ގައުމީ މާޝަލް އާޓްސް ސެންޓަރާއި ޓީޓީއަށް ހާއްސަ ފެސިލިޓީއެއް މިއަދު ހުޅުމާލޭ މިނީ ސްޕޯޓްސް ކޮމްޕްލެކްސްގައި ހުޅުވައިފިއެވެ.
އެ ދެ ފެސިލިޓީ ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ. އެމަނިކުފާނާއެކު ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި އެސޯސިއޭޝަންތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ. މިއަދު ހުޅުވި ޓީޓީ ފެސިލިޓީގެ އިތުރުން މާޝަލް އާޓްސް ފެސިލީޓީއަކީ ގިނަ ގޮތްގޮތުން ބަލާ އިރު، ތާރީހީ ފެސިލިޓީތަކެއްކަން މިނިސްޓަރު މަހުލޫފު ވަނީ ފާހަގަކުރައްވައިފައެވެ.
އެގޮތުން ޒަމާންތަކަކަށްފަހު ޓީޓީއަށް އާ ފެސިލިޓީއެއް ގާއިމުވެގެން ދިޔަ އިރު، މިއަދު ހުޅުވި މާޝަލް އާޓްސް ފެސިލިޓީއަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް މާޝަލް އާޓްސްއަށް ހާއްސަ އެސޯސިއޭޝަނެއް އެފެދި، އެކަމަށް ހާއްސަކޮށް ހުޅުވުނު ފެސިލިޓީއެވެ.
"މިއަދު މިތާ ހުޅިވެގެންދާ ޓީޓީ ފެސިލިޓީއަކީ 43 އަހަރަށްފަހު، ޓީޓީއަށް މާލެއިން ބޭރުން ލިބިގެން ދިޔަ ފުރަތަމަ ފެސިލިޓީ. މިއީ ޓީޓީ އެސޯސިއޭޝަންގެ ރައީސް އަލީއާއި ޝިއުރީ ފަދަ ބޭފުޅުން ވަރަށް ކޮންވިންސް ކޮށްދީގެން ކޮށްފައިވާ މަސައްކަތެއް. ދެން އަޅުގަނޑަށް ހީވަނީ އައިއޯއައިޖީއާއި ސާފް ގޭމްސްގައި ޓީޓީން އެ ހޯދި ކާމިޔާބަށް ބަލާފައި ދައްކާނެ ވާހަކައެއްވެސް ނެތްހެން. ރައީސް މިހާރު ވަނީ ޓީޓީއަށް ގާއިމުކުރާ ނޭޝަނަލް ސެންޓަރު ގާއިމުކުރާ ބިން ހަމަޖައްސަވައިދީ، އެތަން އިމާރާތް ކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައި،" މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު މަހުލޫފު ފާހަގަކުރެއްވިއެވެ.
މާޝަލް އާޓްސްއާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، އެސޯސިއޭޝަނުން ދެކޭ ފަދައިން، އެ ކުޅިވަރަކީ ސާފް ގޭމްސްއާއި އައިއޯއައިޖީ ފަދަ ޕްލެޓްފޯމްތަކުން ރާއްޖެއަށް މެޑަލްތަކެއް ގެނެވޭނެ ކުޅިވަރެއްކަން ގަބޫލުކުރައްވާ ކަމަށެވެ. އަދި އެކަމަށް މިސްރާބު ހިފުމަށް ފެސިލިޓީގެ މަސައްކަތްތަކަށް ސަރުކާރުން އެއްބާރުލުން ދެއްވާނެ ކަމަށް މަހުލޫފު ވަނީ ވައުދުވެވަޑައިގެންފައެވެ.
"މި ސަރުކާރުން ދައްކާ ވާހަކައާ އެއްވަރަށް އަމަލުން އެކަންވެސް ދައްކަމުންދާތަން މިފެންނަނީ. މީގެ ކުރިީގައި ކުޅިވަރަށް ކަންކަން ވަމުންދިޔަ ގޮތާއި، މިދިޔަ ދެއަހަރާ އަޅާބަލާފައި ބޮޑު ތަފާތުތަކެއް ފެންނަން އޮންނާނެ. އެކަމަށް ހެކިވާނެ ފަރާތްތަކަކީ ކުޅިވަރު އެސޯސިއޭޝަންތަކާއި، ކުޅިވަރުގެ އެތުލީޓުން. ކުޅިވަރު އެސޯސިއޭޝަންތަކުންނާއި އެތުލީޓުން އެކަން ގަބޫލުކުރައްވާކަމަށްޓަކައި ޝުކުރު އަދާކުރަން،" މިއަދުގެ ހަފުލާގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މަހުލޫފް އިތުރަށް ފާހަގަކުރެއްވީ ރައީސަކީ ކުޅިވަރު ދަންނަ ވެރިއަކަށްވުމަކީ ލިބުނު އެންމެ ބޮޑު ނަސީބު ކަމަށާއި ބައިނަލްއަގުވާމީ މުބާރާތް ބޭއްވުމަށް ރައީސް އަބަދުވެސް އެދޭ އެދުމުގެ މަތިން ޓީޓީގެ މުބާރާތްތަކަށްވެސް ތައްޔާރުވަމުން އަންނަ ކަމަށެވެ. އެގޮތުން ސައުތު އޭޝިއަން ޖޫނިއާ މުބާރާތް ނުވަތަ ކޮމަންވެލްތު ޖޫނިއާ މުބާރާތް ރާއްޖޭގައި ބޭއްވުމަށް މަސައްކަތް ކުރައްވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވެ، ކުޅިވަރުގެ އެސޯސިއޭޝަންތަކުގެ ކަންކަން، ހާއްސަކޮށް އެސޯސިއޭޝަންތަކަށް ބޭނުންވާ ފެސިލިޓީތަކުގެ ކަންކަން ބޮޑުތަނުން ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ. ގިނަ އަދަދެއްގެ އިންޓަނޭޝަނަލް ފެސިލިޓީތައް ގާއިމުކޮށް، ރާއްޖޭގައި ބައިނަލްއަގުވާމީ މުބާރާތްތައް ބާއްވަން ރައީސް މަސައްކަތް ކުރައްވައި، އެކަން ކާމިޔާބުވެސް ކުރައްވާފައިވާކަން ފާހަގަކޮށްލެވެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު