ވަރުގަދަ މާޒިޔާ ސްޕޯޓްސް ކްލަބު އެންޑް ރެކްރިއޭޝަން ބަލިކޮށް، ކްލަބު އީގަލްސްއިން އެ ކްލަބުގެ ފުރަތަމަ ޗެރިޓީ ޝީލްޑް ކާމިޔާބުކުރީ ފަހަތުން އަރައި ތަފާތު މޮޅެއް ހޯދައިގެންނެވެ. ގައުމީ ދަނޑުގައި ރޭގެ މެޗު އީގަލްސްއިން 3-2ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވާއިރު، މިދިޔަ އަހަރުގެ ލީގު ޗެމްޕިއަން މާޒިޔާއިން ވަނީ މެޗުގެ 10 މިނެޓް ތެރޭގައި ދެ ގޯލް ޖަހައި 2-0ގެ ލީޑެއް ނަގައިފައެވެ.
އެ ނަތީޖާ އަނބުރާލުމަކީ ނުވާނެ ކަމެއް ކަމަށް ގިނަ ބަޔަކަށް ސިފަވި ނަމަވެސް، ފަހު ހާފްގެ އޮއިވަރު ތަފާތެވެ، އީގަލްސްއިން ރީތި ކުޅުމެއް ކުޅެ، އަށްވަރަކަށް މިނެޓް ތެރޭގައި ތިން ގޯލް ޖަހައި ނަތީޖާ އަނބުރައިލިއެވެ. އެ ހިތްވަރަކީ އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން)ގެ ތައުރީފު ހައްގު ހިތްވަރެކެވެ.
"އަސްލު ހަގީގަތުގައި ބަލިވި ނަމަވެސް އެހާ ބޮޑަށް މާޔޫސް ނުވާނެ ފަދަ ރެޔެއް މިއީ. ހަގީގަތުގައި އެހާ ވެސް ރަނގަޅު ގޭމެއް މި ޓީމުގައި މި ތިބި ޒުވާން ކުޅުންތެރިން ކުޅެފި. ބިދޭސީ ކުޅުންތެރިޔަކު ވެސް ނެތި މި ކުރި ހިތްވަރަށް ތައުރީފުކުރަން ބޭނުން. ވަރުގަދަ ސްކޮޑަކާއެކު އޮތް ޓީމެއް ކޮޅަށް، ފަހަތުން އަރާ ތިން ގޯލް ޖަހައިގެން މޮޅުވުމަކީ ފަސޭހަ ކަމެއް ނޫން. އެހެންވީމާ މި ކާމިޔާބީއަކީ ވަރަށް ބޮޑު، އަދި ވަރަށް މުހިއްމު ކާމިޔާބީއެއް ކަމަށް ދެކެނީ. ހުރިހާ ޝުކުރެއް ހައްގުވަނީ ކުޅުންތެރިންނަށް. ކުޅުންތެރިން ކުރި މަސައްކަތާއި ހިތްވަރު،" މެޗަށްފަހު ވަރަށް ބޮޑަށް ހިތްހަމަ ޖެހިފައިހުރެ މޯހަން ބުންޏެވެ.
މޯހަން ބުނެފައި ވަނީ މިހާރު އޮތް ޓީމަށް ބަލާފައި ވަރަށް ބޮޑު އުންމީދެއް އާވެއްޖެ ކަމަށާއި، ބޭރުގެ ކުޅުންތެރިން ލިބުމާއެކު ޓީމު އިތުރަށް ވަރުގަދަވާނެ ކަމަށެވެ.
އީގަލްސްގެ ތާރީހީ ފުރަތަމަ ޗެރިޓީ ޝީލްޑަށްފަހު މާޒިޔާގެ ކުޅުންތެރިން މާޔޫސް ކަމުގައި ފެނުނީ ސަބަބުތަކެއް ނެތިއެއްވެސް ނޫނެވެ. ލޯކަލް ވަރުގަދަ ކުޅުންތެރިންތަކެއްގެ އިތުރުން ބިދޭސީ ވަރުގަދަ ކުޅުންތެރިންނާއެކު ސީޒަނަށް އެންމެ ބޮޑަށް ތައްޔާރުވި ކްލަބަކީ މާޒިޔާއެވެ. އެތައް ދުވަހަކަށްފަހު ކުޅުނު ފުރަތަމަ މެޗުން ބަލިވި ބަލިވުން، ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ނެގީ އިބުރަތެއްގެ ގޮތުގައެވެ.
"ކުޅުންތެރިންނަށް ރިލެކްސް ވެވުނީ، އެއީ ކަންނޭނގެ މި ނަތީޖާ މިހެންވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ. މާޒިޔާގެ ގޭމެއް މާޒިޔާ އިން މިރެއަކު ނުކުޅޭ. މިއީ ކުޅުންތެރިންނަށް ލިބުނު ރަނގަޅު މެސެޖެއް. މިއާ އެކު ލީގުގައި ދާނީ ރަނގަޅަށް އިރާދަކުރެއްވިއްޔާ. މިއީ ރަނގަޅު ސްޓާޓަކަށް ލިބުނު ފުރުސަތެއް. ދެން މީގައި ކުޅުންތެރިން ސަމާލުވެގެން މަސައްކަތް ކޮށްފިއްޔާ ރަނގަޅު ނަތީޖާ ނެރެވޭނެ،" މެޗަށްފަހު ނިޒާމްބެ ބުނެފައިވެއެވެ.
ޗެރިޓީ ޝީލްޑާއެކު ސީޒަން ފެށިފައިވާއިރު، ނިޒާމްބެ ގަބޫލުކުރާ ގޮތުގައި ކުރިއަށް އޮތް މެޗުތަކުގައި، އަސްލު ކުޅުން ދައްކައިލެވޭނެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު