މެންޗެސްޓާ ޔުނައިޓެޑަށް އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރެވިދާނެ ކަަމަށް ކްލަބުގެ ޕޯޗުގަލް ތަރި ބްރޫނޯ ފެނާންޑޭޒް ބުނެފިއެވެ.

ސާ އެލެކްސް ފާގަސަންގެ ކެރިއަރުގައި ދުނިޔޭގެ ފުޓުބޯޅައިގައި ރަސްކަންކުރި ޔުނައިޓެޑް، ފާގަސަންގެ ރިޓަޔާމަންޓާއެކު ބޮޑު އަނދަވަޅަކަށް ވެއްޓުނެވެ. ޔޫރަޕްގެ ވަރުގަދަ ކްލަބުކުގެ ލިސްޓުން ވެއްޓި، މިހާރު އެ ކްލަބަކީ އެންމެ ޑޮމެސްޓިކް ލީގަށްވެސް ވާދަކުރާ ކްލަބެއް ކަމަކަށް ގިނަ ބަޔަކު ނުދެކެއެވެ.

އުނދަގޫ ހާލަތެއްގައި އޮތް ޔުނައިޓެޑް މިވަގުތު ލީގުގެ ފަސްވަނައިގައި އޮތްއިރު، މިދިޔަ ހަފްތާގައި އެޓީމު ވަނީ ޗެމްޕިއަންސް ލީގުން ކަޓައި، ޔޫރޮޕާ ލީގަށް ޑީމޯޓްވެފައެވެ. މިދިޔަ ދެތިން ސީޒަނަކީ ޔުނައިޓެޑްގެ އެންމެ ރަނގަޅު ދުވަސްތަކަށްވެފައި ނުވާއިރު، ފަހަކަށް އައިސް އެޓީމަށް އެންމެ ބޮޑު ނުފޫޒެއް ފޯރުވި ކުޅުންތެރިޔަކީ ފެނާންޑޭޒްއެވެ. މިދިޔަ ސީޒަންގެ މެދުތެރެއިން ކްލަބާ ގުޅި، އުމުރުން 26 އަހަރުގެ ފެނާންޑޭޒް ވަނީ ޓީމަށް މުހިއްމު ޕޮއިންޓްތަކެއް ހޯދައިދީ، އެޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާއަށް ވެފައެވެ.

"އިންޑިވިޖުއަލް އެވޯޑުތައް ހޯދުމަކަށް ނޫން އިނގިރޭސި ލީގަށް ބަދަލުވީ. އަހަރެން ހިތްހަމަ ޖެހޭނީ ޕްރިމިއާ ލީގު ކާމިޔާބު ކުރެވުމުން. އަހަރެން ގަބޫލުކުރާ ގޮތުގައި ޔުނައިޓެޑަށް އެ ފުރުސަތު އެބައޮތް،" ފެނާންޑޭޒް ބުނެފައިވެއެވެ.

ޔޫރޮޕާ ލީގުގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމުގައި ފެނާންޑޭޒް މިދިޔަ ސީޒަން ނިންމާލާފައިވާއިރު، ޔުނައިޓެޑަށް މި ސީޒަނަށް އޮތް އެންމެ ބޮޑު އުންމީދަކީ ފެނާންޑޭޒްގެ ފޯމް ކަމަށް ގިނަ ބަޔަކު ދެކެއެވެ. ޔުނައިޓެޑްގެ މެނޭޖުމަންޓާއި، ކޯޗުންނާ ދެކޮޅަށް ކްލަބުގެ ސަޕޯޓަރުން އަޑު އުފުލަމުންދާއިރު، ކްލަބުގެ ޗީފް އެޑް ވުޑްވާޑަށް އަމާޒުކޮށް، އެތައް ސަޕޯޓަރުންނެއް މިހާރުވެސް ދަނީ ނުރުހުން ފާޅުކުރަމުންނެވެ.