ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް)ގެ މެންބަރު ގައުމުތަކުގެ މެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، އެ ޖަމިއްޔާގެ މެންބަރު ގައުމުތަކަށް އިތުރު ލާބައާއި މަންފާ ލިއްބައިދެނިވި ގުޅުމަށް ހެދުމަށް މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ގޮވާލައްވައިފި އެވެ.

ރައީސް އެގޮތަށް ގޮވާލެއްވީ، "ސާކް ޗާޓާ ޑޭ"ގެ މުނާސަބާގައި އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް އިސާލަ ރުވާން ވީރަކޫންއަށް ފޮނުއްވި ހާއްސަ މެސެޖެއްގަ އެވެ.

މިއަހަރުގެ ސާކް ޗާޓާ ޑޭ ފާހަގަކުރަމުން މިދަނީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމުގެ ހާލަތެއްގައިކަން ފާހަގަކުރައްވައި ރައީސްގެ މެސެޖުގައި އެމަނިކުފާނު ވިދާޅުވީ މިފަދަ ހާލަތެއް މެދުވެރިވުމުގެ ސަބަބުން ސާކް ފަދަ ގުޅުންތަކުގެ މުހިންމުކަން އިތުރުވެގެން ގޮސްފައިވާކަން ހާމަވެގެން ގޮސްފައިވާ ކަމުގައެވެ.

އޭގެ އިތުރުން މިފަދަ ހާލަތަކުން އަރައިގަތުމަށް ސާކްގެ ގައުމުތަކުގެ މެދުގައި އޮތް ގުޅުންތައް އިތުރަށް ހަރުދަނާކޮށް، ވަރުގަދަކޮށް، ހެޔޮ އަދި މަންފާކުރަނިވި ކާމިޔާބީތަކެއް ހާސިލުކުރުމަށް އަޒުމު ކަނޑައަޅައިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ، ކޮވިޑް-19ގެ ހާލަތާ ދުނިޔެ ބައްދަލުކުރުމާއެކު ސާކްގެ ގައުމުތަކުގެ ބައްދަލުވުމެއް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބާއްވައި ސާކް ކޮވިޑް-19 އެމަޖެންސީ ރިލީފް ފަންޑް އެކުލަވައިލުން ވެގެންދިޔައީ ސާކްގެ މެންބަރު ގައުމުތަކުގެ މެދުގައި އޮތް ބަދަހި ގުޅުން ރަމްޒުކޮށްދިން ކަމެއް ކަމަށެވެ.

އެ ހާލަތާ މެދު އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއީ ސާކްގެ ގުޅުމުގެ ފުރިހަމަ ލާބައާއި މަންފާ ހޯދުމަށް ކުރަމުން އަންނަ މަސައްކަތްތައް އިތުރުކުރަން ޖެހިފައިވާ ހާލަތެއް ކަމަށެވެ. އަދި މެންބަރު ގައުމުތަކުގެ މެދުގައި އިތުރަށް މަޝްވަރާކޮށް، ފައިދާކުރަނިވި ދާއިރާތަކުން އިތުރަށް މަސައްކަތް ކުރުމުގެ ބޭނުންތެރިކަން އެ މަނިކުފާނުގެ މެސެޖުގައި ފާހަގަކުރެއްވި އެވެ.

ރައީސްގެ މެސެޖު ނިންމަވައިލައްވަމުން އެ މަނިކުފާނު ވަނީ 1985 ވަނަ އަހަރު ސާކް އުފެދުނީއްސުރެ، ރާއްޖެއަކީ އެ ޖަމިއްޔާގެ ކުރިއެރުމާއި ތަރައްގީއަށް ނުހަނު ހިދުމަތްތެރި މަސައްކަތްތަކެއް ކޮށްފައިވާ ގައުމެއްކަން ފާހަގަކުރައްވައި އެ ގޮތުގައި ދެމި އޮންނާނެކަމުގެ ޔަގީންކަން އަރުވައިފަ އެވެ. އަދި މުސްތަގުބަލުގައި ވެސް، މި ސަރަހައްދުގެ ސުލްހަ މަސަލަސްކަމާއި ތަރައްގީ އާއި ހަމަޖެހުމަށް މަސައްކަތް ކުރާނެ ކަމުގައި ވިދާޅުވި އެވެ.