ނަމާދަށް ދިއުން އޮންނަގޮތަކީ، އެ ކުރާކަމެއް އަވަހަށް ކޮށް ނިންމާފައި ނަމާދަށް ދިއުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން، ދީނީ ބައެއް އިލްމުވެރިން ހިމެނޭގޮތަށް ގިނަ ބަޔަލު ސޯޝަލް މީޑިޔާގައި ފާޑު ކިޔައިފިއެވެ.

އިއްޔެ ހަވީރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލިސް ރައީސް އެހެން ވިދާޅުވީ، މަޣްރިބު ނަމާދަށް ބަންގި ގޮވަމުން ދިޔައިރުވެސް މަޖިލީހުގެ ބަހުސް ކުރިއަށްގެންދަވާތީ، އެއީ ނަމާދު ވަގުތުކަން ހަނދާން ކޮށްދީ އެހެން މެންބަރަކު ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލުގެ ބަހުސްގައި، އިނގުރައިދޫ ދާއިރާގެ މެންބަރު މެންބަރު ހަސަން އަހުމަދު ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް އެއީ ނަމާދުގަޑިކަމަށް ވިދާޅުވެ އެކަން ހަނދާން ކޮށްދެއްވީ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދެވެ.

ސައީދު އެކަން ހަނދާންކޮށްދެއްވުމުން، އިނގުރައިދޫދާއިރާގެ މެންބަރު އަސަން އަހުމަދު ވިދާޅުވީ ބަންގި ގޮވާއިރުގައިވެސް، ނަމާދަށް ވަޑައިނުގެން މާވަށު ދާއިރާގެ މެންބަރު އުނދަގޫކުރައްވާތީ އެވާހަކަ ފާހަގަކޮށްލަން ކަމަށެވެ. އަދި އެއީ ވާޖިބުކަމެއް ކަމަށާއި ނަމާދު ކުރައްވާނެ ކަމަށާއި ހަނދާންވެސް ނުނެތޭކަމަށް ވެސް ހަސަން ވިދާޅުވިއެވެ.

ހަސަންގެ ވާހަކަ ނިމުމުން މަޣުރިބު ނަމާދަށްފަހު މަޖިލީހުގެ ޖަލްސާ ނިންމަވައިލައްވަމުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، "ނަމާދުގައި އޮންނަގޮތަކީ އެ ކުރާކަމެއް އަވަހަށް ކޮށް ނިންމާފައި ނަމާދަށް ދިއުން، އެގޮތަށް އަޅުގަނޑުމެނަށް އަބަދުވެސް މިކަމުގައި އެނގިފަ އޮތް އެއްޗަކީ،" ކަމަށެވެ.

"ބައެއް މެންބަރުން މަޣުރިބު ނަމާދަށްފަހު އެބަ ވަޑައިގަންނަވާ އަޅުގަނޑުމެން މިހާރު މި ގަސްތު ކުރަނީ މެދުކަނޑާލަން. މެދުކަނޑާލުމަށްފަހު އެނބުރި އަޅުގަނޑުމެން ބައްދަލުވާނީ 7:45 ގައި، ނަމާދަށް އަރުއްވާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ މިހާރު އިޝާ ނަމާދަށް ގޮވަނީ 7:12 ގައިކަން، ދެން މަޣްރިބު ނަމާދަށް ހަމަ ދެންމެއަކު އެ ގޮވީ މާވަށު ދާއިރާގެ މެންބަރަށް ދަންނަވާލަން ބޭނުންވަނީ ނަމާދުގައި އޮންނަގޮތަކީ އެ ކުރާކަމެއް އަވަހަށް ކޮށް ނިންމާފައި ނަމާދަށް ދިއުން،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ އެ ވާހަކަތަކާ ގުޅިގެން ދީނީ އިލްމުވެރިންގެ ތެރެއިން ގިނަ ބަޔަކު ސޯޝަލް މީޑިޔާގައި ވިދާޅުވެފައިވަނީ އެއީ އެކަން އޮންނަ ގޮތް ނޫން ކަމަށެވެ.

އެގޮތުން ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ވިދާޅުވީ، ނަމާދަކީ، ވަގުތު ކަނޑައެޅިފައިވާ އަޅުކަމެއް ކަމަށާއި، އެއީ ތިމާ އަމިއްލައަށް ބޭނުން ގަޑިއެއްގައި ކުރަން އޮންނަކަމެއް ނޫން ކަމަށެވެ.

ޝެއިހު އަލީ ޒައިދު ވިދާޅުވީ، ނަމާދަކީ ކުރަން އޮތްކަމެއް ނިންމާފައި ހިތަށް އެރި ގަޑިއަކު ކުރން އޮންނަ އަޅުކަމެއް ނޫން ކަމަށެވެ. އެއީ ވަގުތު ކަނޑައެޅިގެންވާ ފަރުލެއް ކަމަށާއި ދީނުގެ ދެވަނަ ރުކުން ކަމަށްވެސް ވިދާޅުވިއެވެ. އަދި ކޮންމެ ނަމާދެއްވެސް އެ ނަމާދެއްގެ ވަގުތުގެ ތެރޭގައި ކުރެއްވުމަށް ހަނދާންކޮށްދެއްވާ ކަމަށްވެސް ވިދާޅުވިއެވެ.