ފުލުހުންގެ ހިދުމަތުގެ އާ ގާނޫނާއެކު، އަލަށް އެކުލަވައިލަން ޖެހޭ ފުލުހުންގެ ބޯޑުން މުއައްސަސާ ހަރުދަނާ ކުރެވި، ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުން ފުލުހުންގެ ބިލު ރޭ ފާސްކުރީ 59 މެމްބަރުންގެ ވޯޓުންނެވެ. އެ ބިލު ފާސްކުރީ ރޭ މަޖިލީހުގެ ޖަލްސާގައި އެ ބިލަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހުށަހެޅުއްވި ދެ އިސްލާހާވެސް އެކުއެވެ.
ބިލަށް ތައުރީފުކުރައްވައި ސީޕީ ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުލުހުންގެ ހިދުމަތް ހަރުދަނާކޮށް، ކުރިއެރުމަށް އެޅުނު އެންމެ މުހިންމު ފިޔަވަޅަކީ ފުލުހުންގެ ބޯޑެއް އެކުލަވައިލަން ހިމެނުން ކަމަށާއި އެކަމަކީ ފުލުހުންގެ އެގްޒެކެޓިވް މެނޭޖްމަންޓުގެ ބޭފުޅުން ބޭނުންވެފައި ތިބި ބަދަލެއް ކަމަށެވެ. އަދި ވިދާޅުވީ މި ބަދަލަށް މިދިޔަ އަހަރު މެދުތެރެއިން ފެށިގެން ބާރު އަޅަމުން އައި ކަމަށާއި މި ބަދަލުގެ ސަބަބުން ފުލުހުންގެ މުއައްސަސާއަށް ހަރުދަނާވެގެންދާނެ ކަމަށެވެ.
"އާ ބޯޑުގެ އެންމެ މުހިންމު މަގުސަދަކަށް ވާނީ ފުލުހުން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށާއި ހަރުދަނާ ކުރުމަށް، މި ބޯޑާއެކު ފުލުހުން ރައްޔިތުންނަށް ދޭ ހިދުމަތުގެ ފެންވަރު ގާތުން ވަޒަންކޮށް، ޖަވާބުދާރީ ކުރުވޭނެ،" ހަމީދު ވިދާޅުވިއެވެ.
މީގެ އިތުރުން ލާމަރުކަޒީ އުސޫލުން ފުލުހުންގެ ހިދުމަތް އަތޮޅު ތެރެއަށް ފުޅާކުރުމާއި ފުލުހުންގެ ޝަކުވާތައް ބެލޭ ހާއްސަ ބޯޑަކާއި ތަހުގީގުތަކުގައި ހާއްސަ އުކުޅު ބޭނުންކުރުމަށް ޖާގަ ލިބޭ މާއްދާތައްވެސް ފާހަގަކުރައްވައި ވިދާޅުވީ މި ބިލު ފުލުހުންގެ މުއައްސަސާގެ ނަމުގައި ބަލައިގަންނަވާ ކަމަށެވެ.
ފުލުހުންގެ ކަންތައްތަކުގައި ގޮތް ކަނޑައަޅަން ބިލުގައި ބުނެފައިވާ ބޯޑު އެ ބިލު ގާނޫނަކަށްވެ އަމަލުކުރަން ފަށާތާ 14 ދުވަހުގެ ތެރޭގައި އެކުލަވައިލަން ޖެހޭއެވެ. ފުލުހުންގެ ސިޔާސަތުތައް ކަނޑައެޅުމުގައި ވަޒީރަށް ލަފާ ދޭ އެންމެ އިސް ފަރާތަކީ ވެސް އެ ބޯޑެވެ.
ޕޮލިސް ބޯޑު އެކުލަވާލާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ޕޮލިސް ކޮމިޝަނަރު ފިޔަވައި ސުޕްރިޓެންޓެންޑުން ފެށިގެން މަތީގެ ރޭންކުތަކުގައި ތިއްބެވި ފުލުހުންގެ އޮފިސަރުންގެ ތެރެއިން އެކި ތުހުމަތުތައް ކުރެވޭ އޮފިސަރުންގެ މައްސަލަ ބޯޑުން ބަލައި އެ ފަރާތްތައް މަގާމުގައި ބޭތިއްބުމާ މެދު އެ ބޯޑުން ގޮތެއް ނިންމަން ޖެހޭނެއެވެ.
ޕޮލިސް ބޯޑުން މައްސަލަތައް ބަލާނީ ލާއިންސާނީ އަމަލުތަކާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވިފައިވާ އޮފިސަރުންގެ މައްސަލަތަކެވެ. އަދި އެ މައްސަލަތައް ބަލައި ނިންމައި ވަކި ގޮތެއް ކަނޑައަޅަންދެން އެ ބޭފުޅުން މަގާމުގައި ދެމިތިބޭނެއެވެ.
މި ބިލުގައިވާ ގޮތުން ރައީސް އައްޔަންކުރައްވަން ޖެހޭ ޕޮލިސް ބޯޑު އެކުލެވިގެން ވަނީ ހަތް މެންބަރުންގެ މައްޗަށެވެ. އެއީ ރައީސް އައްޔަންކުރައްވާ ދެ މެންބަރުންނާއި ފަންނީ ދާއިރާއިން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މެންބަރުންނާއި އާންމުކޮށް ހުޅުވާލެވިގެން ހޮވާ އާންމު ރައްޔިތުންގެ ތެރެއިން ދެ މެންބަރުންނެވެ.
ފުލުހުންގެ ގާނޫނުގައިވާ ގޮތުން ބަޣާވަތް ކުރުމާއި އެކަމަށް ހިތްވަރު ދިނުމުގެ އިތުރުން ވަޒީފާއަށް ފިލުމަކީ ޖިނާއީ ކުށެކެވެ. ފުލުހުންގެ މުއައްސަސާ އޮޕަރޭޝަނަލް ހާލަތަށް ގެނެވިފައިވަނިކޮށް، ވެރިއެއްގެ އަމުރާ ހިލާފަށް ވަޒީފާއަށް ނުނުކުމެ ހުރުމާއި ބަޔަކާ ކުރިމަތިލާންޖެހޭ ހާލަތެއްގައި އެކަން އެނގިހުރެ ފިލުމާއި އަޅާނުލުންވެސް ހިމަނެއެވެ.
ފުލުހަކު ވަޒީފާއިން ފިލި ކަމަށް ބެލޭނެ ހާލަތްތަކެއް ބަޔާންކޮށްފައިވާ އިރު، މީގެ ތެރޭގައި ހުއްދަ ނެތި ޑިއުޓީ ދޫކޮށް ދިއުމާއި ހުއްދަ ނުހޯދައި 14 ދުވަސް ވަންދެން ވަޒީފާއަށް ހާޒިރުނުވެ ހުރުން ހިމެނެއެވެ.
ޚަބަރު
ޚަބަރު