ޗައިނާއަށް ރާއްޖޭން އަނބުރާ ދައްކަންޖެހިފައިވާ ދަރަނި ދެ އަހަރަށް ފަސްކޮށްދީގެން މެނުވީ ރާއްޖެއަށް އެ ދަރަނިތައް އަނބުރާ ނުދެއްކޭނެ ކަމަށް ރައްޔިތުންގެ މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ޗައިނާއަށް ރާއްޖޭން އަނބުރާ ދައްކަންޖެހޭ ދަރަންޏާ ގުޅޭގޮތުން ރައީސް ނަޝީދާއި އެގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޗައިނާ ސަފީރު ޖަންގް ލިޖޮންގް އަނެއްކާ ވެސް ކޯޅުމަކަށް ގޮސްފައިވާއިރު، މިފަހަރުގެ ކޯޅުން ފެށިފައިވަނީ ދެ ހަފްތާ ތެރޭގައި ރާއްޖޭން ޗައިނާއަށް 15 މިލިއަން ޑޮލަރު ދައްކަންޖެހޭ ކަމަށް ނަޝީދު ވިދާޅުވުމުންނެވެ.

ރައީސް ނަޝީދު އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި ރާއްޖޭން ޗައިނާގެ ބޭންކުތައް 15 މިލިއަން ޑޮލަރު ދައްކަންޖެހޭއިރު ޗައިނާގެ ބައެއް ބޭންކުތަކުން ލުއިތަކެއް ހަމަޖައްސައިދީފައިނުވާ ކަމަށެވެ. އަދި ޗައިނާގެ ބޭންކުތަކަށް ރާއްޖެއިން ދައްކަންޖެހޭ އެ އަދަދަކީ ކުރިއަށް އޮތް 14 ދުވަހު ރާއްޖެއަށް ލިބޭ އާމްދަނީގެ 50 ޕަސެންޓް ކަމަށް ވެސް ވިދާޅުވި އެވެ.

ނަޝީދުގެ އެ ވާހަކަތައް ދޮގުކުރައްވައި، ސަފީރު ވިދާޅުވީ 14 ދުވަހުގެ ތެރޭގައި 15 މިލިއަން ޑޮލަރު ދައްކަން ނުޖެހޭނެ ކަމަށް ޗައިނާގެ ބޭންކުތަކުން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި އެކައުންޓް ފޮތްތައް ބެއްލެވުމަށް އިލްތިމާސް ކުރެއްވި އެވެ.

އޭގެ ފަހުން ސަފީރު ވަނީ ދަރަންޏާ ގުޅޭ ހިސާބުތަކުގެ އިތުރު މައުލޫމާތުތަކެއް ހޯއްދަވައި އެ މައުލޫމާތުތައް ސޯޝަލް މީޑިއާގައި ހިއްސާކުރައްވައިފަ އެވެ. އެގޮތުން މިއަހަރު ޗައިނާއަށް އަނބުރާ 1.7 މިލިއަން ޑޮލަރު ދައްކަންޖެހޭ ކަމަށް ވިދާޅުވި އެވެ. ނަމަވެސް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދާ 1،530 ހައުސިން ޔުނިޓުގެ މަޝްރޫއުއަށް ދައްކަންޖެހޭ ކަމަށް ބުނެފައިވާ 2.3 މިލިއަން ޑޮލަރަކީ ޗައިނާގެ ބޭންކަކަށް ދައްކަންޖެހޭ ފައިސާއެއް ނޫން ކަމަށާއި އެއީ އެހެން ގައުމެއްގެ ބޭންކަކަށް ދައްކަންޖެހޭ އަދަދެއް ކަމަށް ސަފީރު ވިދާޅުވި އެވެ.

ސަފީރުގެ އެ ވާހަކަތަކާ ގުޅިގެން ނަޝީދު ވަނީ ދަރަންޏާ ގުޅޭގޮތުން، ސަފީރު ދެއްވަމުން ގެންދަވާ އިސްކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ގުޅުމުގެ އަގު ވަޒަން ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ. ނަމަވެސް އެންމެ ފަހު ވަގުތާ ޖެހެންދެން މަޑުނުކޮށް، ދަރަނީގެ މައްސަލަ އެކީގައި ހައްލުކުރުމަށް އެމަނިކުފާނު ގޮވާލެއްވި އެވެ.

"ރާއްޖެއަށް އިތުރު ދެ އަހަރުގެ ގްރޭސް ޕީރިއަޑެއް އެބަ ބޭނުންވޭ. އެހެން ނޫންނަމަ، މި ލޯނުތައް އަނބުރާ ދެއްކޭނެ އެއްވެސް ގޮތެއް ނޯންނާނެ،" ނަޝީދު ވިދާޅުވި އެވެ.

އެ ވާހަކަތަކާ ގުޅިގެން ޗައިނާ ސަފީރު ވަނީ ދަރަންޏާ ގުޅޭ ގޮތުން މަޝްވަރާތައް ފެށިފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ގުޅިގެން މަސައްކަތް ކޮށްފިނަމަ، އިގްތިސޯދު ކުރިއެރުވުމަށް ރަނގަޅު ފައިދާ ހުރި މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށް ވިދާޅުވި އެވެ.