ކޮވިޑް-19އާ ގުޅިގެން ވަޒީފާ ގެއްލުނު މީހުންނާއި ވަޒީފާއަށް އަސަރު ކޮށްފައިވާ މީހުންނަށް ސަރުކާރުން ދޭ، އިންކަމް ސަޕޯޓް އެލަވެންސް މިއަހަރުގެ ނިޔަލަށް ދޭން ނިންމައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނި ގޮތުގައި ކޮވިޑާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށް ސަރުކާރުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ދެވޭ އިންކަމް ސަޕޯޓު އެލަވަންސް ދިނުމުގެ މުއްދަތު މި އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ޑިސެންބަރު މަހުގެ ނިޔަލަށް އިތުރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމާފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މީގެ ކުރިން ވަނީ، އިންކަމް ސަޕޯޓް އެލަވަންސް ދޫކުރުމުގެ މުއްދަތު ޑިސެމްބަރު މަހާ ހަމައަށް އިތުރުކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެއަށްވުރެ މުއްދަތު އިތުރުކުރަން ޖެހިއްޖެ ނަމަ އެކަން ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެ އެލަވެންސަށް އެދި ހުށަހެޅުމުގެ ފުރުސަތެއް ހުޅުވައެއް ނުލަ އެވެ.
އިންކަމް ސަޕޯޓު އެލަވެންސްގެ ގޮތުގައި ފައިސާ ދޫކުރަން ފެށީ މެއި 20 ވަނަ ދުވަހުން ފެށިގެންނެވެ. މި އެހީ ދެނީ ކޮވިޑާ ގުޅިގެން އިގުތިސޯދަށް އެހީވާން ސަރުކާރުން އިއުލާނު ކުރި 2.5 ބިލިއަން ރުފިޔާގެ ރިލީފް ޕެކޭޖުގައި ހިމަނައިގެނެވެ.
ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހާ ހަމައަށް އިންކަމް ސަޕޯޓްގެ ގޮތުގައި 11,814 މީހަކަށް 143.8 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ.
އިންކަމް ސަޕޯޓް އެލަވަންސް
އިންކަމް ސަޕޯޓް އެލަވަންސް