ފަތުރުވެރިކަމުގެ ދާއިރާ އިން ދިވެހީން ބިނާ ކުރުމަށާއި އެ ދާއިރާ އިން ދިވެހީންނަށް ފުރުސަތު ހޯދައިދިނުމަށް އިންޓާންޝިޕަށް އެޕްރޫވަލް ދިނުމުގެ އުސޫލަށް ޓޫރިޒަމް މިނިސްޓްރީން ބަދަލު ގެނެސްފި އެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނީ، ރާއްޖޭގެ އިމިގްރޭޝަން ގާނޫނުގެ 17 ވަނަ މާއްދާގެ ދަށުން ބާރު ލިބިގެން ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތްދޭ ތަންތަނުގައި ބޭރުގެ ފަރާތްތަކަށް އިންޓާންޝިޕް ފުރިހަމަކުރުމަށް ސްޕެޝަލް ވިސާ ދޫކުރުމަށް އެ މިނިސްޓްރީން ހަދާފައިވާ އުސޫލަށް ބަދަލުތަކެއް ގެނެސް، އެކަން އަންގާ ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނަށް ސާކިއުލާއެއް ފޮނުވާފައިވާ ކަމަށެވެ.
އެގޮތުން ގެނެވުނު ބަދަލުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއިން ދިވެހިން ބިނާކުރުމަށާއި ފަތުރުވެރިކަމުގެ ދާއިރާއިން ދިވެހިންނަށް ފުރުސަތު ހޯދައިދިނުމަށް އިންޓާނުންގެ ގޮތުގައި ބިދޭސީ ދަރިވަރުން ގެނައުމަށް ނޯ އޮބްޖެކްޝަން ދިނުމުގައި ފަތުރުވެރިކަމުގެ ހިދުމަތް ދޭ ތަންތަނުން ފުރުސަތު ދޭ ކޮންމެ ބިދޭސީ އިންޓާންއަކަށް ދިވެހި ދެ ދަރިވަރުން ތަމްރީނުކޮށް އަދި ބިދޭސީ އިންޓާންއަށް ފުރުސަތު ދިން މުއްދަތަށްވުރެ ކުރު ނޫން ނުވަތަ އެ ކުއްޖަކު ކިޔަވާ ތަނަކުން ބުނެފައިވާ މުއްދަތަށް އިންޓާންޝިޕްގެ ފުރުސަތު ދޭން ޖެހޭގޮތަށް އުސޫލު ބަދަލުކޮށްފައިވާ ކަމަށް ބުންޏެވެ.
އެކަން ކަށަވަރު ކުރުމުގެ ގޮތުން ބިދޭސީ ދަރިވަރުގެ ވިސާ ދޫކުރުމަށް ޓޫރިޒަމް މިނިސްޓްރީން ދޫކުރާ ނޯ އޮބްޖެކްޝަން ލެޓާ ހޯދުމަށް އެދި މިނިސްޓްރީއަށް ހުށަހަޅާ އިރު، ދިވެހި ދެ ދަރިވަރުންގެ އިންޓަންޝިޕާ ގުޅޭ އެއްބަސްވުން ހުށަހަޅަން ލާޒިމުވާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ އެ އުސޫލަކީ ދުނިޔޭގެ އެކިއެކި ކިޔަވައިދޭ މަރުކަޒުތަކުން އެފަރާތްތަކުގެ ދަރިވަރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ހިދުމަތް ދޭ ޓޫރިސްޓް ރިސޯޓް، ހޮޓެލް، މެރީނާ، ޑައިވް ސްކޫލް، ޓޫރިސްޓް ވެސެލްސް، ޓްރެވަލް އޭޖެންސީ އަދި ޓޫރިސްޓް ގެސްޓް ހައުސް ފަދަ ތަންތަނުގައި އެކި ދާއިރާތަކުން މަސައްކަތްތަކުގެ ތަޖުރިބާ ހޯދުމަށްޓަކައި އިންޓާނުންގެ ގޮތުގައި މަސައްކަތް ކުރުމަށާއި އަދި ރިސާޗް ސްޓަޑީ ހެދުމަށް ބިދޭސީ ދަރިވަރުން އިންޓާނުންގެ ގޮތުގައި ފޮނުވުމަށް އެދޭތީ، އަމަލުކުރުމަށް އެކުލަވާލާފައިވާ ސްޕެޝަލް ވިސާ ދޫކުރުމުގެ އުސޫލެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު