ގދ. ތިނަދު އާއި މ. މުލަކުގައި، އަންނަ އަހަރު މަސް ގަންނަ މަރުކަޒެއް ގާއިމުކުރުމަށް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުން އަންނަ މިއަހަރުގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައެވެ.

ރައީސް ސޯލިހު ވިދާޅުވީ މަސްވެރިންނަށް މިވަގުތު ކުރިމަތިވެފައިވާ، މަސް ކިރުވުމުގެ ދަތިތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް ޓަކައި، 460 މިލިއަން ރުފިޔާއަށްވުރެ އަގުބޮޑު މަޝްރޫއުތަކެއް، އަންނަ އަހަރުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

އެގޮތުން، ޅ. ފެލިވަރާއި ގއ. ކޫއްޑޫގައި ހުރި މިފްކޯގެ މަސް ކާރުހާނާ އިތުރަށް ތަރައްގީކޮށް، މަސް ރައްކާކުރެވޭ މިންވަރު 3050 ޓަނުން 8000 ޓަނަށް އިތުރުކުރުމުގެ އަމަލީ މަސައްކަތް ވެސް އަންނަ އަހަރުގެ ތެރޭގައި ފެށޭނެކަމަށްވެސް ވިދާޅުވިއެވެ. އަދި ގދ. ތިނަދު އާއި މ. މުލަކުގައި، މަސް ގަންނަ މަރުކަޒެއް ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށާއި، އެ މަޝްރޫއުތައް ނިމުމުން، މަސްވެރިންގެ ވަރަށް ގިނަ ޝަކުވާތަކަށް ހައްލު ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މި ފެށޭ 2021 ވަނަ އަހަރުގެ ތެރޭގައި، ދިވެހި މަސްވެރިކަން އިތުރަށް ތަރައްގީކުރުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށެވެ. އައިސް ލިބުމުގެ ދަތިކަން ފިލުވައިދިނުމަށްޓަކައި، މުޅިން އާ ހަތް އައިސް ޕްލާންޓް ހެދުމުގެ މަސައްކަތް އަންނަ އަހަރު ފެށޭނެ ކަމަށާއި ދޯނިފަހަރުގެ ވަތުގައި ފެން ފިނިކުރާ ނިޒާމުތައް ގާއިމުކުރުމުގެ މަސައްކަތް އިތުރުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ. ހަމަ އެފަދައިން، މަސް ކިރުވުމުގައި ދިމާވާ ދަތިތައް ހައްލުކުރުމުގެ ގޮތުން، މަސް ގަންނަ އިތުރު ފެސިލިޓީތައް ގާއިމުކުރުމުގެ މަސައްކަތްވެސް، މާތް ﷲގެ ވާގިފުޅާއެކު، މި އަންނަ އަހަރުގެ ތެރޭގައި ފެށޭނެކަމަށް ވިދާޅުވިއެވެ.

މެރިކަލްޗަރގެ ޒަރީއާއިން މަސްވެރިކަމުގެ ސިނާއަތު ސިންދަފާތުކުރުމުގެ މަސައްކަތްވެސް، މި އަންނަ އަހަރުގެ ތެރޭގައި އިތުރަށް ހަރުދަނާކުރުމަކީ ސަރުކާރުގެ ވަރަށް މުހިންމު އަމާޒެއްކަމަށް ރައީސް ވިދާޅުވިއެވެ.