ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދައިގެން ފިޔަވަޅު އެޅުމުގެ ކުރިން އެކަން ސިޓީއަކުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވާފައިވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ އާޒިމް ވިދާޅުވީ މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާމެދު، ޕީޖީ ގްރޫޕުގެ މެންބަރުން އޭނާއާ ސުވާލު ކުރައްވަމުން ގެންދަވާ ކަމަށެވެ.

ނަމަވެސް މިހާރު އޮތް ސަރުކާރަކީ އެމްޑީޕީގެ ސަރުކާރެއް ނޫން ނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވީ އެމްޑީޕީ ޓިކެޓުގައި އިންތިހާބު ކާމިޔާބު ކުރައްވައިގެން ވަޑައިގެން ހުންނެވި ބޭފުޅަކަށްވާތީ، ރައީސަށް އެވާހަކަ ނުދަންނަވައި އެމަނިކުފާނުގެ ކެބިނެޓްގެ މެންބަރަަކަށް ކަމެއް ކުރުން ނުވަތަ މަގާމުން ވަކިކުރުން އެއީ ކުރާކަމެއް ނޫން ކަމަށްވެސް އަލީ އާޒިމް ވިދާޅުވިއެވެ.

އެހެންކަމުން ސިޓީއަކުން އެވާހަކަ ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާފައިވާ ކަމަށް އަލީ އާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއަދަކީ މަޖިލީހުގެ މިއަހަރުގެ ފަހު ޖަލްސާ ކަމަށެވެ. އެހެންކަމުން މަޖިލިސް ޗުއްޓީއަށްގޮސް އަންނައިރު މަލީހުގެ ވަކި ކުރުގެ މައްސަލައަށްވެސް އަލިމަގެއް ފެންނާނެ ކަމަށްވެސް އަލީ އާޒިމް ވިދާޅުވިއެވެ.

ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިގެން އޭނާ މަގާމުން ވަކި ކުރުމަށް އެމްޑީޕީން މަސައްކަތް ފެށީ، ރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެނައުމަށް ތާއީދު ނުކުރައްވައި، އެނިޒާމަކީ ސަރުކާރު ހިންގުމުގެ ތެރެއަށް މަޖިލިސް މެންބަރުން ވަދެ ބާރު ފޯރުވުންކަމަށް ވިދާޅުވެ މަލީހު ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.