ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ކަޓައިފާނެ ކަމުގެ ބިރު ހީވެފައި އޮތް ރެއާލް މެޑްރިޑުން، ގްރޫޕް ސްޓޭޖުގެ ފަހު މެޗުން މޮޅުވެ، އެއްވަނަ ޓީމުގެ ގޮތުގައި ގަދަ 16 އަށް ދަތުރު ކޮށްފިއެވެ.

ރޭގެ މެޗަށް ނުކުތްއިރު، އަމިއްލަ ބާރުގައި ގަދަ 16 ޔަގީން ކުރުމަށް ރެއާލްއަށް އޮތީ މޮޅެއް ހޯދުމަށް މަޖުބޫރު ވެފައެވެ. ގްރޫޕްގެ ހުރިހާ ޓީމަކަށްވެސް ގަދަ 16އަށް ދިޔުމުގެ ފުރުސަތު ހުޅުވިފައި އޮތްއިރު، ރެއާލްއަށް ޔޫރޮޕާ ލީގު ކުޅުން ވާނީ ބޮޑު ލަދަކަށެވެ. އެ ކްލަބުން މީގެ ކުރިން 13 ފަހަރެއްގައި ޔޫރަޕްގެ ޗެމްޕިއަންކަން ހޯދައިފައިވާއިރު، އެއީ ޔޫރަޕްގެ އެންމެ ކާމިޔާބުވެސް ކްލަބެވެ.

ސްޕެއިންގެ ފިނި މާހައުލުގައި، އަލްފްރެޑޯ ޑި ސްޓެފާނޯ ދަނޑުގައި ރޭ ބްރޫޝިއާ މޮންޗެންގްލެޑްބަޗާ ދެކޮޅަށް ރެއާލްއިން ކުޅުނު މެޗު އެޓީމުން ކާމިޔާބު ކުރީ 2-0ގެ ނަތީޖާއަކުންނެވެ. މެޗުގެ ދެ ގޯލްވެސް ރެއާލްގެ ފްރާންސް ފޯވަޑް ކަރިމް ބެންޒެމާ ބޮލުން ޖަހާފައިވާއިރު، އެންމެ ބޮޑު ހިތްވަރެއްގެ ގޮތުގައި ރޭގެ މެޗުން ފެނިފައި ވަނީ އަނިޔާގައި ހުރުމަށްފަހު ކެޕްޓަން ސާޖިއޯ ރާމޯސް ރޭގެ މެޗަށް ނުކުތުމެވެ.

ރޭގެ މެޗަށް ނުކުތްއިރު، ރެއާލްއިން ފަސް މެޗުން ހަތް ޕޮއިންޓް ހޯދައިފައި އޮތީ، އިންޓަ މިލާން އަތުން ދެ މެޗުން މޮޅުވުމުގެ އިތުރުން ބްރޫޝިއާ މޮންޗެންގްލެޑްބަޗާ ކުޅުނު ފުރަތަމަ މެޗުން އެއްވަރު ކޮށްގެންނެވެ. ޝަކްޓާ ޑޮނެސްކް އަތުން ދެ ފަހަރަށްވެސް ރެއާލް ބަލިވެފައި އޮތްއިރު، ރޭ އިންޓައާއި ޝަކްޓާ ކުޅުނު މެޗު 0-0 އިން އެއްވަރުވެގެން ނިމުމާއެކު އިންޓައާއި ޝަކްޓާ ވަނީ ކަޓައިގެން ގޮސްފައެވެ.

ޝަކްޓާއަށް ޔޫރޮޕާ ލީގުގެ ފުރުސަތު ލިބިފައިވާއިރު، އިންޓަ ކެޓީ ފުލުންނެވެ. 2011 ވަނަ އަހަރަށްފަހު އަދިވެސް ޗެމްޕިއަންސް ލީގުގެ ގަދަ 16 އަށް ދަތުރު ކުރެވިފައެއް ނުވެއެވެ.

ބެންޒެމާ ރެއާލް ޖާޒީގައި ކުޅުނު 527 ވަނަ މެޗަށް ރޭ ނުކުމެ ހުރިއިރު، މެޗުގެ ނުވަ ވަނަ މިނެޓުގައި ލޫކަސް ވަޒްކުއޭޒް ނަގައިދިން ހުރަހަކުން އޭނާ ލީޑު ނަގައިދިނެވެ. ހާފް ނިމުމުގެ ކުރިން ބެންޒެމާގެ ދެވަނަ ގޯލްވެސް ފެނިފައިވާއިރު، ދެވަނަ ހާފްގައި ބެންޒެމާ ވަނީ ހެޓްރިކަކާ ވަރަށް ކައިއިރިއަށް ޖެހިލައިފައެވެ. އޭނާގެ ދެ ހަމަލައެއް ބްރޫޝިއާގެ ގޯލްކީޕަރު މަތަކުރިއިރު، އެއް ހަމަލާ ގޯލްގެ ދަނޑިއަށްވެސް އަމާޒު ވެފައިވެއެވެ.

މިދިޔަ ހަފްތާ ލީގުގައި ސެވިއްޔާއާ ދެކޮޅަށް ރެއާލް ކުޅުނު މެޗުންވެސް މޮޅުވެ، ދަށްކޮށް ފެށި ސީޒަން އަނބުރައިލުމުގައި ކޯޗު ޒިދާން ވަނީ ކުރިއެރުންތަކެއް ހޯދައިފައެވެ. އަންނަ ހަފްތާ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް، ލީގުގައި ކުޅެން ޖެހޭ ޑާބީ މެޗުން މޮޅު ވެވިއްޖެނަމަ، ޒިދާންގެ ޕްރެޝަރު ކުޑަވެގެން ދާނެ ކަމަށް ބެލެވެއެވެ.

ރޭގެ މެޗަށްފަހު ރެއާލް އަތުން ބަލިވި މޮންޗަންގްލަޑްބަޗްގެ ކުޅުންތެރިންވެސް އުފާފާޅުކޮށްފައިވެއެވެ. އިންޓައާއި ޝަކްޓާ ކުޅުނު މެޗު ނިމެންދެން މަޑުކުރުމަށްފަހު އެޓީމުން އުފާފާޅުކުރީ ގަދަ 16 ޔަގީންވުމުންނެވެ.