ކޮވިޑް 19 އަށްފަހު، ރާއްޖޭގެ ބޯޑަރު ފަތުރުވެރިންނަށް އަލުން ހުޅުވާލުމާއި އެކު، ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކަށް ހާއްސަކޮށްގެން ވިޒިޓް މޯލްޑިވްސްގެ ޑިޖިޓަލް ކެމްޕެއިންތަކެއް ފަށައިފިއެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ން ބުނީ މި ހަރަކާތުގެ ދަށުން ފުރަތަމަ ހިންގި ކެމްޕެއިން "ފްރިކް އައުޓް" މިހާރު ނިމިފައިވާ ކަމަށެވެ.
"ފްރިކް އައުޓް" ޑިޖިޓަލް ކެމްޕެއިނަކީ މެލޭޝިއާ މާކެޓަށް ހާއްސަކޮށްގެން ހިންގާފައިވާ ކެމްޕެއިނެއް ކަމަށާއި މި ކެމްޕެއިން އަމާޒުކޮށްފައި ވަނީ ވަޒީފާ އަދާކުރާ ޒުވާނުންނާއި އަލަށް ފަށައިގަންނަ އާއިލާތައް އަދި މުސްލިމް ފަތުރުވެރިންނަށް ކަމަށްވެސް އެމްއެމްޕީއާރުސީން ބުންޏެވެ.
މިކެމްޕެއިންގެ ދަށުން ރާއްޖޭގެ ރީތިކަން ދައްކުވައިދޭ ވީޑިއޯތައް އެކި އޮންލައިން ޕްލެޓްފޯމްތަކުގައި އިޝްތިހާރުކޮށްފައިވާ ކަމަށާއި، މި އިޝްތިހާރުތައް އެ ސަރަހައްދުގެ 5،068،523 މީހުންނަށް މިހާތަނަށް ފޯރާފައިވާކަމަށްވެސް ބުނެފައި ވެއެވެ.
އެމްއެމްޕީއާރުސީން ބުނީ، އޭގެ ދަށުން "ޓްރެވަލް ޕްލަސް ލެޝަރ" ކެމްޕެއިން މި ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހު ފަށާފައިވާ ކަމަށެވެ. އެ ކެމްޕެއިނަކީ ހަތަރު މަސްދުވަހަށް ދެމިގެންދާނެ ކެމްޕެއިނެއް ކަމަށާއި، މިކެމްޕެއިން އަމާޒުކޮށްފައި ވަނީ ލަގްޒަރީ އަދި ބިޒްނަސް ދާއިރާގެ ފަތުރުވެރިންނަށް ކަމަށްވެސް ބުނެފައިވެއެވެ
މިކެމްޕެއިންގައި ރާއްޖޭގައި ފަތުރުވެރިންގެ ސިއްހީ ރައްކާތެރިކަމަށް އެޅިފައިވާ ފިޔަވަޅުތަކުގެ މައުލޫމާތާއި، ރާއްޖެ އަކީ ހުރިހާ ގޮތަކުން ވެސް އެންމެ ރައްކާތެރި ފަތުރުވެރި މަންޒިލްގެ ކަމުގައި ބުނެދިނުމުގެ އިތުރުން ރާއްޖޭގައި ފަތުރުވެރިންނަށް ތަޖުރިބާ ކުރެވެން ހުންނަ ތަފާތު ތަޖުރިބާތަކާ ބެހޭ މައުލޫމާތުތައް އާޓިކަލްތަކުގެ ޒަރިއްޔާއިން ބުނެދެވިގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ. މީގެއުތުރުން ރާއްޖޭގެ ހިތްގައިމު މަންޒަރުތައް ދައްކުވައިދޭ ފޮޓޯތައް "ޓްރެވަލް ޕްލަސް ލެޝަރ" ކުންފުނީގެ ވެބްސައިޓުންނާއި ސޯޝަލް މީޑިއާތަކުގައި ޝާއިއުކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
މިއަހަރުގެ މިހާތަނަށް ވިޒިޓް މޯލްޑިވްސް 22 މާކެޓެއްގައި ޖުމްލަ 412 ހަރަކާތް ކުރިއަށް ގެންގޮސްފައިވާކަމަށް އެމްއެމްޕީއާރުސީން ބުނެފައިވެއެވެ.
މީގެތެރެއިން 314 ހަރަކާތަކީ ކޮވިޑްގެ ދުވަސްވަރު ކުރިއަށް ގެންގޮސްފައިވާ ހަރަކާތްތަކެއް ކަމަށާއި، މީގެތެރޭގައި އިންޑިއާގެ ސެލެބްރިޓީންނާއި އެކު ކުރިއަށް ގެންދިޔަ އިންސްޓަގްރާމް ލައިވް ކޮންފަރެންސް އާއި އައިޓީބީ އޭޝިއާ ފެއާގެ އިތުރުން ޗައިނާގައި ކުރިއަށް ގެންދާ އޮންލައިން ރޯޑްޝޯ ހިމެނޭ ކަމަށައި، ރާއްޖޭގައި ތައާރަފު ކުރެވުނު ބޯޑަރ މައިލްސް ޕްރޮގްރާމް އަދި "އެލައިޑް އިންބައުންޑް" އިންޝުއަރެންސް އަކީ ދިވެހިރައްޖެ ޕްރޮމޯޓްކުރުމަށް ލިބިގެންދާ އިތުރު ކުރިއެރުމެއް ކަމަށްވެސް ބުނެފައިވެއެވެ.
އެމްއެމްޕިއާރުސީން ބުނީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއަށް ރަންވަނަ ތަކެއް ލިބިފައިވާ ކަމަށެވެ.
އޭގެތެރޭގައި ވޯލްޑް ޓްރެވަލް އެވޯޑްސްއިން ދޭ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ، ވޯލްޑްސް ލީޑިން ޑެސްޓިނޭޝަންގެ އެވޯޑް ހިމެނޭ ކަމަށާއި، މިއީ ރާއްޖޭގެ ޓުއަރިޒަމް އިންޑަސްޓްރީން ރާއްޖެ ޕްރޮމޯޓްކުރުމަށާއި ރާއްޖެއަކީ ގުދުރަތީ ގޮތުން ވަކިވަކި ރަށްތަކެއްގެ މައްޗަށް އެކު ލެވޭ ގައުމަކަށްވުމުން، މިހާރުގެ ހާލަތަށް ބަލައި ފަތުރުވެރިންނަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރުމަށް ކޮށްފައިވާ މުހިންމު މަސައްކަތްތަކުގެ ނަތީޖާ ކަމަށްވެސް ބުނެފައިވެއެވެ.
އެމްއެމްޕީއާރްސީ
އެމްއެމްޕީއާރްސީ
އެމްއެމްޕީއާރްސީ
އެމްއެމްޕީއާރްސީ