ސްޓެލްކޯގެ މުވައްޒަފުންތަކެއް ވަކިކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތް ތަކަކާއި ހިޔާ ފްލެޓު މަޝްރޫއުގެ ދަށުން އުސޫލުން ބޭރުން ކުންފުނީގެ ބޯޑު މެންބަރުންނާއި، އެ ފަރާތްތަކުގެ އާއިލާތަކަށް ފުލެޓުދިން މައްސަލަ އާއި، އެ ކުންފުނީގެ ހެލްތު އިންޝުއަރެންސް ގެ މައްސަލައިގެ އިތުރުން ކަރަންޓު އަގުހެޔޮ ކުރުން ކުރިއަށް ނުދާ މައްސަލައާއި އެ ކުންފުނި ހިންގުމުގައި މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ އިހުމާލު ވެފައިވާ ކަމަށް ބުނެ، މައްސަލަ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑް (ޕީސީބީ)އަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީ (އެސްއޯއީ ކޮމިޓީ)ން ނިންމައިފިއެވެ.
އެ ކޮމިޓީން އެގޮތަށް ނިންމީ ސްޓެލްކޯ މައްސަލަތަކާ ބެހޭގޮތުން އިއްޔެ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި، މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.
މި މައްސަލަތަކާ ބެހޭގޮތުން، އެކަންތައްތައް ޕީސީބީއަށް ހުށަހަޅަން ފާސްކުރަން ކޮމިޓީ ބައްދަލުވުމަށް ހުށަހެޅުއްވީ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދެވެ.
އެ ހުށަހެޅުންތައް ހުށަހަޅުއްވަމުން ނިހާދު ވިދާޅުވީ، ސަރުކާރުން ހަރަދު ކުޑަ ކުރުމަށް އަންގާފައި ވަނިކޮށް ސްޓެލްކޯއިން އެތަނުގެ އެމްޑީއަށް 80،000 ރުފިޔާގެ ފާހާނާ ތައްޓެއް ބަހައްޓައި އެމްޑީއަށް އެތަނުގެ ލިފްޓް ސްލޯވެގެން ލިފްޓު ބަދަލުކޮށް ބަދަލު ކުރި ލިފްޓު ބާދަނގަޑަށް ވިއްކާލައި އެއިން ފައިސާ ހަދާފައިވާ ކަމަށެވެ. އެ މައްސަލައިގައި ސްޓެލްކޯ ޒިންމާދާރު ކުރުވަން ޕީސީބީއަށް އަންގަން ނިހާދު ހުށަހެޅުއްވިއެވެ.
ސްޓެލްކޯއިން ކަރަންޓްގެ ހިދުމަތް ދިނުން އަޕްގްރޭޑް ކުރުުގެ މަސައްކަތް ލަސްވާ މައްސަލައިގެ މައުލުމާތު ދިނުމަށް އެދުމުން އެ ކުންފުނިން ކޮމިޓީއަށް ދީފައި ވަނީ ވަރަށްކުޑަ މައުލޫމާތަކަށްވާތީ، އެކަމާބެހޭ ތަފްސީލީ ރިޕޯޓެއް ދެ މަސްތެރޭގައި ހޯދައި ކޮމިޓީއަށް ހުށަހެޅުމަށް ޕީސީބީ އަށް އެންގުމަށްވެސް ނިހާދު ހުށަހެޅުއްވިއެވެ.
ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ފެށި ހިޔާ މަޝްރޫއުގެ ދަށުން ކުންފުނިތަކުގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ސްޓެލްކޯގެ މުވައްޒަފުންނަށް އެކުންފުނިން އަޅަމުން އަންނަ ފުލެޓްތައް ދޫކޮށްފައި ވަނީ އުސޫލުތަކުގެ ބޭރުން އެ ކުންފުނީގެ ބޯޑު މެންބަރުންނާއި އެ ފަރާތްތަކުގެ އަނބިދަރިންނަށް ބަހާލާ އުސޫލުން ކަމަށްވާތީ އާއި އެއީސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި ކނޑައެޅިގެން ދެކޮޅު ސިޔާސަތަކަށްވާތީ އެ އުސޫލު ރިވިއުކޮށް އޭގެ ތެރެއިން ބޯހިޔާވަހިކަން ހައްގުވާ ފަރާތްތަކަށް ބޯހިޔާވަހިކަން ލިބޭނެ ގަވާއިދެއް ހަދައި ކޮމިޓީއާ ހިއްސާ ކުރުމަށް ޕީސީބީއަށް އެންގުމަށްވެސް މެންބަރު ނިހާދު ހުށަހެޅުއްވިއެވެ.
ސްޓެލްކޯގެ ހެލްތު އިންޝުއަރެންސް ސްކީމުގެ އުސޫލު ބަލައި އެކަމާބެހޭ މައުލުމާތު ކޮމިޓީއާ ހިއްސާ ކުރުމަށާއި ކަރަންޓް އަގުހެޔޮ ކުރުމަކީ ރައީސް އިބޫ ސޯލިހުގެ ސިޔާސަތަކަށްވީއިރު، އެކަމަށް ސްޓެލްކޯއިން ރަނގަޅު އިންތިޒާމުތަކެއް ހަމަޖައްސާފައި ނެތްކަމަށް ކޮމިޓީއަށް އެނގިފައިވާތީ އެކަމާބެހޭ ފުރިހަމަ މައުލޫމާތުވެސް ދެ މަސްތެރޭގައި ހޯދައިދިނުމަށް ޕީސީބީއަށް އަންގަން ވަނީ ހުށަހަޅައިފައެވެ.
ރިޓަޔަމަންޓް ސްކީމު ތައާރަފުކޮށް އެ ކުންފުނީގެ ދުވަސްވީ، ތަޖުރިބާ ލިބިފައިވާ މުވައްޒަފުން ވަޒީފާއިން ވަކިކުރަން ކުރިއަށް ގެންދާ އުސޫލެއް ހަދައި ގިނަ މުވައްޒަފުންތަކެއް، ވަކިކުރަމުންދާތީ ކޮވިޑްގެ މި ހާލަތުގައި ދިވެހިންތަކެއް ނިކަމެތިކުރާ މައްސަލައިގައި، ސްޓެލްކޯއިން އެކަން ކުރަމުންދަނީ ރަނަގަޅަށްތޯ ބަލައި ދެމަސް ދުވަހުގެ ތެރޭގައި ކޮމިޓީއަށް އެންގުމަށް ޕީސީބީއަށް ހުށަހެޅުމަށްވެސް ނިހާދު ހުށަހެޅުއްވިއެވެ. އަދި މިވަގުތަށް އެކަން ހުއްޓުވުމަށްވެސް ހުށަހެޅިއެވެ.
ނިހާދު ވިދާޅުވީ، ސްޓެލްކޯގެ 70 އަށްވުރެ ގިނަ މައްސަލަ އޭސީސީގައި އެބައޮތް ކަމަށެވެ. އެކަމުގެ ތެރޭގައި ހިމެނެނީ އެމްޑީގެ ޒިންމާގެ ތެރޭގައި ހިމެނޭ މައްސަލަތައް ކަމަށާއި، އެމްޑީގެ އިހުމާލު އެކަންކަމުގައި ހިމެނޭތީ އެމްޑީ ބަދަލު ކޮށްގެން ނަމަވެސް ކުންފުނި ސަލާމަތް ކުރުމަށް ޕީސީބީއަށް އެންގުމަށް ވެސް ނިހާދު ހުށަހެޅުއްވިއެވެ.
ސްޓެލްކޯގެ އެމްޑީގެ މަސައްކަތްތައް ވަރަށްބޮޑަށް ކުށްވެރިކޮށް ނިހާދުގެ ހުށަހެޅުންތަކަށް ތާއީދު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމެވެ.
އެ ހުށަހެޅުންތައް ކޮމިޓީގެ އިއްތިފާގުން އިއްޔެ ވަނީ ފާސްކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީ
ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީ