މި ދުވަސްވަރު އާއިލާގެ މެންބަރުންގެ މެދުގައި އެކަކު އަނެކަކަށް އޯގާތެރިވުމަށް ހާއްސަ އިސްކަމެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިިމް މުހައްމަދު ސޯލިހު އިލްތިމާސް ކުރައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް އިލްތިމާސް ކުރެއްވީ މި އަހަރުގެ، ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ހިތާބުގައެވެ.

ރައީސް ސޯލިހު ވިދާޅުވީ މިއަދު އަޅުގަނޑުމެން އެންމެންވެސް މިތިބީ އެކަކު އަނެކަކުގެ އެހީތެރިކަމަށް ނުހަނު ބޮޑަށް ބޭނުންވެފައި ކަމަށެވެ.

ކޯވިޑްގެ ސަބަބުން އާއިލާތަކަށާއި މުޖުތަމައަށް ކުރިމަތިވެފައިވާ، ސިއްހީ މައްސަލަތަކާއި ނަފްސާނީ ހިތްދަތިކަމުން އަރައިގަތުމަށް ކުރެވޭ މަސައްކަތުގައި އެންމެންގެ ބައިވެރިވުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިފަދަ ދަތި އުނދަގޫ ކޮންމެ ދަނޑިވަޅެއްގައި ދިވެހިންގެ ކިބައިގައި ހުންނަ އިންސާނިއްޔަތުކަމުގެ މަތިވެރި ސިފަތައް ކުރިއަށް ނެރެ، އެންމެން ގުޅިގެން މަސައްކަތް ކުރެވިއްޖެނަމަ، ކޯވިޑްގެ ގެއްލުންތަކުން އަރައިގަތުމަކީ މާ އުނދަގޫ ކަމަކަށް ނުވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މިއީ އާއިލާގެ މެންބަރުންގެ މެދުގައިވެސް، އެކަކު އަނެކަކަށް އޯގާތެރިވުމަށް ހާއްސަ އިސްކަމެއް ދޭންޖެހިފައިވާ ދުވަސްވަރެކެވެ. ކޯވިޑްގެ ސަބަބުން އާއިލާތަކަށާއި މުޖުތަމައަށް ކުރިމަތިވެފައިވާ، ސިއްހީ މައްސަލަތަކާއި ނަފްސާނީ ހިތްދަތިކަމުން އަރައިގަތުމަށް ކުރެވޭ މަސައްކަތުގައި އެންމެންގެ ބައިވެރިވުން ވަރަށް ބޮޑަށް ބޭނުންވެއެވެ. މިފަދަ ދަތި އުނދަގޫ ކޮންމެ ދަނޑިވަޅެއްގައި ދިވެހިންގެ ކިބައިގައި ހުންނަ އިންސާނިއްޔަތުކަމުގެ މަތިވެރި ސިފަތައް ކުރިއަށް ނެރެ އެންމެން ގުޅިގެން މަސައްކަތް ކުރެވިއްޖެނަމަ ކޯވިޑްގެ ގެއްލުންތަކުން އަރައިގަތުމަކީ މާ އުނދަގޫ ކަމަކަށް ނުވާނެއެވެ."

ރައީސް ވިދާޅުވީ ދިވެހިރާއްޖޭގައި ކޯވިޑްގެ ބަލިމަޑުކަން ފެތުރެން ފެށުމާއެކު، އެކަމާ ދެކޮޅަށް މަސައްކަތްކުރަމުން އަންނަނީ ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތުކުރުމެއް ނެތި ކަމަށެވެ. ބަލިޖެހޭ މީހުންނަށް ފަރުވާކުރުމާއި އެކަހެރިކުރުމާއި ކަރަންޓީނު ކުރުމުގައިވެސް ދިވެހި ދައުލަތުގެ ފަރާތުން އަމަލުކުރަމުން އަންނަނީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނާއި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި ދިވެހި ރައްޔިތުންނާ ދެމެދު އެއްވެސް ތަފާތުކުރުމެއް ނެތި އިންސާނަކަށް ވީތީ ލިބެން ޖެހޭ އަސާސީ ހައްގުތައް ފުރިހަމައަށް ލިބިދެމުން ކަމަށްވެސް ވިދާޅުވިއެވެ.

"ކޯވިޑްގެ ބަލިމަޑުކަމުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް މިކުރާ މަސައްކަތުގައިވެސް، ސަރުކާރުގެ އެންމެ އިސް ސިޔާސަތަކަށްވާނީ ރާއްޖޭގައި ދިރިއުޅޭ އަދި ރާއްޖެއަށް ޒިޔާރަތްކުރާ އެންމެންގެ އިންސާނީ ހައްގުތައް އެއްވެސް ތަފާތުކުރުމެއްނެތި ފުރިހަމައަށް ރައްކާތެރިކޮށްދިނުމެވެ. ވަކިން ހާއްސަ ގޮތެއްގައި، ކޯވިޑްގެ ސަބަބުން ވަޒީފާ ގެއްލިފައިވާ ދިވެހިންނަށް، ވަޒީފާ ހޯދޭނެ ގޮތްތަކަށް މަގުފަހިކޮށްދީ، އެމީހުންގެ ދިރިއުޅުން އަލުން އާރާސްތުކުރުމަށް މަސައްކަތްކުރުމަކީ، މިހާރު އެކުލަވައިލާފައިވާ ނޭޝަނަލް ރެޒިލިއަންސް އެންޑް ރިކަވަރީ ޕްލޭން 2020-2022ގައިވެސް، ވަރަށް ބޮޑު އިސްކަމެއް ދީފައިވާ ކަމެކެވެ."