ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަޝްވަރާ ކޮށްލައްވައިގެން ރާއްޖޭގައި މިހާރު މިއޮތް ވެރިކަމުގެ ނިޒާމު ބަދަލެއް ނުކުރެވޭނެ ކަމަށް ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖޭގައި މިއޮތް ވެރިކަމުގެ ނިޒާމަކީ ދިވެހި ރައްޔިތުންގެ ވޯޓަކުން ނިންމާފައިވާ ނިޒާމެއް ކަމަށެވެ. އެހެންކަމުން ދެފަރާތަކުން މަޝްވަރާ ކޮށްލައިގެން އެ ނިޒާމު ބަދަލެއް ނުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
ރައީސް މައުމޫން މިހެން މި ވިދާޅުވީ، "އާސްކް ސްޕީކާ" ނަމުގައި ރޭ ޕީއެސްއެމުން ގެނެސްދިން ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުންނެވެ. އެ ޕްރޮގްރާމްގައި މަޖިލިސް ރައީސް ވަނީ، ވެރިކަން ކުރަން އޮތް ހަމައެކަނި ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށާއި ރާއްޖޭގައި ގިނަ ދުވަހު ވެރިކަން ކޮށްފައިވެސް ވަނީ އެ ނިޒާމަށް ކަމަށެވެ. އަދި ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަން ބަދަލު ކުރުމާ މެދު އެންމެ ފުރަތަމަ މަޝްވަރާކުރައްވާނީ ރައީސް ސޯލިހާ ކަމަށާއި ސިޔާސީ ކަންކަން އަބަދުވެސް ރައީސް ސޯލިހާ ހިއްސާކުރައްވާ ކަމަށް ވިދާޅުވި އެވެ.
"މި ވާހަކަތައް (ވެރިކަމުގެ ނިޒާމާމެދު) އަޅުގަނޑު ފުރަތަމަ މަޝްވަރާ ކުރާނީ ސިޔާސީ ކަންކަމުގައި އަޅުގަނޑު އަބަދުވެސް މަޝްވަރާކުރާ ބޭފުޅާއާ، ވަރަށް ދުވަސްވެއްޖެ. އެއީ މިހާރު ރައީސުލްޖުމްހޫރިއްޔާއަކަށް އެބޭފުޅާ ހުންނެވީ. އަޅުގަނޑުމެން އެވާހަކަ ދައްކާނަން. އަޅުގަނޑުމެން ދައްކާފައި އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ރަނގަޅު ގޮތަކަށް އެކަން ނިމިގެންދާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރާއްޖޭގައި ވެރިކަންކުރާ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ޖެހޭ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ރައީސް ނަޝީދު ވަނީ އެ މޭރުމުން ކިތަންމެ ފަހަރަކު ވާހަކަފުޅު ދައްކަވައިފި އެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން ރައީސް ސޯލިހު ވަނީ، ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމު ކަނޑައަޅާފައިވަނީ ސީދާ ރައްޔިތުން ކަމަށާއި އެ ނިޒާމު ބަދަލުކުރާނަމަ ފުރަތަމަ ދާން ޖެހޭނީ ރައްޔިތުންގެ ގާތަށް ކަމަށް ވިދާޅުވެފަ އެވެ.
ރާއްޖޭގައި ވެރިކަން ކުރާނެ ނިޒާމެއް ކަނޑައަޅަން ވާހަކަދެކެވި ބަހުސް އުފެދުމުން 2007 ވަނަ އަހަރު ރާއްޖޭގައި ޕަބްލިކް ރެފަރެންޑަމް ވޯޓެއް ކުރިއަށް ގެންދިޔައެވެ. 155،890 މީހުން އެ ވޯޓުގައި ބައިވެރިވި އިރު، ގިނަ ބަޔަކު ތާއީދު ކުރީ ރާއްޖޭގައި ރިޔާސީ ނިޒާމު ހިންގާށެވެ. ޕާލަމެންޓަރީ/ބަރުލަމާނީ ނިޒާމަކަށް ތާއީދުކޮށް ވޯޓް ދިނީ 58،508 މީހުންނެވެ. އެއީ ވޯޓުލީ މީހުންގެ 37.96 ޕަސެންޓެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް
ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް
ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް
ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް