ކޮވިޑް 19ގެ ވެކްސިން ހޯދުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ.
ޑަބްލިޔުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ. އަރުވިންދު މާތުރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހަށް މިއަދު ކުރެއްވި ވަދާއީ ޒިޔާތަރުގައި އޭނާ ވިދާޅުވީ، ރާއްޖެއިން ކޮވެކްސް ފެސިލިޓީގައި ބައިވެރިވުމަށް ނިންމިކަމީ އުފާކުރާ ކަމެއް ކަމެށެވެ. އަދި ކޮވިޑް ވެކްސިން ހޯދުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތުގައި ޑަބްލިޔުއެޗްއޯގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެ ކަމަށް ވިދާޅުވިއެވެ.
ރާއްޖެއަކީ ކޮވެކްސް ފެސިލިޓީގައި ބައިވެރިވެފައިވާ ގައުމެއް ކަމުން ރާއްޖޭގެ އާބާދީގެ 20 އިންސައްތަ މީހުންގެ ގަޔަށް ޖެހުމަށް ވެކްސިން ހިލޭ ލިބޭނެއެވެ. ކޮވެކްސް ފެސިލިޓީއަކީ ކޮވިޑް 19 ވެކްސިން ދުނިޔޭގެ އާބާދީއަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށް ޑަބްލިޔުއެޗްއޯ އިން އެކުލަވާލާފައިވާ ފެސިލިޓީއެކެވެ. އެ ފެސިލިޓީގައި ރާއްޖެ ހިމެނޭހެން ދުނިޔޭގެ 171 ގައުމަކުން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ފައިސާވެރި 71 ގައުމުވެސް ހިމެނެއެވެ.
ރާއްޖެއަށް ގެންނަން މަސައްކަތް ކުރަނީ ކޮވިޑަށް ފަރުވާކުރުމަށް އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީން އުފެއްދި އެސްޓްރާޒެނެކާ ވެކްސިނާއި އެމެރިކާގެ ބަޔޯ-ޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ މޮޑާނާއިން އުފެއްދި ކޮވިޑް ވެކްސިން ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.
މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ، ކޮވިޑްގެ ހާލަތުން އަރައިގަތުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތުގައި ޑަބްލިޔުއެޗްއޯ އިން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި، އެކަމަށް ޝުކުރު އަދާކުރައްވައިފައެވެ. ރައީސް ވިދާޅުވީ، ޑރ. އަރްވިންދުގެ މަންދޫބު ކަމުގެ ދައުރުގައި ޑަބްލިޔުއެޗްއޯއާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެފައިވާ ކަމަށެވެ.
މި ބައްދަލުވުމުގައި ޑރ. އަރްވިންދު ވަނީ ކޮވިޑް 19ގެ ސަބަބުން ކުރިމަތިވި ހާލަތުން އަރައިގަތުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރައްވައި، އަދި ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ސިއްހީ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކާއި ހޯދާފައިވާ ތަރައްގީއާއި ކާމިޔާބީއަށް ތައުރީފު ކުރައްވައިފައެވެ. އެގޮތުން ޕްރައިމަރީ ހެލްތު ކެއާގެ ދާއިރާއާއި ނަފްސާނީ ދުޅަހެޔޮކަމާއި ސާވިކަލް ކެންސަރުން ރައްކާތެރިވުމަށް އެޗްވީޕީ ވެކްސިން ފޯރުކޮށްދިނުމާއެކު ރާއްޖޭގެ ސިއްހީ ގާބިލުކަން އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިއަދުގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ ޑރ. އަރްވިންދް މާތުރަށް ކުރިއަށް އޮތް ދުވަސްތަކުގައި ފާގަތިކަމާއި ކަމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހުގެ އަރިހުގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރާއި ސެކްރެޓަރީ ފޮރިން ރިލޭޝަންސް ސަބްރާ އިބްރާހީމް ނޫރައްދީނާއި އަންޑާ ސެކްރެޓަރީ ޑރ. އަބްދުލްމަލިކުގެ އިތުރުން ޑަބްލިޔުއެޗްއޯގެ ދިވެހިރާއްޖޭގެ ކަންޓްރީ އޮފީހުގެ އެގްޒެކެޓިވް އެސިސްޓަންޓް އައިމިނަތު އިސްމާއީލް ބައިވެރިވެވަޑައިގެންނެވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު