވައިރަމަންޓް މިނިސްޓްރީ އާއި ފިޝަރީޒް މިނިސްޓްރީއާ ދެމެދުއެވެ.
އެންވައިރަމަންޓް މިނިސްޓްރީން ބުނީ އެ އެމްއޯޔޫގެ ދަށުން ހޮވާލެވޭ ދިހަ ރަށެއްގައި ގަސްގަހާގެހި އިންދައި އެ ތަންތަން އެގްރޮފޮރަސްޓްރީ ދަނޑުތަކެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވެއެވެ.
އެ މަޝްރޫއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ތިމާވެށި ހިމާޔަތް ކުރުމަށާއި ރާއްޖޭގެ އިގުތިސޯދީ ފުދުންތެރިކަން އިތުރުކުރުމަށް ދެއްވާ ހާއްސަ އަހައްމިއްޔަތުކަމުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެއް ކަމަށް އެންވައިރަމަންޓް މިނިސްޓްރީން ބުންޏެވެ.
"މީގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުކޮށް، މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކަށް ބާރުލިބޭނެ ފަދަ ދެމެހެއްޓެނިވި ނިޒާމެއް ބިނާކުރުން. މި އެއްބަސްވުމުގެ ދަށުން ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް އެހީތެރިވުމުގެ ގޮތުން، ފިޝަރީޒް މިނިސްޓްރީން ހަތަރު ލައްކަ ގަސް ސަޕްލައިކޮށްދިނުމަށް ވަނީ އެއްބަސްވެފައި." އެންވައިރަމަންޓް މިނިސްޓްރީން ބުންޏެވެ.
އޭގެ އިތުރުން، ދިހަ ރަށެއްގައި ދިހަ ނާސަރީ ތަރައްގީ ކުރުމަށް މިހާރު ވެސް ކައުންސިލްތަކާ އެކު އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާ ކަމަށެވެ.
ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން އެ މިނިސްޓްރީ ބުނީ މިހާތަނަށް 1.8 މިލިއަން ގަސް އިންދާފައިވާ ކަމަށެވެ. އަދި އެކި ފަރާތްތަކުން ޖުމްލަ 5.8 މިލިއަން ގަސް އިންދުމަށް ވައުދުވެފައިވާ އިރު، އެ މަޝްރޫއަށް ގަސް ސަޕްލައިކޮށްދިނުމަށް މިހާރު ވެސް ދެ ފަރާތަކުން ހަމަޖެހިފައިވާ ކަމަށެވެ.
އެ މަޝްރޫއު ނިމިގެންދާ އިރު، ރާއްޖޭގެ ރަށްތަކުގެ ފެހިކަން އިތުރުވެ، ދަނޑުވެރިކަމުގެ ސިނާއަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އެންވައިރަމަންޓް މިނިސްޓްރީން ބުންޏެވެ.
ފާތިމަތު ލިއުޝާ
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވައިރަންމަންޓް އެންޑް އެނާޖީ
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވައިރަންމަންޓް އެންޑް އެނާޖީ
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވައިރަންމަންޓް އެންޑް އެނާޖީ
ކޮމެންޓް