ބޯޑަރު ހުޅުވިފަހުން ރާއްޖެއަށް އަންނާނެ ކަމަށް ޓާގެޓް ކުރި އެއް ލައްކަ ފަތުރުވެރީންގެ އަމާޒު މާދަމާ ހެނދުނު ހާސިލް ވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މައުސޫމް މިހެން ވިދާޅުވީ އޭނާ މިއަދު ހެނދުނު ކުރެއްވި ޓުވީޓެއްގަ އެވެ. މިއީ ބޮޑު ކާމިޔާބީއެއް ކަމަށް މިނިސްޓަރުގެ ޓުވީޓުގައި ވަނީ ފާހަގަކުރައްވައިފަ އެވެ.
"އަލްހަމްދު ލިއްﷲ، މާދަމާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި ތާރީހީ ދުވަހެއް. ބޯޑަރު ހުޅުވިފަހުން ރާއްޖެއަށް އަންނަ އެއްލައްކަ ވަނަ ފަތުރުވެރިޔާ ރާއްޖެއަށް އައުން މާދަން ހެނދުނު އަޅުގަނޑުމެން ފާހަގަކުރާނަން. މިއީ ބޮޑު ކާމިޔާބެއް." މިނިސްޓަރު މައުސޫމްގެ ޓުވީޓުގައި ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ ފުރަތަމަ ހަތް ދުވަހުގެ ތެރޭގައި 12،614 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ. އެއީ ދުވާލަކަށް އެވްރެޖްކޮށް 2042 ފަތުރުވެރިންނެވެ. އަދި ފަތުރުވެރިން ރާއްޖޭގައި އެވްރެޖްކޮށް 8.5 ދުވަސް ހޭދަކުރާ ކަމަށް މިނިސްޓްރީން ބުނެ އެވެ.
ބޯޑަރު ހުޅުވި ފަހުން މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރީން އައިސްފައި ވަނީ އިންޑިއާއިންނެވެ.
ރާއްޖެ ހިމެނެނީ ފަތުރުވެރީންނަށް އެންމެ އަވަހަށް ބޯޑަރު ހުޅުވައިލި ގައުމުތަކުގެ ތެރޭގަ އެވެ. އެ ގޮތުން ހާއްސަ ގައިޑްލައިންތަކާ އެކު ރާއްޖޭގެ ބޯޑަރު ފަތުރުވެރީންނަށް ހުޅުވައިލީ މި އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހު އެވެ. އޭގެ ފަހުން މިދިޔަ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހު ގެސްޓުހައުސްތައް ވެސް ވަނީ ހުޅުވައިލައިފަ އެވެ. މާލޭ ސަރަހައްދުގެ ގެސްޓުހައުސްތައް ވެސް މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން ހުޅުވަން ހުއްދަ ދޭން މިހާރު ވަނީ ނިންމައިފަ އެވެ.
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް