މަސްވެރިންނަށް މިވަގުތު ކުރިމަތިވެފައިވާ، މަސް ކިރުވުމުގެ ދަތިތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށްޓަކައި، 460 މިލިއަން ރުފިޔާއަށްވުރެ އަގުބޮޑު މަޝްރޫއުތަކެއް، މި އަންނަ އަހަރުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުން މިއަންނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތޯބުގައެވެ.
ރައީސް ވިދާޅުވީ، މަސްވެރިންނަށް މިވަގުތު ކުރިމަތިވެފައިވާ، މަސް ކިރުވުމުގެ ދަތިތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށްޓަކައި، ޅ. ފެލިވަރާއި ގއ. ކޫއްޑޫގައި ހުރި މިފްކޯގެ މަސް ކާރުހާނާ އިތުރަށް ތަރައްގީކޮށް، މަސް ރައްކާކުރެވޭ މިންވަރު 3050 ޓަނުން 8000 ޓަނަށް އިތުރުކުރުމުގެ އަމަލީ މަސައްކަތް މި އަންނަ އަހަރުގެ ތެރޭގައި ފެށޭނެ ކަމަށެވެ. އަދި ގދ. ތިނަދުއާއި މ. މުލަކުގައި، މަސް ގަންނަ މަރުކަޒެއް ގާއިމުކުރުމަށްވަނީ ހަމަޖެހިފައިވާ ކަމަށާއި، މި މަޝްރޫއުތައް ނިމުމުން، މަސްވެރިންގެ ވަރަށް ގިނަ ޝަކުވާތަކަށް ހައްލު ލިބިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި މަސްވެރިކަން މިހާރަށްވުރެ ފުޅާކޮށް، މަސްވެރިކަމުގެ އުފެއްދުންތެރިކަން ސިންދަފާތުކުރުމުގައި، އެންމެ ބޮޑަށް ބޭނުންވަނީ، ރައްޔިތުންގެ ބައިވެރިވުމާއި އެއްބާރުލުމާއި އިސްނެގުމެވެ.
މަސްވެރިކަން އިތުރަށް ފުޅާކޮށް، އިގްތިސޯދަށް ދިރުން ގެނައުމަށްޓަކައި، މަސްވެރިންނާއި މަސްވެރި އާއިލާތަކުން ނަގާ ކޮންމެ އިސްނެގުމަކަށް، ސަރުކާރުން މަރުހަބާ ކިޔާނެ ކަމަށާއި އެކަމުގައި ވެދެވެން އޮތް އެންމެ ބޮޑު އެހީތެރިކަމެއް ސަރުކާރުން ވެދެއްވާނެކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު