ކުރިއަށް އޮތް ސީޒަނަށް ކްލަބު ވެލެންސިއާގެ ކެޕްޓަންކަން އަލީ އަަޝްފާގު (ދަގަނޑޭ)އަށް ދީފިއެވެ.
ރާއްޖޭގެ ތާރީހުގައި ދުށް އެންމެ މޮޅު ކުޅުންތެރިޔާ ދަގަނޑޭ، 15 އަހަރަށްފަހު އޭނާގެ ފުރަތަމަ ކްލަބު ވެލެންސިއާއަށް އަނެއްކާވެސް ބަދަލުވެފައިވާއިރު، ދަގަނޑޭއަކީ މިވަގުތު ވެލެންސިއާގެ ކެޕްޓަންކަން ކްލަބުން އިއުލާންކުރީ އިއްޔެއެވެ. ޓީމުގެ ވައިސް ކެޕްޓަނަކީ އަކުރަމް އަބްދުލްޣަނީ (އަކޫ)އެވެ. އަކޫއަކީ މިވަގުތު ރާއްޖޭގެ ގައުމީ ޓީމުގެވެސް ކެޕްޓަނެވެ.
2001 ވަނަ އަހަރުން ފެށިގެން 2005 ވަނަ އަހަރާ ހަމައަށް ދަގަނޑޭ ވަނީ ވެލެންސިއާ ޖާޒީގައި ވިދާލައިފައެވެ. 2001 ވަނަ އަހަރު އޮތް ޕޮމިސް ކަޕު މުބާރާތުގައި ތައިލެންޑްގެ ބީއީސީ ޓެރޯ ސަސާނާ އެފްސީއާ ދެކޮޅަށް ދަގަނޑޭގެ ފުރަތަމަ މެޗު ކުޅެފައިވާ އިރު، އެ ފަހަރު މުބާރާތުގައި ކުޅުމަށް ދަގަނޑޭއަށް ފުރުސަތު ލިބުނީ އަލީ އުމަރު ތިން މެޗަށް ސަސްޕެންޑް ކުރުމުންނެވެ.
ފުރަތަމަ މެޗުން ފެށިގެންވެސް ޒުވާން އުމުރުގައި ދަގަނޑޭގެ ހުނަރުވެރިކަން ގައުމީ ދަނޑުން ފެންނަން ފަށައި، އޭނާ ވަނީ 2002 ވަނަ އަހަރު ވެލެންސިއާއާއެކު އޭއެފްސީ ކަޕްގެ ގިނަ މެޗުތަކެއްގައި މޮޅު ކުޅުމެއް ދައްކައިފައެވެ. ދަގަނޑޭ ކެރިއަރުގައި ފުރަތަމަ ފަހަރަށް ހެޓްރިކް ހެދީ 2002 ވަނަ އަހަރު އޯގަސްޓް މަހު ވެލެންސިއާއިން ވޭމަންޑޫ ޒުވާނުންގެ ގުޅުމާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އޭރު އޭނާގެ އުމުރަކީ 17 އަހަރެވެ.
ދަގަނޑޭ ވަނީ ވެލެންސިއާއެކު ދިވެހި ލީގު ޖެހިޖެހިގެން ހަތަރު އަހަރު ކާމިޔާބުކޮށްފައެވެ. 2001 ވަނަ އަހަރު ޕޮމިސް ކަޕްވެސް ދަގަނޑޭ ވެލެންސިއާއާއެކު ކާމިޔާބު ކޮށްފައިވާ އިރު، 2003 ވަނަ އަހަރުން ފެށިގެން ޖެހިޖެހިގެން ތިން އަހަރު ދިވެހި ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ދަގަނޑޭ ވަނީ ހޯދައިފައެވެ. ދަގަނޑޭ ވަނީ ޖުމްލަ ހަތް ފަހަރު ލީގުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދައި، ތިން ފަހަރު އެފްއޭއެމްގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދައިފައެވެ. ވެލެންސިއާއަށް ކުރިން ކުޅުނު 109 މެޗުން ދަގަނޑޭ ވަނީ 104 ގޯލު ޖަހައިފައެވެ.
މި ސަރަހައްދުގެ ފުޓުބޯޅައިގައިވެސް ފެނުނު އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ ދަގަނޑޭ، އަކީ ގޯލް ޖެހުމުގައި ދުނިޔޭގެ ނިސްބަތުންވެސް ފާހަގަކޮށްލެވޭ ތަޖުރިބާކާރު ފޯވަޑެކެވެ. އޭނާގެ ޓްރާންސްފާއާއެކު މިއަދު ފަށާ ސީޒަންގައި ވެލެންސިއާގެ ފަރާތުން ރަނގަޅު ނަތީޖާއެއް ނެރޭނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު