ބަރުލަމާނީ ނިޒާމަކަށް ވެރިކަން ބަދަލުކުރުމާ މެދު އެންމެ ފުރަތަމަ މަޝްވަރާކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

"އާސްކް ސްޕީކާ" މި ނަމުގައި ޕީއެސްއެމް އިން މިރޭ ގެނެސްދިން ޕްރޮގްރާމުގައި ރައީސް ނަޝީދު ވިދާޅުވީ ވެރިކަން ކުރަން އޮތް ހަމައެކަނި ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށާއި ރާއްޖޭގައި ގިނަ ދުވަހު ވެރިކަން ކޮށްފައިވެސް ވަނީ އެ ނިޒާމަށް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަން ބަދަލު ކުރުމާ މެދު އެންމެ ފުރަތަމަ މަޝްވަރާކުރައްވާނީ ރައީސް ސޯލިހާ ކަމަށާއި ސިޔާސީ ކަންކަން އަބަދުވެސް ރައީސް ސޯލިހާ ހިއްސާކުރައްވާ ކަމަށެވެ.

"ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަން ބަދަލުކުރަން ރަނގަޅު ވަގުތަކީ ކޮބާތޯ، އެއީ 2023 ވަނަ އަހަރުތޯ، އޭގެ ކުރިއަށް ކުޑަތަންކޮޅެއް ލައިފަތޯ އަޅުގަނޑު ހިތުން މި ވާހަކަތައް އަޅުގަނޑު ފުރަތަމަ މަޝްވަރާކުރައްވާނީ ސިޔާސީ ކަންކަމުގައި އަޅުގަނޑު އަބަދުވެސް މަޝްވަރާކުރާ ބޭފުޅާއާ ވަރަށް ދުވަސްވެއްޖެ. އެއީ މިހާރު ރައީސުލްޖުމްހޫރިއްޔާއަކަށް އެބޭފުޅާ ހުންނެވީ. އަޅުގަނޑުމެން އެވާހަކަ ދައްކާނަން. އަޅުގަނޑުމެން ދައްކާފައި އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ރަނގަޅު ގޮތަކަށް އެކަން ނިމިގެންދާނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރާއްޖެއަށް އެންމެ ރަނގަޅީ ބަރުލަމާނީ ނިޒާމެއް ކަމަށް ރައީސް ނަޝީދު އަބަދުވެސް ވިދާޅުވެއެވެ. އެކަމާ ގުޅޭގޮތުން މީގެ ކުރިން ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމު ކަނޑައަޅާފައިވަނީ ސީދާ ރައްޔިތުން ކަމަށާއި އެ ނިޒާމު ބަދަލުކުރާނަމަ ފުރަތަމަ ދާންޖެހޭނީ ރައްޔިތުންގެ ގާތަށް ކަމަށެވެ.

ރާއްޖޭގައި ވެރިކަން ކުރާނެ ނިޒާމެއް ކަނޑައަޅަން ވާހަކަދެކެވި ބަހުސް އުފެދުމުން 2007 ވަނަ އަހަރު ރާއްޖޭގައި ޕަބްލިކް ރެފަރެންޑަމް ވޯޓެއް ކުރިއަށް ގެންދިޔައެވެ. 155،890 މީހުން އެ ވޯޓުގައި ބައިވެރިވި އިރު، ގިނަ ބަޔަކު ތާއީދު ކުރީ ރާއްޖޭގައި ރިޔާސީ ނިޒާމު ހިންގާށެވެ. ޕާލަމެންޓަރީ / ބަރުލަމާނީ ނިޒާމަކަށް ތާއީދުކޮށް ވޯޓް ދިނީ 58،508 މީހުންނެވެ. އެއީ ވޯޓުލީ މީހުންގެ 37.96 ޕަސެންޓެވެ.