ކުރިން ނޭނގޭކަމަށްވާނަމަ މާސްކު އެޅުމުގެ ސަބަބުން މޫނުގައި ބިހިނެގުން އިތުރުވުމުގެ ފުރުސަތު ބޮޑެވެ. އާންމުކޮށް ބިހި ނަގާ މޫނެއް ނަމަ މިއީ އެއަށް އިތުރުވި ބޮޅެކެވެ.
މާސްކު އެޅުމުގެ ސަބަބުން ނަގާ ބިހި ނުވަތަ މާސްކުނީ އުފެދެނީ މާސްކު އަޅާފައި ހުރުމުން ހޫނުވެ ދާހިތްލާ ނުވަތަ މޫނު ތެޔޮވެ އެހުރިހާ ކަމެއް އެއްވެގެންނެވެ. ހަމައެއާއެކު މާސްކު އެޅުމުގެ ސަބަބުން ވާ ހޫނުން މޫނުގެ ޕޯސްތައްވެސް ބެދެއެވެ. މިގޮތަށް ބިހި ނަގަނީވެސް ގިނައިން ޖޯލައިނުގަޔާއި ކޮލުގައެވެ. އެއީ މާސްކުއެޅުމުގެ ސަބަބުން ބެދިފައި ހުންނަ ހިސާބުގަނގެވެ.
މިދުވަސްވަރުގެ ގޮތުން މާސްކު ނާޅައިވެސް އުޅެވޭކަށް ނެތެވެ. ނަމަވެސް މާސްކު އެޅުމުގެ ސަބަބުން އެހިސާބުގަނޑުގައި ބިހި ނެގުމުގެ އުނދަގޫ ގިނަ ބަޔަކަށް ދަނީ ފޯރަމުންނެވެ. ކުރެވެން އޮތްހާވެސް ކަމަކީ ރައްކާތެރިވުމެވެ. މި އާޓިކަލްގައި މާސްކްނީ އިން ރައްކާތެރިވުމަށް ކުރެވިދާނެ ބައެއް ކަންކަމަށް ބަލައިލާނަމެވެ.
އެކްސްފޯލިއޭޓް ކުރުމުން ނުވަތަ ރަނގަޅަށް ސްކްރަބް ކުރުމުން މޫނުގައި މަރުވެފައި ހުންނަ ހަންތައް ނައްތާލައި، އިތުރުވެފައި ހުންނަ ތެޔޮތަކުން ރައްކާތެރިވެއެވެ. މިހުރިހާ ކަމަކީ ޕޯސްތައް ބަންދުކުރާ ކަންކަމެވެ. އެކްސްފޯލިއޭޓްގެ ސަބަބުން މޫނު އިތުރަށް ސާފުވާނެއެވެ. އެހެންކަމުން ތެޔޮތަކާއި މަރުވެފައިވާ ހަންތައް ނައްތައިލުމަށް ގަވައިދުން އެކްސްފޯލިއޭޓް ކުރާނަމަ ބިހިނެގުމުން ރައްކާތެރިވުމަށް ދެވޭ އެންމެ ބޮޑު އެއް ފަރުވާއަކަށް ވާނެއެވެ.
މޫނުގައި ހުންނަ ލޯވަޅުތައް ނުވަތަ ޕޯސްތައް ބަންދުވާން މެދުވެރިވާ އަނެއް ސަބަބަކީ ހާކާ ކްރީމް ތަކާއި ސީރަމް ތަކުގެ ސަބަބުން ނޭވާލާން ޖާގަ ނުލިބުމެވެ. އެހާ ހެވީ މޮއިސްޗަރައިޒާއެއް ނުވަތަ ސީރަމެއް ބޭނުން ކުރުމަށްފަހު މާސްކު އެޅުމުން ދެން ހިތްލާ ދަލާ އެކުވެ ބިހިނެގުމަށް މަގުފަހިވެގެންދާނެއެވެ. އެހެންކަމުން ދުވާލު ގަޑީގައި މިދުވަސްވަރު ސީރަމް ނުހާކާށެވެ. އޭގެ ބަދަލުގައި މޫނު ވާންކޮށް އަދި ޕޯސްތައް ބަންދުކުރާނެ ފަދަ ޓޯނާއެއް ބޭނުން ކުރާށެވެ. ޑްރައި މޫނެއްނަމަ ލައިޓްވެއިޓް މޮއިސްޗަރައިޒަރެއް އިހްތިޔާރުކުރާށެވެ.
މިއީ ހުރިހާ ބާވަތެއްގެ މޭކަޕާ ދުރުވާން ޖެހޭ ވަގުތެކެވެ. އެއީ ކްރީމް ނުވަތަ ޕައުޑަރަށްވިއަސްމެއެވެ. އެހުރިހާ ތަކެތިންވެސް މޫނުގެ ޕޯސްތައް ބަންދުވެ ބިހިނެގުމަށް މަގުފަހި ކުރާނެއެވެ. މޭކަޕާއި މާސްކު އެއްވުމުން އެއީ މޫނަށް އޮތް ބޮޑު ގެއްލުމެކެވެ. އެހެންކަމުން މިދުވަސްވަރު ފައުންޑޭޝަންތަކާއި ކްރީމް ތަކުން ދުރުވެ ހަމައެކަނި ލޮލުގެ މޭކަޕުން ފުއްދައިލުމަކީ ހަމަށް އެންމެ ރައްކާތެރިގޮތެވެ.
ދެން އޮތީ ހަނދާންކޮށްލަދިނުމެކެވެ. ބޭނުން ކުރަނީ ފޮތި މާސްކެއް ނަމަ އެނަގާ ކޮންމެ ފަހަރަކު ބަދަލުކޮށް ރަނގަޅަށް ދޮވެ ސާފުކުރުމަށްފަހު ނޫނީ ބޭނުން ނުކުރާށެވެ. މާސްކު ހަޑިވުމުން މާސްކްނީ އުދެފުމަށް އޮތް ފުރުސަތު ވަރަށް ބޮޑުތައް އިތުރުވެގެންދާނެއެވެ.