ގދ. ތިނަދޫ ފަޅުތެރޭ އޮތް ދޯންޏެއްގައި އަލިފާން ރޯވެ، ހިނގި ހާދިސާގައި ފިހުނު އިތުރު މީހަކު ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެ އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު ވަނީ އެކަން "ވަން" އަށް ކަށަވަރު ކޮށްދެއްވައިފަ އެވެ.
މީޑިއާ އޮފިޝަލު ވިދާޅުވީ، އުމުރުން 32 އަހަރުގެ އެ މީހާއަކީ އެ ހާދިސާގައި ހަށިގަނޑުގެ 50 ޕަސެންޓް ފިހިގެން، އިތުރު ފަރުވާއަށް މިދިޔަ މަހުގެ 26 ވަނަ ދުވަހު އައިޖީއެމްއެޗަށް ގެންދިޔަ މީހެއް ކަމަށެވެ.
އޭނާއަށް ފުރަތަމަ ފަަރުވާ ދެމުން ދިޔައީ ސާޖިކަލް ވޯޑުގައި ކަމަށާއި ނަމަވެސް އޭނާ މަރުވީ މިމަހުގެ އެކަކުން ފެށިގެން ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަނިކޮށް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އެމްއެންޑީއެފުން ކުރިން ބުނެފައިވާ ގޮތުން މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ރޭ ތިނަދޫ ފަޅުތެރޭގައި އޮތް "ރާސްތާ" ނަމަކަށް ކިޔާ މަސްދޯނީގައި ރޯވީ، ދޯނީގައި ހުރި ގޭސްފުޅިއަކުން ގޭސް ލީކު ވެގެންނެވެ.
އެ ހާދިސާގައި ހަތަރު މީހަކަށް އަނިޔާވި އިރު، އިތުރު ފަރުވާއަށް މާލެ ގެނައި އިތުރު މީހަކު މިމަހުގެ އެއްވަނަ ދުވަހު ވަނީ މަރުވެފަ އެވެ. އުމުރުން 40 އަހަރުގެ އެ މީހާއަކީ އެ ހާދިސާގައި ހަށިގަނޑުގެ 40 ޕަސެންޓް ފިހިގެން، އައިސީޔޫގެ ވެންޓިލޭޓަރުގައި ފަރުވާ ދެމުންދިޔަ މީހެކެވެ.
މަރު
މަރު
މަރު