ސަރުކާރުން ކުރާ ކަންކަން ރައްޔިތުންގެ މަޖިލީހުން އެދުމުގެ ކުރިން މަޖިލީހަށް އެނގެން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ، ޕީއެސްއެމްގައި މިހާރު ކުރިއަށްގެންދާ "އާސްކް ސްޕީކާ" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ، ގާނޫނު އަސާސީން ރައްޔިތުންގެ މަޖިލީހަށް މަތިކޮށްފައިވާ މައިގަނޑު ދެ ކަމަކީ ގާނޫނު ހެދުމާއި ސަރުކާރު ޖަވާބުދާރީ ކުރުވުން ކަމަށެވެ. އެގޮތުން ސަރުކާރު ޖަވާބުދާރީ ކުރުމަށް ރައްޔިތުންގެ މަޖިލީހުން އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ސަރުކާރު ޖަވާބުދާރީކުރުވުމުގެ މަސައްކަތުގައި އެބަ އިތުރު މަސައްކަތެއް އަޅުގަނޑަށް ފެންނަ ގޮތުގައި އެބަ ކުރާން ޖެހޭ. އެއީ ސަރުކާރުން ހިންގާ ކަންކަން މަޖިލީހަށް އަމިއްލައަށް އެނގިފައި އޮތުން. ސަރުކާރުން ބުނުމުގެ ކުރީގައި ނުވަތަ ސަރުކާރުގައި އެދިގެން އެ މައުލޫމާތު ހޯދުމުގެ ކުރީގައި މަޖިލީހުގެ އަމިއްލަ މަސައްކަތުން އަމިއްލަ އިސްނެގުމަށް މަޖިލީހުން އެފަދަ މައުލޫމާތު ހޯދާފައި ބޭއްވުން،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެކަމަށް މިސާލު ޖައްސަވަމުން ރައީސް ނަޝީދު ވިދާޅުވީ، ދައުލަތުން ދަރަންޏެއް ނަގައިފިނަމަ މަޖިލީހަށް އެނގެން ޖެހޭނެ ކަމަށް ގާނޫނުގައި އޮންނަ ކަމަށާއި ނަމަވެސް ދައުލަތުގެ ޓްރެޝަރީގެ މައުލޫމާތު ވެސް މަޖިލީހަށް އަމިއްލައަށް ލިބެމުން އައުމުން ކަންކަން މޮނީޓާކުރުމުގައި އިތުރު ފަސޭހަތައް ވެގެންދާނެ ކަމަށެވެ.

"މިބާވަތުގެ ހުރިހާ ކަމެއް މަޖިލީހަށް "އެތެރެއިން" އެނގިފައި އޮންނަން ޖެހޭ. އެހެން އެކަން އޮތީމާ މަޖިލީހަށް ސުވާލެއް ކުރަން އެނގެނީ،" ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން މަޖިލިސް ރައީސް ވިދާޅުވީ، ސަރުކާރުން ވެކްސިނޭޝަން ޕްރޮގްރާމެއް ކުރިއަށްގެންދަން މަސައްކަތް ކުރާއިރު، އެކަން ކުރަން ރާވާފައިވާ ގޮތުގެ މައުލޫމާތުވެސް މަޖިލީހަށް އެނގިފައި އޮތުން މުހިންމު ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، މިއަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން ކޮވިޑްގެ އެންމެ ދަތި އުނދަގޫ ދުވަސްވަރު ދައުލަތް ހުއްޓިގެން ނުދާނެ ގޮތަކަށް ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ބައްޓަންކުރި ކަމަށް ވިދާޅުވިއެވެ.

މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރު މިއަދު ނިންމާލި އިރު، މި ދައުރުގައި ޖުމްލަ 15 ބިލެއް ފާސްކޮށްފައިވެއެވެ.