ގަތަރު އެއާވޭސް އިން ރާއްޖެއަށް ބާއްވާ ދަތުރުތައް އިތުރުކޮށްފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ، މިއަދުން ފެށިގެން ގަތަރު އެއާވޭސް އިން ރާއްޖެއަށް ތިން ފްލައިޓް ބާއްވާނެ ކަމަށެވެ.

ކޮވިޑް-19 އަށްފަހު ރާއްޖޭގެ ބޯޑަރު މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު އަލުން ހުޅުވާލުމާ ގުޅިގެން ވީއައިއޭއަށް އެންމެ ފުރަތަމަ ޖެއްސީ ގަތަރު އެއާވޭސްގެ ފްލައިޓެކެވެ.

ގަތަރުގެ ދޯހާ އިން ފުރައިގެން ރާއްޖެ އައި އެ ބޯޓުން ޔޫރަޕުގެ އެކި ގައުމުތަކުން 100 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައެވެ. އެދުވަހުން ފެށިގެން ގަތަރު އެއާވޭސް އިން ރާއްޖެއަށް ދުވާލަކު އެއް ފްލައިޓް އަންނަނީ ބާއްވަމުންނެވެ.

ފިނިމޫސުމާއި އާ އަހަރާ ދިމާކޮށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނައިރު، މިދިޔަ ހޮނިހިރު ދުވަހަކީ ވީއައިއޭއަށް ރެކޯޑް ދުވަހެކެވެ. އެގޮތުން އެދުވަހު ރެކޯޑް އަދަދަކަށް ރާއްޖެއަށް މީހުން އައިސްފައިވާއިރު، އެއާ ޓްރެފިކް މޫވްމަންޓުން ވެސް އެދުވަހު ވަނީ ރެކޯޑެއް ހަދައިފަ އެވެ.