ޓެރަރިޒަމް ހުއްޓުވުމަށް އަމަލުކުރާނެ ގޮތްތައް ކަނޑައަޅާފައިވާ ނެޝަނަލް ޓެރަރިޒަމް ރެސްޕޮންސް ޕްލޭން (އެންޓީއާރުޕީ)ގެ ދަށުން ހިންގާ ފުރަތަމަ ހަރަކާތް، ރައީސް އޮފީހުގައި މިއަދު ބާއްވައިފިއެވެ.

މިއަދު މެންދުރުފަހު ބޭއްވި ބައްދަލުވުން ފައްޓަވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. މި ބައްދަލުވުމުގައި އިނގިރޭސިވިލާތުގެ ސަރުކާރުން ވެސް ބައިވެރިވިއެވެ. މިއަދު ބޭއްވީ ނިރުބަވެރިކަމުގެ އަމަލެއް ހިނގާ ހާލަތުގައި އަމަލުކުރާނެ ޕްރޮޓޮކޯލްތައް ތަޖުރިބާކޮށް، އެފަދަ ހާލަތެއްގައި އަމަލުކުރާނެ ގޮތް ދެނެގަތުމުގެ ބައްދަލުވުމެކެވެ.

މި ހަރަކާތް ފައްޓަވައިދެއްވައި ރައީސް ވިދާޅުވީ ނިރުބަވެރިކަން ހުއްޓުވަން ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދެއްވާ ކަމަށާއި އެންޓީއާރްޕީ އަކީ އެތައް ފަރާތެއްގެ ބައިވެރިވުމާއި އެހީތެރިކަމާއެކު ތައްޔާރުކޮށްފައިވާ މުހިންމު ރެސްޕޮންސް ޕްލޭނެއް ކަމަށެވެ.

ރައީސް ވިދާޅުވީ މި ޕްލޭނުގައި ނިރުބަވެރިކަމާއި ނިރުބަވެރިކަމުގެ އަމަލުތަކާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތަކުގައި ދައުލަތުގެ ހުރިހާ މުއައްސަސާއަކަށް ވެސް އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދެވޭނެ ގޮތްތައް ބަޔާންކޮށްފައިވާ ކަމަށެވެ.

މި ރަސްމިއްޔާތުގައި އިނގިރޭސިވިލާތުގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެރޮން ރޮސްލާ ވިދާޅުވީ ރާއްޖެ އާއި އިނގިރޭސިވިލާތަކީ ނިރުބަވެރިކަމާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތަކުގައި ހިޔާލާއި ވިސްނުން އެއްގޮތް ދެ ގައުމު ކަމަށެވެ. އަދި އެ ދާއިރާއިން، ގުޅުން ބަދަހިކުރުމަށް ކުރަމުން އަންނަ މަސައްކަތަށް އޭނާ ޝުކުރު އަދާކުރެއްވިއެވެ.

މިއަދު ބޭއްވި ހަރަކާތަށްފަހު އެންޓީއާރްޕީގެ ވޯކިން ސެޝަންތައް މިކަމުގައި ބައިވެރިވާ އެހެނިހެން އިދާރަތަކާއެކު ވަނީ ހިންގުމަށް ހަމަޖެހިފައެވެ. އޭގެ މަގުސަދަކީ ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުގެ ބައިވެރިވުމާއެކު ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އެންޓީއާރުޕީގެ ފުރަތަމަ ބައްދަލުވުމުގައި މިނިސްޓަރުންނާއި ނެޝަނަލް ސެކިއުރިޓީ ކައުންސިލުގެ މެންބަރުންނާއި ނެޝަނަލް ސެކިއުރިޓީ ސާވިސަސްގެ މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.