ޔޫކޭގައި ކޮވިޑް ވެކްސިން ދޭން ފަށައިފިއެވެ.

އިނގިރޭސިވިލާތުގައި ދޭން ފަށާފައިވަނީ ބަޔޯއެންޓެކާއި ފައިޒާ ގުޅިގެން އުފައްދާފައިވާ ފައިޒާ ވެކްސިންއެވެ.

ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަސްތެރޭ އެގައުމުގައި 800،000 ޑޯޒްގެ ވެކްސިން ދިނުމަށް ހަމަޖެހިފައިވާއިރު މިމަސް ނިމޭކޮޅުގައި ހަތަރު މިލިއަނެއްހާ ޑޯޒް ދޭނެކަމަށް އެގައުމުން ބުނެއެވެ.

ޔޫކޭ އިން އެންމެ ފުރަތަމަ ވެކްސިން ދީފައިވަނީ އުމުރުން 90 އަހަރުގެ އަންހެނަކަށެވެ. ވެކްސިން ދިނުމުގައި އިސްކަންދީފައިވަނީ 80 އަހަރުން މަތީގެ މީހުންގެ އިތުރުން ސިއްހީ ފަރުވާގައި އުޅޭ ފަރާތްތަކަށް ކަމަށް އެގައުމުން ބުނެފައި ވެއެވެ.

އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވަނީ ލަންޑަން ހޮސްޕިޓަލުގައި ވެކްސިން ދިނުން ކުރިޔަށްދާ ގޮތް ބައްލަވައިލެއްވުމަށް އެހޮސްޕިޓަލަށް ޒިޔާރަތް ކުރައްވައިފައެވެ.

ޔޫކޭގެ 70 ހޮސްޕިޓަލެއްގައި ކޮވިޑް ވެކްސިން ދިނުމުގެ މަސައްކަތް ފަށާފައިވާއިރު ވެކްސިން ލިބޭ ކޮންމެ މީހަކަށް ދެ ޑޯޒް ދިނުމަށް ހަމަޖެހިފައިވެއެވެ.