މެންޗެސްޓާ ޔުނައިޓެޑްގެ ދަނޑުގައި ރޭ ކުޅުނު މެންޗެސްޓާ ޑާބީ 0-0 އިން އެއްވަރު ވެގެން ނިމުނުއިރު، ޗެލްސީ އެވަޓަން އަތުން ބަލިވެއްޖެއެވެ.

ރޭ އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު މުހިއްމު މެޗުތަކުގެ ތެރެއިން، އެންމެ ފާހަގަކޮށްލެވުނު މެޗަކީ މެންޗެސްޓާގެ ދެ ކްލަބު ކަމަށްވާ މެންޗެސްޓާ ސިޓީއާއި މެންޗެސްޓާ ޔުނައިޓެޑް ކުރިމަތިލި ޑާބީ މެޗެކެވެ. ޒަމާންވީ ވާދަވެރިކަމެއް އޮންނަ އެ ދެކްލަބުގެ ކުރިމަތިލުންތައް އާންމުކޮށް ފޯރިގަދަކޮށް ނިމިގެންދާއިރު، ރޭގެ މެޗުގައި އެ ފޯރި ފެންނަން އޮތް އެންމެ ބޮޑު ހުރަހަކީ ސަޕޯޓަރުންގެ ފަޅުކަމެވެ.

މިދިޔަ ސީޒަންގައި ޔުނައިޓެޑުން ދެ ފަހަރު މަތިން ސިޓީގެ މައްޗަށް ލީގުގައި ކުރި ހޯދާފައިވާއިރު، ރޭގެ މެޗުގައި ޑާބީއެއްގެ ފޯރި ފެނުނީ މަދުފަހަރެއްގައެވެ. ދެޓީމުގެ ފަރާތުންވެސް އެވްރެޖްކޮށް ދަށް ކުޅުމެއް ފެނިފައިވާއިރު، މާ ގިނަ ހަމަލާތަކެއް ވެސް މެޗުގައި ފެނިފައެއް ނުވެއެވެ.

ފުރަތަމަ ހާފްގައި ސިޓީގެ ގެބްރިއަލް ޖެސޫސްއާއި ރިޔާދު މަހަރޭޒްއަށް ލިބުނު ފުރުސަތުތައް ބޭކާރު ވެގެންދިޔައިރު، ޔުނައިޓެޑްގެ މެކްޓޮމިނީ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ކުޑަ ތަންކޮޅެއް ބޭރުންނެވެ. ދެވަނަ ހާފްވެސް ދަށްކޮށް ފެނުނުއިރު، ފަހުވަގުތު ސިޓީއަށް ފުލުފުލުގައި ލިބުނު ދެތިން ފުރުސަތެއްވެސް އެ ޓީމުން ވަނީ ނަގައިލައިފައެވެ.

ރޭގެ މެޗުން ލިބުނު ޕޮއިންޓާއެކު 11 މެޗުން 20 ޕޮއިންޓް ހޯދައި ޔުނައިޓެޑް އޮތީ ތާވަލުގެ އަށްވަނައިގައެވެ. އެ އަދަދަށް މެޗު ކުޅެ ސިޓީއަށް 19 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު ލީގު ތާވަލުގައި އޮތީ ނުވަ ވަނައިގައެވެ.

ރޭ އެވަޓަންގެ ގުޑްސަން ޕާކުގައި ޗެލްސީ ބަލިވީ 1-0ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުން މޮޅުވެ، ޗެލްސީއަށް ވަގުތީ ގޮތުން އެއްވަނައަށް އެރުމުގެ ފުރުސަތު އޮތް ނަމަވެސް ރޭގެ މެޗުން ބަލިވެ އެޓީމު އޮތީ ތިންވަނައިގައެވެ. 12 މެޗުން 22 ޕޮއިންޓާއެކު ޗެލްސީ ތިންވަނައިގައި އޮތްއިރު، ލެސްޓާ ސިޓީން މި ހަފްތާގައި ބްރައިޓަންއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ ޗެލްސީ ހަތަރުވަނައަށް ވެއްޓޭނެއެވެ.

ރޭގެ މެޗުގައި އެވަޓަން އިން ޖެހި ހަމައެކަނި ގޯލް ޖަހައިދިނީ ގުލްފީ ސިގަޑްސަންއެވެ. އެ ގޯލަކީ ޗެލްސީގެ އޭރިއާ ތެރެއިން ގޯލްކީޕަރު އެޑުއާޑް މެންޑީ، އެވަޓަންގެ ފޯވަޑް ޑޮމިނިކް ކަލްވާޓް ލެވިންއަށް ކުރި ފައުލަކަށް ދީފައިވާ ޕެނެލްޓީއަކުން ޖަހާފައިވާ ގޯލެކެވެ. މެޗުގައި ޗެލްސީން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް އެޓީމަށް އެވަޓަންގެ ގޯލް ފޫއަޅުވައިލެވޭ ގޮތެއް ނުވިއެވެ.