ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީގެ ކާރުގައި ރޯކޮށްލައިފިއެވެ.

ފުލުހުން ބުނީ، ރޭ މެންދަމު 3:05 ހާއިރު، ލ. ފޮނަދޫ ޔޫތު ސެންޓަރު ކައިރީގައި އޮތް ކާރެއްގައި ރޯވެފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށާއި އެ މައުލޫމާތު ލިބުމާއެކު ފޮނަދޫ ޕޮލިސް ސްޓޭޝަންގެ ފުލުހުން ރޭ މެންދަމު 3:30 ހާއިރު އެތަނަށް ގޮސް ރޯވެފައިވާ އަލިފާންގަނޑު ނިއްވާލައިފައިވާ ކަމަށެވެ.

މި ހާދިސާގައި ކާރު ވަނީ ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައެވެ. މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

"ވަން"އަށް މައުލޫމާތުދެއްވަމުން މަސްއޫދު ވިދާޅުވީ، ބެލެވޭ ގޮތުގައި ކާރުގައި ބަޔަކު ރޯކޮށްލީ ކަމަށެވެ. އަދި ކާރު ރޯވެފައިވާ ކަމުގެ މައުލޫމާތު އޭނާއަށް ލިބުނީ ރޭ މެންދަމު 3:05 ހާއިރު ކަމަށްވެސް ވިދާޅުވިއެވެ. މަސްއޫދު ވިދާޅުވީ، އެ ހާދިސާގައި ކާރުގެ ފަހަތްކޮޅު އެއްކޮށް އަނދާފައިވާ ކަމަށާއި މަރާމާތުކުރުމަށް ކާރު މިހާރު އޮތީ ގަރާޖެއްގައި ކަމަށެވެ.

މަސްއޫދުގެ އެ ކާރަކީ ނިސާން ނޯޓް ބްރޭންޑްގެ ކާރެކެވެ.