ފިޝަރީޒް މިނިސްޓަރުކަމުގައި ޒަހާ ހުރެގެން މަހުގެ އަގު މައްޗަށް ނުޖެއްސޭނެ ކަމަށް ބިލެތްދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު ހަލީމު (ދޮންބިލެތް) ވިދާޅުވެއްޖެއެވެ.

ޗެނަަލް 13އިން ރޭ ގެނެސްދިން "ތަރާދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހަލީމް ވިދާޅުވީ، މަސްވެރިންނަށް ހަމައަގު އެންމެ ފުރަތަމަ ހޯދައިދިން ބަޔަކީވެސް އެމްޑީޕީ ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުންވެސް އެކަން ކުރާނެ ކަމަށް ވިދާޅުވިއެވެ.

މަސްވެރިންނަށް ހަމައަގު ހޯދައިދިނުމަށް ހަދަން ޖެހޭ ގާނޫނުތައް މިހާރު ހަދާފައިވާ ކަމަށާއި މިހާރު ކުރަން ހުރި މަސައްކަތަކީ އެ ގާނޫނު ތަކުގެ ދަށުން ހަދަން ޖެހޭ ގަވައިދުތައް ހެދުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ. މަސްވެރިކަމާ ގުޅުންހުރި ގަވައިދުތައް ހެދުމުގައި ލަސްތަކެއް އުޅޭކަން ފާހަގަކުރައްވައި ހަލީމް ވިދާޅުވީ، ކޮންމެ ފަދަ ގުރުބާނީއެއް ވެގެންނަމަވެސް މަސްވެރިންނަށް ހަމައަގު ހޯދައިދޭނެ ކަމަށެވެ. އެގޮތުން ފިޝަރީސް މިނިސްޓަރަކަށް މިހާރު ހުންނެވި ޒަހާ ވަހީދު މިނިސްޓަރުކަމުން ދުރުކޮށްގެން ނަމަވެސް އެ މަސައްކަތް ކުރާނެ ކަމަށް ވިދާޅުވިއެވެ.

"ޒަހާ ހުރެގެންނެއް އަޅުގަނޑުމެންނަށް މަހުގެ އަގު މައްޗަކަށް ނުޖެއްސޭނެ. އަޅުގަނޑުމެން އެމަސައްކަތް ކުރަމުން މިދަނީ އިރާދަކުރެއްވިއްޔާމު ރައްޔިތުންގެ މަޖިލިސް ފެށޭއިރު އެންމެ ފުރަތަމަ އިތުބާރު ނެތްކަމުގެ ވޯޓު ނަގާ އެއްފަރާތަކަށް ވާނީ ޒަހާ" ހަލީމް ވިދާޅުވިއެވެ.

ހަލީމް ވިދާޅުވީ، މަހުގެ އަގު މައްޗަށް ނުޖެއްސިގެން އުޅެނީ ވެރިކަން ކުރާ ކޯލިޝަންގައި އެކަން ކުރަން ބޭނުންނުވާ ބަޔަކު އުޅޭތީ ކަމަށެވެ.

ޒަހާގެ އިތުބާރުނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވައްދާނެ ކަމަށް ހަލީމް ވިދާޅުވެފައިވާއިރު، މިނިސްޓަރުގެ ޒިންމާ އަދާ ނުކުރައްވާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ކޮމިޓީން ވަނީ މަޖިލީހުގެ ތަޅުމަށް ޒަހާގެ މައްސަލައެއް ފޮނުވައި، އެ މައްސަލައިގެ ބަހުސްވެސް ކުރިއަށް ގެންގޮސްފައެވެ. ބަހުސް މަރުހަލާގައި އެމްއާރްއެމްގެ ސްލޮޓެއްގައި މިނިސްޓަރުކަމުގައި ހުންނެވި ޒަހާގެ އިސްތިއުފާއަށް އެމްޑީޕީގެ ގިނަ މެންބަރުން ގޮވާލެއްވިއެވެ.

ވަޒީރުކަމުގެ މަސްއޫލިއްޔަތު ޒަހާ އަދާނުކުރައްވާ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެއްދީ މަސްވެރިކަމުގެ ގާނޫނުގެ ދަށުން ހެދުމަށް ލާޒިމް ކޮށްފައިވާ ގިނަ ގަވާއިދުތަކެއް ނިންމާފައި ނުވާތީއެވެ.

މިނިސްޓަރު ކަމުގައި ޒަހާ ހުރެގެން މަހުގެ އަގު މަތި ނުކުރެވޭނެ ކަމަށް ހަލީމް ވިދާޅުވިއިރު ބޮޑު ކަންނެލި ގަންނަ އަގާއި ކަޅުބިލަމަސް ގަންނަ އަގު ވަނީ ދަށްކޮށްފައެވެ. އަދި މަސް ނުކިރި އެތައް ދުވަހެއްވާކަމުގެ ކަންބޮޑުވުން މަސްވެރިން ކުރަމުންދާތާ ވަނީ ދުވަސްތަކެއް ވެފައެވެ.

މަސްވެރިންނަށް ބާނާ މަހުގެ ހަމައަގު ހޯދައިދީ، ފަހި ފުރުސަތުތަކެއް ހޯދައިދިނުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ.