ގިނަ ފިރިހެނުންނަށް ގެވެށި އަނިޔާ ލިބިފައި ވަނީ އެމީހުންގެ ކުރީގެ ބައިވެރިންގެ ފަރާތުން ކަމަށް ހިއުމަންރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގުޅިގެން ކޮށްފައިވާ ދިރާސާއަކުން ދައްކައިފިއެވެ.
އެ ދިރާސާގެ މައުލޫމާތު އެޗްއާރުސީއެމުން މިހާރު ވަނީ އާއްމުކޮށްފައެވެ.
އެޗްއާރުސީއެމް އިން ބުނީ، ރާއްޖޭގެ 20 ރަށެއްގައި ކުރިއަށް ގެންދިޔަ މި ސާވޭގައި 1160 މީހުން ބައިވެރިވެފައިވާކަމަށެވެ.
ގިނަ ފިރިހެނުންނަށް ގެވެށި އަނިޔާ ލިބިފައި ވަނީ އެމީހުންގެ ކުރީގެ ބައިވެރިންގެ ފަރާތުން ކަމަށް އެ ސާވޭގެ ގިނަ ފިރިހެން ބައިވެރިން ފާހަގަ ކޮށްފައިވާއިރު، ގިނަ އަންހެން ބައިވެރިން ފާހަގަކޮށްފައިވާ ގޮތުގައި އެ މީހުންނަށް ގެވެށި އަނިޔާ ލިބިފައިވަނީ ފިރިމީހާގެ ފަރާތުންނެވެ.
އަންހެން ކުދިންނަށްކުރާ ޖިންސީ އަނިޔާ އަކީ ބޮޑު މައްސަލައެއް ކަމަށް 93.6 ޕަސެންޓް މީހުން ދެކޭއިރު، ފިރިހެން ކުދިންނަށް ކުރާ ޖިންސީ އަނިޔާއަކީ ވެސް ވަރަށްބޮޑު މައްސަލައެއް ކަމަށް 91.7 ޕަސެންޓް މީހުން ގަބޫލު ކުރާކަމަށް ބުނެފައިވެއެވެ.
އަނބިމީހާ އަށް އިހާނެތިކޮށް ހިތާނަމަ އާއިލާގެ އެހެންމީހުނަށް އެކަމަށް ހުރަސް އެޅިދާނެ ކަމަށް ގަބޫލު ކުރާ ފިރިހެނުންގެ އަދަދު 2005 ވަނަ އަހަރާ އަޅައި ބަލާއިރު ވަނީ އިތުރުވެފައިވާ ކަމަށާއި އެއީ 48.2 ޕަސެންޓުން 59.1 އަށް ކަމަށްވެސް ސާވޭގައި ބުނެފައިވެއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ ރައްކާތެރި ކަމާއި ހިދުމަތްތަކާމެދު 40.9 ޕަސެންޓު ބައިވެރިން ހިތްހަމަ ނުޖެހޭކަން ފާހަގަ ކޮށްފައިވާއިރު، އުމުރުން ދުވަސްވީ މީހުންގެ ހައްގުތައް ކަށަވަރު ކުރުމުގައި އެންމެ މުހިއްމުކަމެއް ދޭން ޖެހެނީ އެމީހުނަށް އަޅައި ނުލައި ދޫކޮށްލުން ހުއްޓުވިގެންކަމަށް 23 ޕަސެންޓް މީހުން ބުނެފައިވާއިރު 11 ޕަސެންޓް މީހުން ގަބޫލުކުރާ ގޮތުގައި އެންމެ މުހިއްމު ކަމަކީ އުމުރުން ދުވަސްވީ މީހުންނަށް އަނިޔާކުރުން ހުއްޓުވުމެވެ.
އެޗްއާރުސީއެމް އިން ބުނީ، މި ދިރާސާއަކީ ހިއުމަންރައިޓްސް ކޮމިޝަނާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގުޅިގެން ކޮށްފައިވާ ދިރާސާއެއް ކަމަށެވެ.
ދަ "ރައިޓްސް" ސައިޑް އޮފް ލައިފް ދިރާސާއަކީ، އިންސާނީ ހައްގުތަކާމެދު އާއްމުން ދެކޭގޮތާއި އާއްމުންގެ ހޭލުންތެރިކަން ހުރި މިންވަރު ދެނެގަތުމަށް ކުރިއަށް ގެންދާ ސިލްސިލާ ދިރާސާއެއް ކަމަށްވެސް ބުނެފައި ވެއެވެ.
އެޗްއާރުސީއެމުން ބުނީ މި ދިރާސާގެ މައިގަނޑު މަގުސަދަކީ ސާވޭއިން ލިބުނު މައުލޫމާތުގެ އަލީގައި ރާއްޖޭގައި އިންސާނީ ހައްގުތަކުގެ ހާލަތު މިހާރު އޮތް މިންވަރު ދެނެގަތުމާއެކު އިންސާނީ ހައްގުތައް ރައްކާތެރި ކުރުމަށް އިތުރަށް ކުރެވިދާނެ މަސައްކަތްތައް ފާހަގަކުރުން ކަމަށެވެ. އަދި މި ދިރާސާގެ މައުލުމާތުގެ މައްޗަށް ބިނާކޮށް އިންސާނީ ހައްގުތައް ރައްކާތެރިކޮށް ކުރިއެރުވުމަށާއި، ގެވެށި އަނިޔާ ހުއްޓުވުމަށާއި ކުރިމަގުގައި ކަމާ ގުޅުންހުރި އިތުރު ދިރާސާތައް ކުރާނެ ދާއިރާތައް ކަނޑައެޅުމުގައި އިސްކަންދޭނެ ކަންކަން ފާހަގަ ކުރުމެވެ.
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް