ފުވައްމުލަކު ސިޓީގައި އެމްޓީސީސީން ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން ކަމާ ބެހޭ ފަރާތްތަކާއެކު މަޝްވަރާކޮށްފިއެވެ.

އެމްޓީސީސީން ބުނީ، އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް އާއި ބައެއްް އިސްވެރިން ވަނީ ފުވައްމުލަކުގައި އެ ކުންފުނިން ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީއާއި ފުވައްމުލަކު ސިޓީ ކައުންސިލާއި ފެނަކަ ކޯޕަަރޭޝަނާއެކު މަޝްވަރާކުރައްވާފައި ކަމަށެވެ.

މި މަޝްވަރާތަކުގައި ފުވައްމުލަކު ސިޓީގައި އެމްޓީސީސީން ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދިއުމުގައި އެ އިދާރާތަކުގެ އެހީތެރިކަމާއި ހިޔާލު ހޯދުމަށް ވަނީ މަޝްވަރާކޮށްފައެވެ.

ފުވައްމުލަކުގެ މަގުތައް ހެދުމުގެ ބިޔަ މަޝްރޫއު އެމްޓީސީސީން އަންނަނީ އެރަށުގައި ފަށައިގެން ކުރިއަށް ގެންދަމުންނެވެ.

އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ފުވައްމުލަކުގެ މައި 31 މަގެއް ޒަމާނީ ފެންވަރަށް ހެދުމަށެވެ. އެގޮތުން މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ފުވައްމުލަކުގެ 15،932 މީޓަރުގެ ސަރަހައްދެއް ތަރައްގީ ކުރާނެއެވެ.

މީގެ އިތުރުން 122،659 އަކަމީޓަރުގެ ސަބް ބޭސް ހެދުމާއި 95،239 އަކަމީޓަރުގެ ތާރު އެޅުމާއި ފައިމަގުގައި ހިނގާ ސަރަހައްދެއް ހެދުމާއި މަގުތަކުގައި ބައްތި ހަރުކުރުމާއި ފެން ހިންދާ ނިޒާމުގެ މަސައްކަތްވެސް 278.4 މިލިއަން ރުފިޔާގެ އެ މަޝްރޫއުގެ ދަށުން ކުރާނެއެވެ.