އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވެކްސިން ޖަހަން ފެށޭނެ ކަމަށް ބެލެވޭ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.

ކޮވިޑް ވެކްސިން ދިނުމާ ގުޅޭގޮތުން އެޗްއީއޯސީން މިއަދު ބޭއްވި ހާއްސަ ޕްރެސް ކޮންފަރެންސްގައި ގައުމީ ވެކްސިން ޕްރޮގްރާމްގެ އެންމެ އިސްފަރާތުގެ ގޮތުގައި ހަމަޖައްސާފައިވާ ޑރ. ނަޒްލާ ވިދާޅުވީ، ކޮވިޑާ ދެކޮޅަށް ދުނިޔޭގައި ގާތްގަނޑަކަށް 200 އަށްވުރެ ގިނަ ވެކްސިން ތައްޔާރު ކުރަމުން އަންނައިރު، އޭގެ ތެރޭގައި އެކި ބާވަތްވާތުގެ ވެކްސިން ހިމެނޭ ކަމަށެވެ. އަދި އޭގެ ތެރެއިން ރާއްޖެއަށް ގެންނަން ނިންމާފައިވަނީ ކޮން ވެކްސިނެއްކަން އަދި ނިންމާފައި ނުވާ ކަމަށް ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވީ، ރާއްޖެއިން މަސައްކަތް ކުރަމުން އަންނަަނީ ވީ އެންމެ އަވަހަށް ވެކްސިން ހޯދުމަށް ކަމަށެވެ.

"އަޅުގަނޑުމެންނަށް އުންމީދުކުރެވެނީ މި އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި އަޅުގަނޑުމެންނަށް ވެކްސިން ޖަހަން ފެށޭނެ ކަމަށް ފުރަތަމަ ގްރޫޕްތަކަށް އިރާދަކުރެއްވިއްޔާ" ޑރ. ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ، ކޮވިޑްގެ ވެކްސިން ލިބެންވާއިރަށް ވާން ޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި އެގޮތުން ވެކްސިނަކީ ވަކި ފިނިހޫނުމިނެއްގައި ބަހައްޓަން ޖެހޭ އެއްޗަކަށްވާއިރު، ވެކްސިން ރައްކާކުރުމަށް ޔުނިސެފްގެ އެހީގައި ހާއްސަ ކޯލްޑްސްޓޯރޭޖެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ރާއްޖެއަކީ ކޮވެކްސް ފެސިލިޓީގައި ބައިވެރިވެފައިވާ ގައުމެއް ކަމުން ރާއްޖޭގެ އާބާދީގެ 20 އިންސައްތަ މީހުންނަށް ޖެހުމަށް އެ ފެސިލިޓީގެ ދަށުން ހިލޭ ވެކްސިން ލިބިގެންދާ އެވެ. ކޮވެކްސްއިން ވަނީ ވެކްސިން ހޯދުމަށް ރާއްޖެއިން ހުށަހެޅި ހުށަހެޅުން ގަބޫލުކޮށްފައެވެ.

ކޮވެކްސް ފެސިލިޓީން ރާއްޖޭގެ އާބާދީގެ 20 އިންސައްތަ މީހުންނަށް ޖެހުމަށް ހިލޭ ވެކްސިން ލިބޭއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ، ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް ހިލޭ ވެކްސިން ފޯރުކޮށްދޭނެ ކަމަށް ވިދާޅުވެފައެވެ.

ކޮވިޑްގެ ވެކްސިން ޖެހުމަށް އުފައްދާފައިވާ ސްޓިއަރިން ކޮމިޓީން ބުނީ، އެންމެ ފުރަތަމަ ރާއްޖެއަށް ލިބޭ ވެކްސިން ދޭނީ ސިއްހީ ދާއިރާގެ ކުރީ ސަފުގައި މަސައްކަތްކުރާ މީހުންނާއި 80 އަހަރުން މަތީގެ މީހުންނަށް ކަމަށެވެ.

ރާއްޖެއަށް ގެންނަނީ ކޮން ވެކްސިނެއް ކަމެއް އަދި ނިންމާފައި ނުވާއިރު، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރު މީގެ ކުރިން ވިދާޅުވި ގޮތުގައި، ކޮވިޑާ ދެކޮޅަށް އުފައްދަމުން އަންނަ ވެކްސިންތަކުގެ ތެރެއިން ފޭސް ތިނެއްގެ ޓްރަޔަލްގައި ހުރި ވެކްސިންތަކުގެ ތެރެއިން އެންމެ ކާމިޔާބު ދެ ވެކްސިނަކީ އެސްޓްރާޒެނެކާ ވެކްސިނާއި މޮޑާނާ ވެކްސިން އެވެ. އަދި އެއީ ރާއްޖޭގެ މާހައުލަށް ބަލައި ރާއްޖެއަށް ގެނައުމަށް އެންމެ އެކަށީގެންވާ ދެ ވެކްސިން ކަމަށާއި ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުން އަންނަނީވެސް އެ ދެ ވެކްސިން ކަމަށް ވިދާޅުވިއެވެ.