ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތުގައި، އިސްލާމްދީނުގައި ސާބިތުވެ ތިބުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދިވެހި ރައްޔިތުންނަށް މިއަދު އިލްތިމާސްކުރައްވައިފިއެވެ.

އެކްސް މެދުވެރިކޮށް އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި ރައީސް މައުމޫން ވަނީ މިއީ ވަރަށް މުހިންމު މުނާސަބަތެއްކަން ފާހަގަކުރައްވައި، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައިފައެވެ.

ވޭތުވެދިޔަ 900 އަހަރުގެ ތެރޭގައި ދިވެހިންގެ ކާބަފައިން ދައްކައިދިނީ ވަރަށް ވަރުގަދަ ފިލާވަޅެއް ކަމަށް މައުމޫން ވިދާޅުވިއެވެ. އެގޮތުން، ތަފާތު ކަންތައްތަކާ ދިމާވި ނަމަވެސް، ކާބަފައިން އިސްލާމްދީން ދޫކޮށްނުލައްވައި، ދީނަށް ކުޑަވެސް ލޮޅުމެއް އެރިޔަނުދީ ގަދަ ސާބިތުކަމާއެކު ހިފެހެއްޓެވިކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ ކާބަފައިން މި ވޭތުވެދިޔަ 900 އަހަރު އެ ސާބިތުކޮށްދެއްވީ ވަރަށް ވަރުގަދަ ފިލާވަޅެއް. އެއީ ދިވެހިރާއްޖެއަށް ތަފާތު ކަންތައްތައް ދިމާވި ނަމަވެސް، އެބޭފުޅުން އިސްލާމްދީން ދޫކޮށެއް ނުލައްވާ، އިސްލާމްދީނަށް ކުޑަވެސް ލޮޅުމެއް އެރިޔަކަ ނުދެއްވާ. ގަދަ ސާބިތުކަމާއެކީގައި އިސްލާމްދީނުގައި ހިފެހެއްޓެވީ،" މައުމޫން ވިދާޅުވިއެވެ.

މީގެ އިތުރުން، އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ގައުމީ ބިންގާ ކަމަށާއި، ދިވެހި ގައުމު ބިނާވެފައިވަނީ އިސްލާމްދީނުގެ މައްޗަށް ކަމަށް ވިދާޅުވިއެވެ. އަދި އެއީ ދިވެހި ގައުމިއްޔަތުގެ ވެސް ބިންގާ ކަމަށާއި، އެ ދޫކޮށްލައިގެން ދިވެހިންނަށް ފަރެއް ނުޖެއްސޭނެ ކަމަށް ވެސް މައުމޫން ވިދާޅުވިއެވެ.

ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖެއަކީ އިސްލާމްދީނަށް ވަފާތެރި އަދި ތެދުވެރި ގައުމެއްގެ ގޮތުގައި ދެމިއޮތުމަށް އެދިވަޑައިގަންނަވާ ކަމަށް މައުމޫން ވިދާޅުވިއެވެ. އެހެންކަމުން، ކުދިބޮޑު އެންމެން މާތްވެގެންވާ އިސްލާމްދީނުގެ ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބުމަށް އެ މަނިކުފާނު ވަނީ އިލްތިމާސްކުރައްވައިފައެވެ.

މެސެޖު ނިންމަވައިލައްވަމުން މައުމޫން ވަނީ، ދިވެހި ރައްޔިތުން އެ މަނިކުފާނުގެ މި ވާހަކަތައް އައްސަވާނެ ކަމަށާއި، ކުރިން ވެސް ތިއްބެވި ފަދައިން ވަރުގަދަ ސާބިތުކަމަކާއެކު އިސްލާމްދީނުގައި ދެމިތިއްބަވާނެކަމުގެ ޔަގީންކަން އޮތް ކަމަށް ވިދާޅުވެފައެވެ.