ސަރުކާރުގެ ސީނިއާ ވަޒީރުކަމަށް ހެދިގެން، އިނދެ ސަރުކާރު ތެރެއިން ވަޒީރަކު ރައްޔިތުންގެ މަޖިލީހަށް ނުފޫޒު ފޯރުވަމުންގެންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާފެ މެންބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
އަލީ އާޒިމްގެ މިވާހަކަ ރައްދު ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ސަރުކާރުން ފޮނުުވައިގެން އަލީ އާޒިމް ސްޕޮންސާކޮށް މަޖިލީހަށް ހުށަހެޅި، ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަމުން އަލީ އާޒިމް ވިދާޅުވީ އެބިލު މުޅި މަޖިލީހުގެ ކޮމިޓީގައި ކުރިއަށްދިޔައިރު، ބިލަށް އޭނާ ހުށަހެޅި އެއްވެސް އިސްލާހެއް ބިލަށް ގެނެސްފައިނުވާ ކަމަށެވެ.
އެ ބިލު މަޖިލިސް ތަޅުމާ ހަމައަށް އައިސްފައި ވަނީ އޭނާ ހުށަހެޅުއްވި ކަންބޮޑުވުންތަކަށް، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ރިއާޔަތް ކޮށްގެންނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އެއް ކަންބޮޑުވުމަކީ، މުޅި މި ބިލުގައި ވަރަށްބޮޑަށް އެބަ އޮތް އިންޓަގްރޭޓެޑް ޓޫރިޒަމް ތަރައްގީކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ހިޔާލާތާއި އެ ފިކުރާއި ވިސްނުން، ނަމަވެސް ޑިވެލޮޕަރެއްގެ ގޮތުގައި އާއްމު ފަރާތްތަކަށް، އަމިއްލަ ފަރާތަށް މި ވިޔަފާރިއަށް ވަނުމުގެ ދޮރުތައް އޮތީ ވަރަށްބޮޑަށް ބަންދުވެފައި، ޑިވެލޮޕަރެއްގެ ގޮތުގައި ފަސޭހައިން އާއްމުންނަށް ވަދެވިގެން ދެވޭ ގޮތަށް އިސްލާހު ހުށަހެޅުމުން އެ ފާސްވެގެނެއް ނުދިޔަ،" އަލީ އާޒިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ސަރުކާރުން ވިޔަފާރީގެ ތެރެއަށް ވަނުމަކީ އެމްޑީޕީގެ ސިޔާސާތެއްނޫން ކަމަށް ވާތީ އެކަން އެގޮތަށް ނުކުރުމަކީ އެދޭ ކަމެއްކަމަށްބުނެ އިސްލާހު ހުށަހެޅުމުންވެސް އެކަމަށް ހައްލެއް ނުލިބުނު ކަމަށެވެ.
އެކަން ފާހަގަ ކުރައްވައި އަލީ އާޒިމް ވިދާޅުވީ، ރައްޔިތުންގެ ފިކުރާއި ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް އަދި ރައްޔިތުން ބޭނުންވާ ގޮތައް ކަންކަން ނުކޮށް އެ ގާނޫނު ސަރުކާރުން ފޮނުވިގޮތަށް ފާސްކޮށް މަޖިލީހުން ނެރުމަކީ އެމްޑީޕީގެ ބައެއް މެންބަރުންގެ ވިސްނުން ކަމަށެވެ.
އެ ވަޒީރު ރައްޔިތުންގެ މަޖިލިސް ސަރުކާރުގެ ރަބަރުސްޓޭމްޕަކަށް ހެދުމަށް މަސައްކަތް ކުރައްވާ ކަމަށްވެސް އަލީ އާޒިމް ވިދާޅުވިއެވެ.
"ބައިވަރު ރަނގަޅު އިސްލާހުތަކެއް ހުށަހެޅިން އެހެން ނަމަވެސް މި މަޖިލިސް ތަޣައްޔަރުކޮށް ކިލަނބު ކުރުމަށް ބަޔަކު އެބަ މަސައްކަތްކުރޭ ސަރުކާރު ތެރެއިން، ސަރުކާރުގެ ސީނިއާ ވަޒީރުކަމަށް ހެދިގެން ތިބެގެން މި މަޖިލިސް ތެރެއަށް އަތް ބާނައިގެން މިކަހަލަ ކަންތައްތައްކުރުމަށް އެބަ މަސައްކަތްކުރޭ، އެފަރާތްކަށް ދަންނަވަން ބޭނުން، މަޖިލިސް މަޖިލީހުގެ ގޮތުގައި ހިންގުމުގެ ފުރުސަތު ދޭށޭ، އެހެން ނޫނިއްޔާ ރައްޔިތުން ބޭނުންވާގޮތަށް ކަންތައްތަކެއް ނުހިންގޭނެ، މިތަނަކީ ރަބަސްޓޭމްޕް ޖަހާ ތަނެއްގެ ގޮތުގައި މަޖިލިސް ބަދަލުވެގެން ގޮއްސިއްޔާ ރައްޔިތުންނަށް ހިތްހަމަޖެހުމެއް، އުފާވެރިކަމެއް ނެތް،" އަލީ އާޒިމް ވިދާޅުވިއެވެ.
އަލީ އާޒިމްގެ ވާހަކައަށްފަހު، އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު ވާހަކަ ދައްކަވަމުން ވިދާޅުވީ ހައުސް މެޖޯރިޓީ ލީޑަރުގެ އެ ވާހަކަތަކާ ގުޅިގެން ވަރަށް ބޮޑު ނުތަނަވަސްކަމެއް ލިބިވަޑައިގެންފި ކަމަށެވެ. އަދި އަލީ އާޒިމަށް އެ ވަޒީރުގެ ނަން ވިދާޅުވާން ކެރިވަޑައި ނުގެންނެވި ނަމަވެސް އެ ވަޒީރަކީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލުކަމަށް މަޖިލީހުގެ ކުޑަދަށުގައި ވާހަކަ ދައްކާ އަޑު އައްސަވާފައިވާ ކަމަށްވެސް ޝިޔާމު ވިދާޅުވިއެވެ.
"މިއޮތް ވަރުގަދަ މަޖިލިސް ނުކުޅެދޭ ވާހަކަ ވިދާޅުވި، ވަޒީރަކު މުޅި މަޖިލިސް ކޮންޓްރޯލްކުރާ ވާހަކަ ވިދާޅުވި، އެމަނިކުފާނަށް ކެރިވަޑައިނުގަތީ، ނަމަވެސް ކުޑަދަށުން އަޅުގަނޑު އަޑުއަހަން އެއީ އިކޮނމިކް މިނިސްޓަރޭ ވިދާޅުވާ އަޑު،" ޝިޔާމު ވިދާޅުވުިއެވެ.
މަޖިލިސް މެންބަރު އަލީ އާޒިމް
މަޖިލިސް މެންބަރު އަލީ އާޒިމް
މަޖިލިސް މެންބަރު އަލީ އާޒިމް
މަޖިލިސް މެންބަރު އަލީ އާޒިމް