ކޮވިޑް-19އާ ހެދި މާލެ ސަރަހައްދުގެ ގެސްޓް ހައުސްތައް ބަންދުކުރުމަށްފަހު އަލުން ހުޅުވުމަށް މިއަދު ދިން ހުއްދައާއެކު 15 ގެސްޓް ހައުސް އެއް ހުޅުވައިފި އެވެ.

ރާއްޖޭގެ ބޯޑަރު ޖުލައި 15 ގައި އަލުން ހުޅުވިތާ ފަސް މަހަށްފަހު މާލެ ސަރަހައްދުގެ ގެސްޓް ހައުސްތައް މިއަދުން ފެށިގެން ހުޅުވަން ހުއްދަ ދީ އެކަން އިއުލާންކުރީ މިމަހުގެ ހަތް ވަނަ ދުވަހު އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު "ވަން" އަށް ވިދާޅުވީ، މިއަދުން ފެށިގެން މާލެ ސަރަހައްދުގެ 15 ގެސްޓް ހައުސްއެއް ހުޅުވުމުގެ ހުއްދަ ދީފައިވާ ކަމަށެވެ. އަދި އިތުރު ގެސްޓް ހައުސްތައް ހުޅުވުމުގެ ހުއްދައަށް އެދި ހުށަހަޅަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

މާލޭ ސަރަހައްދުގެ ގެސްޓްހައުސްތަކާއި ހޮޓާތަކަށް އަންނަ ފަތުރުވެރިންނަށް ވެސް ރާއްޖެ އެތެރެ ވެވޭނީ 72 ގަޑިއިރު ހަމަނުވާ ޕީސީއާރު ޓެސްޓުގެ ނެގެޓިވް ނަތީޖާއަކާއެކު އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއްޔެ އާންމުކުރި ގެސްޓްހައުސް ގައިޑްލައިނުގައިވާ ގޮތުން ކޮންމެ ގެސްޓްހައުސެއްގައި ވެސް އައިސޮލޭޝަން ރޫމެއް ހުންނަން ޖެހެއެވެ. އަދި ގެސްޓް ހައުސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވެސް ކޮންމެ މަހަކު އެއްފަހަރު ކޮވިޑަށް ޓެސްޓް ކުރަން ޖެހޭއިރު މަސައްކަތަށް ނުކުންނަ މުވައްޒަފުންގެ އެއްވެސް އަލާމާތެއް ހުރޭތޯ ކޮންމެ ދުވަހަކު ބަލަން ޖެހެ އެވެ.

ގައިޑްލައިނުގައިވާ ގޮތުން މާލޭ ސަރަހައްދުގެ ގެސްޓްހައުސްތަކަށް އަންނަ ފަތުރުވެރިންނަށް އަތޮޅުތެރޭގެ ރަށްރަށަށާއި ރިސޯޓުތަކާއި ސަފާރީތަކަށް ދެވޭނެއެވެ. ނަމަވެސް މާލޭގައި 48 ގަޑިއިރު ވެއްޖެނަމަ އެތަންތަނަށް ދެވޭނީ ކޮވިޑުގެ ނެގެޓިވް ޕީސީއާރު ނަތީޖާއަކާއެކުގައެވެ.

މާލެ ސަރަހައްދުގެ ގެސްޓް ހައުސްތައް މިއަދުން ފެށިގެން ހުޅުވުމުގެ ހުއްދަ ދީފައިވާއިރު، އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކުގެ ތެރެއިން މިިދިޔަ އޮކްޓޫބަރު 15 ގައި މާލެ ސަރަހައްދު ފިޔަވައި އެހެން ރަށްރަށުގެ ގެސްޓު ހައުސްތައް ހުޅުވަން ވަނީ ހުއްދަ ދީފަ އެވެ.

އެގޮތުން މިހާތަނަށް 26 ރަށެއްގައި ހުރި 147 ގެސްޓް ހައުސްއެއް ހުޅުވައި ދަނީ ހިދުމަތް ދެމުންނެވެ. އެއީ ޖުމްލަ 2738 އެނދެވެ.