ސްޕެނިޝް ލަލީގާގައި ރޭ ކުޅުނު މެޑްރިޑް ޑާބީގައި އެތުލެޓިކޯ މެޑްރިޑް ބަލިކޮށް، އެންމެފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ތާވަލުގެ ތިންވަނައަށް ޖެހިލައިފިއެވެ.

ރެއާލްގެ ހޯމްގައި ރޭ ކުޅުނު މެޗު އެޓީމުން 2-0 އިން ކާމިޔާބު ކޮށްފައިވާއިރު، އެތުލެޓިކޯއަކީ ލަލީގާގެ އެއްވަނައިގައި މިވަގުތުވެސް އޮތް ޓީމެވެ. ރެއާލްއިން ދަށްކޮށް މި ސީޒަން ފެށި ނަމަވެސް އެންމެފަހުން ކުޅުނު ދެތިން މެޗެއްގައި އެޓީމުގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް ފެނިފައެވެ. ހާއްސަކޮށް ލަލީގާގައި ކުޅުނު ވަރުގަދަ ދެމެޗުން މޮޅުވެ، ރެއާލް މިހާރު ވަނީ ތިންވަނައަށް ޖެހިލައިފައެވެ. އެޓީމު ތިންވަނައިގައި އޮތީ އެއްވަނައިގައި އޮތް އެތުލެޓިކޯއަށްވުރެ ތިން ޕޮއިންޓް މަދުކޮށެވެ.

ރޭގެ މެޗަށް ނުކުތުމުގެ ކުރިން ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފައި ވަނީ މި ސީޒަންގެ ޓައިޓަލް ފެވަރިޓުންނަކީ އެތުލެޓިކޯ ކަމަށެވެ. އެ ވާހަކައަކީ ޒިދާންގެ މައިޑް ގޭމެއް ކަމަށް ބެލެވިފައި އޭރުވެސް އޮތްއިރު، މެޗުގެ ފުރަތަމަ މިނެޓުން ފެށިގެންވެސް ރެއާލް ފެނުނީ ވަރުގަދަ ކޮށެވެ. 15 ވަނަ މިނެޓުގައި ލީޑުވެސް ނެގިއެވެ. ޓޯނީ ކްރޫސްގެ ކޯނަރުން ގޯލް ޖެހީ ބްރެޒިލްގެ މިޑްފީލްޑަރު ކަސަމޭރޯއެވެ.

ރޭގެ މެޗަށް ނުކުތްއިރު، އެތުލެޓިކޯ އޮތް ފޯމަށް ބަލާއިރު، އެޓީމު ކޮޅަށް ދެވަނަ ގޯލެއް ޖެހުމަށް ރެއާލްއަށް އުނދަގޫވާނެ ކަމަށް ބެލެވުނެވެ. ޑިއާގޯ ސިމިއޯނީގެ އެތުލެޓިކޯ ރޭގެ މެޗަށް ނުކުތުމުގެ ކުރިން އެންމެފަހުން ކުޅުނު ހަތް މެޗުންވެސް އެޓީމު މޮޅުވެފައި އޮތްއިރު، ލަލީގާގައި ކުޅުނު 10 މެޗުން ކޮޅަށް ވަނީ ދެ ގޯލެވެ.

އެތުލެޓިކޯގެ ވަރުގަދަ ޑިފެންސް ރެއާލްއިން ދެވަނަ ފަހަރަށް ފޫއަޅުވާލީ 63 ވަނަ މިނެޓުގައެވެ. ޑޭނީ ކަވަހާލް ފޮނުވާލި ބާރު ހަމަލާ ގޯލަށް ވަނީ ގޯލްގެ ދަނޑީގައި ޖެހިފައި ގޯލްކީޕަރު އޮބްލެކްގެ ގައިގައިވެސް ޖެހިފައެވެ. ރޭގެ މެޗުގައި އެތުލެޓިކޯގެ ފަރާތުންވެސް ހަމަލާތައް އުފައްދާފައިވާއިރު، ރެއާލްގެ ގޯލްކީޕަރު ތީބޯ ކޯޝުއާގެ މުހިއްމު ސޭވްތަކެއް ފެނިފައިވެއެވެ.