ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ނަސްލީ ތަފާތުކުރުމުގެ މައްސަލައެއްގެ ސަބަބުން ހުއްޓާލި ޕީއެސްޖީއާއި އިސްތާންބޫލް ބަސަކްސެހީރް މެޗުގެ ބާކީ ބައި ރޭ ކުޅެފިއެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީއާއި އިސްތާންބޫލް ބަސަކްޝެހީރް ކުޅުނު މެޗު އަންގާރު ދުވަހުގެ ރެއަށް ތާވަލުކޮށް، މެޗުގެ 14 މިނެޓު ކުޅެފައިވެއެވެ. އެ ހިސާބަށް މެޗު ކުރިއަށް ގޮސްފައި ވަނިކޮށް، މެޗުގައި ބަދަލު ރެފްރީކަން ކުރަން ހުރި ސެބަސްޓިއަން ކަލްޓެސްކޫ ބޭނުންކުރި ނަސްލީ ތަފާތުކުރުމުގެ ބަހެއްގެ ސަބަބުން ދެޓީމުގެ ކުޅުންތެރިން ވަނީ ދަނޑުން ފައިބައިފައެވެ.

އެ މައްސަލަ ޔޫއެފާއިން މިހާރު ތަހުގީގު ކުރަމުން އަންނައިރު، ޔޫއެފާއިން ނިންމީ ވަނީ މެޗުގެ ބާކީ ބައި، ރޭ ކުޅުމަށެވެ. ނަސްލީ ތަފާތުކުރުމާ ދެކޮޅަށް ޕީއެސްޖީގެ ދަނޑުގައި ބެނާތައް ހަރުކޮށް، ކުޅުންތެރިންގެ ވާމް އަޕް ޓީޝާޓުތައްވެސް ބަދަލުކޮށްލައިގެން ރޭގެ މެޗަށް ދެޓީމު ނުކުމެފައިވާއިރު، މެޗު ޕީއެސްޖީން ކާމިޔާބުކުރީ 5-1 ގެ ނަތީޖާއަކުންނެވެ. މެޗަށް ޔޫއެފާއިން ހަމަޖައްސާފައި ވަނީ ކުރީ މެޗުގެ ރެފްރީ ޓީމެއް ނޫނެވެ.

ބަސަކްސެހީރްގެ ހިލޭ ޖެހުމަކުން 14 ވަނަ މިނެޓުގައި ރޭގެ މެޗު ފަށާފައިވާއިރު، މެޗު ފެށިގެން އިރުކޮޅެއްގެ ތެރޭގައި ނޭމާ އޭނާގެ ފުރަތަމަ ގޯލް ޖެހިއެވެ. ޑިފެންޑަރު ކައިރިން ނައްޓައިލުމަށްފަހު އޭރިއާ ބޭރުން އޭނާ ފޮނުވާލި ހަމަލާ އަމާޒުކޮށްލީ ގޯލްގެ ކަނަށެވެ. ރޭގެ މެޗުގައި ނޭމާގެ ހުނަރު އިންތިހާއަށް ފެނިގެން ގޮސްފައިވާއިރު، ހާފް ނިމުމުގެ ކުރިން ދެވަނަ ގޯލެއްވެސް ނޭމާ ޖަހާފައިވެއެވެ.

ހާފް ނިމުމުގެ ދެތިން މިނެޓް ކުރިން ނޭމާއަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނެލްޓީ ކިލިއަން އެމްބާޕޭ ކާމިޔާބު ކޮށްފައިވާއިރު، ދެވަނަ ހާފްގެ 10 ވަރަކަށް މިނެޓް ތެރޭގައި އެންހޭލް ޑިމާރިއާގެ ބޯޅައަކުން ނޭމާ ހެޓްރިކް ފުރިހަމަ ކުރިއެވެ.

މެހެމެތު ޓޮޕަލް ބަސެކްސެހީރްގެ ހަމައެކަނި ގޯލް ކާމިޔާބު ކޮށްފައިވާއިރު، ޕީއެސްޖީގެ ފަސްވަނަ ގޯލްވެސް ޖަހައިދިނީ އެމްބާޕޭއެވެ.

ރޭގެ ނަތީޖާއާއެކު ޗެމްޕިއަންސް ލީގުގެ ގްރޫޕް އެޗްގެ އެއްވަނަ ޓީމުގެ ގޮތުގައި ޕީއެސްޖީ ގަދަ 16އަށް ދަތުރު ކޮށްފައިވާއިރު، ދެވަނަ ޓީމުގެ ގޮތުގައި ގަދަ 16 އަށް ދިޔައީ މިދިޔަ އަހަރުގެ ސެމީ ފައިނަލް ކުޅުނު އާރްބީ ލެއިޕްޒިގެވެ. އެ ގްރޫޕުން ޔޫރޮޕާ ލީގުގެ ޖާގަ ހޯދީ މެންޗެސްޓާ ޔުނައިޓެޑެވެ.