ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ފަހު މެޗުގައި އާރްބީ ލެއިޕްޒިގް އަތުން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ގްރޫޕް ސްޓޭޖުން ކަޓައިފިއެވެ.
ރޭގެ މެޗުން ޔުނައިޓެޑް ބަލިވީ 3-2ގެ ނަތީޖާއަކުންނެވެ. ރޭ ލެއިޕްޒިގްގެ ދަނޑުގައި ކުޅުނު މެޗަށް ނުކުތްއިރުވެސް ޔުނައިޓެޑަށް ގަދަ 16 ޔަގީން ކުރުމަށް ބޭނުންވެފައި އޮތީ ޕޮއިންޓެކެވެ. އެހެން ނަމަވެސް އެޓީމުގެ ފަރާތުން ފުރަތަމަ 15 ވަރަކަށް މިނެޓް ތެރޭގައިވެސް ފެނުނީ ދަށް ކުޅުމެކެވެ. ދަށްކޮށް ފަށައި، ފަހުވަގުތު ނަތީޖާ އަނބުރައިލަން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.
މެޗު ފެށިގެން ގާތްގަނޑަކަށް 13 ވަރަކަށް މިނެޓް ވީއިރު، ޔުނައިޓެޑް ކޮޅަށް ލެއިޕްޒިގުން ދެ ގޯލް ޖަހައިފިއެވެ. ފުރަތަމަ ގޯލް އަރިމަތިން ފަހަތަށް ކުޅޭ އެންޖެލީނޯ ޖަހައިދިންއިރު، ދެވަނަ ގޯލަށް ފުރުސަތު ތަނަވަސް ކޮށްދިނީވެސް އޭނާއެވެ. 13 ވަނަ މިނެޓުގައި ލެއިޕްޒިގްގެ ދެވަނަ ގޯލް ޖަހައިދިނީ އަމަޑޫ ހައިޑަރާއެވެ. އެންޖެލީނޯއަކީ މެންޗެސްޓާ ސިޓީގެ ކުޅުންތެރިއެކެވެ. އޭނާ ލެއިޕްޒިގްގައި ހުރީ ލޯން އެއްބަސްވުމެއްގެ ދަށުންނެވެ.
ދެވަނަ ހާފަށް ނުކުމެ ޔުނައިޓެޑުން ކުޅުން ރަނގަޅު ކުރި ނަމަވެސް އެޓީމަށްވުރެ ކުރިން އަނެއްކާވެސް ގޯލް ޖެހީ ލެއިޕްޒިގުންނެވެ. ޔުނައިޓެޑްގެ ފަހަތުން ގޯލްކީޕަރު ޑޭވިޑް ޑެހެއާ އާއި ޑިފެންޑަރު ހެރީ މެގުއެއާގެ ފަރާތުން ފެނުނު ގޯހެއްގެ ބޭނުން ހިފައި، ޔުނައިޓެޑަށް އެނބުރި އައުމުގެ އުންމީދު ބަނަކޮށްލީ، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެޗަށް ނުކުތް ޖަސްޓިން ކްލައިވާޓެވެ.
ދެވަނަ ހާފްގެ ކުރީކޮޅުގައި ބްރޫނޯ ފެނާންޑޭޒްގެ ހިލޭ ޖެހުމެއް ގޯލްގެ ދަނޑިއަށް އަމާޒުވެފައިވާއިރު، މެޗުގެ 80 ވަނަ މިނެޓުގައި އޭނާގެ ޕެނެލްޓީން ޔުނައިޓެޑަށް ކުޑަ އުންމީދެއް ގެނެސްދީފައި ވެއެވެ. އަދި އޭގެ ދެމިނެޓް ފަހުން ޕައުލް ޕޮގްބާ ޖެހި ގޯލާއެކު ޔުނައިޓެޑުން ފަހަތުން އަރައި އެއްވަރު ކުރާނެ ކަމަށްވެސް ވަރަށް ބޮޑަށް ބެލެވުނެވެ. އެހެން ނަމަވެސް ޔުނައިޓެޑް ވަނީ ގްރޫޕްގެ ތިންވަނައާއެކު ޔޫރޮޕާ ލީގަށް ވެއްޓިފައެވެ. ޔުނައިޓެޑުން ވަނީ 2017 ވަނަ އަހަރު ޔޫރޮޕާ ލީގު ކާމިޔާބު ކޮށްފައެވެ.
މިިދިޔަ އަހަރު ސެމީ ފައިނަލްގައި ކުޅުނު ލެއިޕްޒިގާއެކު އެ ގްރޫޕް ދެން ގަދަ 16 އަށް ދަތުރުކުރީ ޕީއެސްޖީއެވެ. ގްރޫޕްގެ އެއްވަނަ އަދި ޔަގީން ނުވެ އޮތީ، ރޭ ޕީއެސްޖީން އިސްތާންބޫލް ބަސެކްޝެހީރާ ދެކޮޅަށް ކުޅުނު މެޗު، ރެފްރީ ފަރާތުން ނަސްލީ ތަފާތުކުރުމުގެ މައްސަލައެއްގައި ހުއްޓާލަން ޖެހުމުންނެވެ. އެ މެޗުގެ 14 ވަނަ މިނެޓުގައި ހުއްޓާލިއިރު، މިރޭ އަލުން މެޗުގެ 14 ވަނަ މިނެޓުން ފެށިގެން ކުޅޭނެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު