މާލެ ސަރަހައްދުގައި ދިރިއުޅޭ 38،000 މީހުންނަށް ކޮވިޑް ޖެހިފައިވާ ކަމަށް ގައުމީ ޔުނިވާސިޓީން ހެދި އެންޓިބޮޑީ ސާވޭއިން ދައްކައިފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންޓިބޮޑީ ދިރާސާގެ ނަތީޖާތައް ކިޔައިދެއްވަމުން ޑރ. ރަހީމާ ވިދާޅުވީ، ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން 13.4 މީހުންގެ ގައިން އެންޓިބޮޑީ ފެނިފައިވާ ކަމަށެވެ. އެއީ މާލޭގެ އާބާދީގެ ނިސްބަތުން ބަލާނަމަ 38،000 މީހުންނެވެ.
އެންޓިބޮޑީ ހުރިކަމަށް ދައްކަނީ ކުރިން ކޮވިޑް ޖެހުމަށް ފަހު ރަނގަޅުވުމުންނެވެ.
"އަޅުގަނޑުމެންގެ މާލޭގެ އާބާދީއަކީ 20،8000 ކަމަށް ވަންޏާ ގާތްގަނޑަކަށް ކޮވިޑަށް ހުށަހެޅިފައި (ކުރިން ކޮވިޑް ޖެހިފައި ކަމަށް ބެލެވޭ މީހުން) މިވަނީ 38،000 މީހުން. އަޅުގަނޑު މިހެން ދެންނެވިޔަސް ފާހަގަކޮށްލަން ޖެހޭ ޕޮއިންޓަކީ މީގެ ތެރެއިން 87 ޕަސަންޓް މީހުން ކޮވިޑަށް ހުށަހެޅިފައިވާ ކަމަށް ދައްކާފައެއް ނުވޭ،" ޑރ. ރަހީމާ ވިދާޅުވިއެވެ.
ޑރ. ރަހީމާ ވިދާޅުވީ، އާބާދީގެ ނިސްބަތުން މާލޭގައި ދިރިއުޅޭ ބިދޭސީންގެ ގައިން އެންޓިބޮޑީ ހުރި ވަރު އިތުރު ކަމަށެވެ. އެގޮތުން މާލޭގައި ދިރިއުޅޭ ބިދޭސީންގެ 36.4 އިންސައްތަ މީހުންގެ ގައިން އެންޓިބޮޑީ ފެނިފައިވާ ކަމަށް ވިދާޅުވިއެވެ.
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މާލޭގައި ދިރިއުޅެނީ 19،485 ބިދޭސީންނެވެ. އެހެންކަމުން ދިރާސާއިން ދައްކާ ގޮތުގައި މާލޭގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން 7092 އެއްހާ މީހުންނަށް ކޮވިޑް ޖެހުމަށް ފަހު ވަނީ ރަނގަޅުވެފައެވެ.
މީގެ އިތުރުން ޑރ. ރަހީމާ ވިދާޅުވީ، އާބާދީގެ ބޮޑު ބަޔަކަށް އަދިވެސް ކޮވިޑް 19 ޖެހިފައި ނުވާތީ ކޮވިޑްގެ ނުރައްކާ އަދިވެސް އޮތް ކަމަށެވެ. އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅުއެޅުމަށް ޑރ. ރަހީމާ ވަނީ އިލްތިމާސްކުރައްވައިފައެވެ.
ހަތަރު ބުރަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ އެންޓިބޮޑީ ސާވޭގައި އެކިއެކި އުމުރުފުރާއިން 4،000 އަށްވުރެ ގިނަ މީހުންގެ ސާމްޕަލް ވަނީ ނަގައިފައެވެ. އޭގެ ތެރެއިން އެންޓިބޮޑީސް އެންމެ ގިނައިން ހުރިކަމަށް ދިރާސާއިން ދައްކަނީ މެދު އުމުރު (35 އަހަރާއި 59 އަހަރާ) ދެމެދުގެ މީހުންގެ ގައިންނެވެ.
ރާއްޖޭގައި މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 13،198 އަށް އަރައިފައެވެ. އޭގެ ތެރެއިން 12،321 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވެފައިވަނީ 47 މީހެކެވެ. އެއީ 40 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަ މީހަކާއި ފިލިޕީންސްގެ މީހެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު