ޖައްވަށް ބޭރުކުރާ ވިހަގޭސްތައް މަދުކުރުމުގައި ރާއްޖެއަކީ ނަމޫނާ މަސައްކަތްތަކެއްކުރާ ގައުމަކަށް ހެދުމަށް މަސައްކަތްކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ޕެރިސް އެއްބަސްވުމަށް ފަސް އަހަރު ފުރުން ފާހަގަކުރުމަށް އދ. އިން އޮންލައިންކޮށް ބޭއްވި "ކްލައިމެޓް އެމްބިޝަން ސަމިޓް"ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޖައްވަށް ދޫކުރާ ވިހަ ގޭސް ނުވަތަ ގްރީންހައުސް ގޭސް ބޭރުކުރުމުގައި ދުނިޔޭގެ ނިސްބަތުން ރާއްޖެއަކީ އެންމެ ހިއްސާ ކުޑަ އެއް ގައުމު ކަމަށެވެ. ނަމަވެސް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ނޭދެވޭ އަސަރުކުރާ އެއް ގައުމަކީ ވެސް ރާއްޖެ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭން ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރުމުގައި ފަސް ނުޖެހޭނެކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، ކުދި ޖަޒީރާ ގައުމެއްގެ ގޮތުން ރާއްޖެ ދައްކަމުން އަންނަ ނަމޫނާ އެންމެ ކުރީސަފުގައި އަބަދުވެސް ދައްކަމުންދާނެ ކަމަށެވެ. އެގޮތުން ރާއްޖެއަށް ލިބެމުންދާ އެހީތައް ހުއްޓުމެއްނެތި ލިބެމުންދާނަމަ، ރާއްޖެއިން ކުރިން ކަނޑައަޅާފައިވާ ޖައްވަށް ދޫކުރެވޭ ވިހަ ގޭސް މަދުކުރުމުގެ ލަނޑުދަނޑި ނުވަތަ ނޭޝަނަލް އެމިޝަން ރިޑަކްޝަން ޓާގެޓްގެ މިންވަރު، 2030ގެ ނިޔަލަށް 26 ޕަސެންޓަށް އިތުރު ކުރާނެ ކަމަށް ވިދާޅުވިއެވެ.

"މިފަދަ ބަދަލުތައް ގެނައުމަށް އިޖްތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުންނާއި އަދި ތިމާވެށީގެ ގޮތުން ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭނެ. އަދި ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުން ދެއްވާނެ ކަމަށް ވައުދުވި އެހީ ލަހެއް ނެތި ފޯރުކޮށްދިނުމަށް ވެސް ގޮވާލަން. މިފަދަ އެހީތައް ރާއްޖެއަށް ލިބިއްޖެނަމަ، 2030ގެ ނިޔަލަށް ރާއްޖެއަކީ ކާބަން ނެޓްޒީރޯ ގައުމަކަށް ހެދުމުގެ އަމާޒުވެސް އެބައޮތް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، ރާއްޖޭން އޮތީ މޫސުމީ ކަންކަމަށް އަންނަ ބަދަލުތައް ދެނެގަނެ އެކަން ކުޑަ ކުރަން ކުރާމަސައްކަތުގައި ކުރިމަތިވާނެ ދަތިތަކާއި ކުރިމަތިލުމަށް ފުރިހަމަ ތައްޔާރުވެގެންނެވެ. އަދި އެހެން ގައުމުތަކާ ހިލާފަށް ރާއްޖެއަކީ މިހާރު ވެސް މޫސުމީ ބަދަލުތަކުގެ ސަބަބުން ނޭދެވޭ އަސަރުތައް ކުރަމުން އަންނަ ގައުމަކަށްވާތީ އެކަންކަން ކުޑަކުރަން ފިޔަވަޅު އަަޅަން ރާއްޖެއަށް މަޖުބޫރު ކަމަށް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވަނީ، މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމުގައި ރާއްޖެއިން ކުރެވެން ހުރި މަސައްކަތްތައް ކުރަމުގެންދާނެ ކަމަށާއި އެހެން ގައުމުތަކުން ވެސް މިކަމުގައި އަދާކުރަންޖެހޭ ޒިންމާ ފުރިހަމައަށް އަދާކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ. އަދި ހުރިހާ ގައުމަތައް ގުޅިގެން މަސައްކަތް ކޮށްގެން ނޫނީ ދުނިޔެ ހޫނުވަމުންދާ މިންވަރު މައްޗަށް ނުގޮސް ކަނޑައަޅާފައިވާ މިންގަނޑުގެ ތެރޭގައި ނުހިފެހެއްޓޭނެ ކަމަށް ވިދާޅުވި އެވެ.

މި ސަމިޓަކީ މޫސުމީ ބަދަލުތައް ކުޑަކުރުމުގެ ގޮތުން ޖައްވަށް ބޭރުކުރާ ވިހަ ގޭސް މަދުކުރުމުގެ ގޮތުން، ގައުމުތަކުން ނިންމާފައިވާ މުހިންމު ނިންމުންތަކާއި އަދި މިކަމާ ގުޅޭގޮތުން އެކުލަވާލާފައިވާ މުސްތަގްބަލުގެ ތަސައްވުރުތައް އެއް ތަނެއްގައި ހިއްސާކުރުމަށް ފުރުސަތު ފަހިވެގެންދާނެ ސަމިޓެކެވެ.